އިޓާލިއަން ސެރީއޭގައި ބެނެވެންޓޯއާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް ޕައުލޯ ޑިބާލާ ކާމިޔާބު ކުރި ހެޓްރިކާއެކު ޔުވެންޓަސްއިން ތާވަލުގެ ކުރީގައި އެ ޓީމަށް ލިބިފައިވާ ލީޑު ފުޅާކޮށްފިއެވެ.
ރަށުން ބޭރުގައި ތާވަލުގެ ފުލުގައި އޮތް ބެނެވެންޓޯއާ ދެކޮޅަށް ކުޅުނު މެޗުން ޔުވަންޓަސް މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު ސީޒަނުގެ ކުރީކޮޅު ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބު ކުރީ ވެސް ޔުވެންޓަސްއެވެ.
މެޗު ފެށިގެން ޔުވެންޓަސްއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ހުއާން ކުއަޑްރާޑޯގެ ތަނަވަސްކޮށްދިން ފުރުސަތަކުން 16 ވަނަ މިނެޓުގައި ޔުވެންޓަސްއަށް ޖަހައިދިނީ ޕައުލޯ ޑިބާލާއެވެ. އެހެން ނަމަވެސް އޭގެ އަށް މިނެޓު ފަހުން ޗެއިކް ޑިއަބާޓޭ ވަނީ ލަނޑެއް ޖަހާ ބެނެވެންޓޯއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި މަންޒުކިޗް ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައިވަނީ އެ ލަނޑު ޖެހުމުގައި އޭނާ އަތް ބޭނުންކޮށްފައިވާ ކަމަށެވެ. ޔުވެންޓަސްއަށް އަލުން އަނބުރާ މެޗުގެ ލީޑު ލިބިގެންދިޔައީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޑިބާލާ ކާމިޔާބުކުރި ޕެނަލްޓީއާއެކުއެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ ޔުވަންޓަސްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ވަނީ ފޯރިގަދަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންގޮސްފައެވެ. އެގޮތުން ޑިއަބާޓޭ ވަނީ 51 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އަނެއްކާ ވެސް ބެނެވެންޓޯއަށް ނަތީޖާ ހަމަހަމަކޮށްދީފއެވެ. އެހެން ނަމަވެސް މެޗުގެ 74 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ޑިބާލާ ވަނީ އަލުން އަނބުރާ މެޗުގެ ލީޑު ޔުވެންޓަސްއަށް ހޯދައިދީފައެވެ. ޔުވެންޓަސްއިން މެޗުގައި ޖެހި ހަތަރު ވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ޑަގްލަސް ކޮސްޓާއެވެ.
ސެރީއޭގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ފިއޮރެންޓީނާއިން ވަނީ ރަށުން ބޭރުގައި 2-0 އިން ރޯމާ ބަލިކޮށްފައެވެ. ސްޕަލް އަދި އެޓަލާންޓާ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު ސަމްޕްދޯރިއާ އަދި ޖެނޯއާ ކުޅުނު މެޗު ނިމިފައިވަނީ 0-0 އިން އެއްވަރުވެގެންނެވެ. ހަމައެހެންމެ ރަށުން ބޭރުގައި 1-0 އިން އިންޓަ މިލާން ވެސް ވަނީ ބަލިވެފައެވެ.
ސެރީއޭގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ކުޅުނު 31 މެޗުން ލިބުނު 81 ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު ދެވަނައިގައި 75 ޕޮއިންޓާއެކު އޮތީ ނަޕޯލީއެވެ. ތިންވަނަގައި 60 ޕޮއިންޓާއެކު ރޯމާ އޮތްއިރު ހަތަރުވަނައިގައި 59 ޕޮއިންޓާއެކު އޮތީ އިންޓަ މިލާންއެވެ.