ޅ. ހިންނަވަރު ގެއަކުން ވަގަށް ނަގާފައިވާ މަސްދަޅު ކޭސްތަކެއް ހޯދައި، ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ހިންނަވަރު ގެއަކުން މަސްދަޅު ކޭސްތަކެއް ވަގަށް ނެގި ކަމަށް، އޭޕްރީލް 03 ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ހިންނަވަރު ގެއަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 16 މަސްދަޅު ކޭހުގެ ތެރެއިން 10 މަސްދަޅު ކޭސް، ރަށުގެ އެކި ފަރާތްތަކަށް ވިއްކާފައި ވަނިކޮށް ހޯދާފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.