ބަޔާން މިއުނިކަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ވިންގަރ އާޔެން ރޮބެން އަދި ފްރާންސްގެ ވިންގަރ ފްރޭންކް ރިބެރީގެ ކޮންޓްރެކްޓް ވަރަށް އަވަހަށް އެ ޓީމުން އާކުރާނެ ކަމަށް އެ ޓީމުގެ ޗީފް އެގްޒެކްޓިވް ކާލް ހެއިންޒް ރުމެނިގާ ބުނެފިއެވެ.
މި ދެ ކުޅުންތެރިންގެ ވެސް ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ނިމޭއިރު މި ދެ ކުޅުންތެރިން ވެސް ވަނީ ރަށުން ބޭރުގައި އޮގްސްބާގްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ބަޔާންއިން ބުންޑެސްލީގާގެ ތަށި ޔަގީންކުރި މެޗުގައި އެ ޓީމަށް ކުޅެފައެވެ. މި މެޗުގައި ރޮބެން ވަނީ ލަނޑު ވެސް ޖަހާފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ބަޔާންގެ ކޯޗު ޖުޕް ހެއިންކޭސް ވަނީ މި ދެ ކުޅުންތެރިންނަކީ ވެސް ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިންގެ ގޮތުގައި ސިފަކޮށްފައެވެ.
ބަޔާންގެ ޗީފް އެގްޒެކްޓިވް ރުމެނިގާ ބުނީ ކޮންޓްރެކްޓް އާކުރުމާމެދު ދައްކަން ޖެހޭ މާ ގިނަ ވާހަކަތަކެއް ނެތް ކަމަށެވެ. ނޫސްވެރިންނާ ވާހަކަ ދައްކަމުން ރުމެނިގޭ ބުނީ، ރޮބެން އަދި ރިބެރީ އާ ވާހަކަ ދެކެވިފައިވާ ކަމަށާއި ކޮންޓްރެކްޓްގެ މަޝްވަރާތައް އޭޕްރީލް މަހު ފެށުމަށް ދެ ކުޅުންތެރިން ވެސް ކްލަބާ އެކު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށެވެ. އޭޕްރީލް މަހު މަޝްވަރާތައް ފެށުމަށް ދެ ކުޅުންތެރިން ވެސް އެއްބަސްވެފައިވާއިރު، ބަޔާންއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމާ ގާތްވުމަކީ މާބޮޑު މައްސަލައެއް ކަމުގައި އެ ދެކުޅުންތެރިން ނުދެކޭ ކަމަށް އޭނާ ބުންޏެވެ.
އުމުރުން 34 އަހަރުގެ ރޮބެން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނީ މިއީ އޭނާ ބަޔާންގައި ހޭދަކުރާ އެންމެފަހު ސީޒަނަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި ކޮންމެ ކަމެއް ވެސް މި ދަނޑިވަޅުގައި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އޭނާ ބުނީ މިހާރު ކުރިޔަށް ވާންހުރި ކަންކަމާމެދު ނުވިސްނާ ކަމަށާއި މިހާރު ވިސްނަމުންދަނީ ސީޒަނުގައި ކާމިޔާބު ހޯދުމަށް ކަމަށެވެ.
ބުންޑެސްލީގާގެ ތަށި ބަޔާންއިން ޔަގީންކޮށްފައިވާއިރު އެ ޓީމަށް ޗެމްޕިއަންސް ލީގު އަދި ޖަރުމަނު ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް މި ސީޒަނުގައި އެބައޮތެވެ.