ސްޕެނިޝް ލަލީގާގައި ލެގާނޭސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ވަރުގަދަ ބާސެލޯނާއިން ބަލިނުވެ 38 މެޗު ހަމަކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ލެގާނޭސްއާ ދެކޮޅަށް ކުޅުނު މެޗު ބާސާއިން ފަސޭހަކަމާއެކު ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު ސީޒަނުގެ ކުރީކޮޅު ލެގާނޭސްގައި ދަނޑުގައި ކުޅުނު މެޗު 3-0 އިން ކާމިޔާބުކުރީ ވެސް ބާސާއެވެ. ބާސާގެ ފުރަތަމަ އެގާރައިން އަންދްރޭ ގޯމޭޒް އާއި ތޯމަސް ވަމައެލެން އަދި ކުޓީނިއޯގެ އިތުރުން ޒުވާން ވިންގަރ އުސްމާން ޑެމްބެލޭއަށް ފުރުސަތު ދިންއިރު ލެގާނޭސްގެ ފުރަތަމަ އެގާރައިން ދެ ބަދަލެއް ވަނީ ފެނިގެންގޮސްފައެވެ.
ފުރަތަމަ ހާފު ފެށިގެން ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ލެގާނޭސްގެ ކީޕަރުގެ ފަރާތުން ރަނގަޅު ސޭވްތަކެއް ފެންނަމުންދަނިކޮށް ބާސާއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އެ ޓީމަށް ލީޑު ނަގައިދިނީ ލިއޮނެލް މެސީއެވެ. އޭގެ ފަސް މިނެޓު ފަހުން ފިލިޕޭ ކުޓީނިއޯ ތަނަވަސްކޮށްދިން ފުރުސަތަކުން ލަނޑެއް ޖަހާ މެސީ ވަނީ ބާސާގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ ބާސާއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް މެޗުގެ ކޮންޓްރޯލް ދަމަހައްޓާފައެވެ. ބާސާއިން ފުލުފުލުގައި ހަމަލާ އުފައްދަމުން ދަނިކޮށް ލެގާނޭސްއިން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެ ޓީމަށް މެޗުގެ 68 ވަނަ މިނެޓުގައި ލަނޑު ޖަހައިދިނީ އެލް ޒަހާރްއެވެ. މި ލަނޑަށްފަހު ބާސާއިން އެ ޓީމުގެ ކުޅުން ވަރުގަދަކުރިއިރު އެ ޓީމުގެ ފޯވާޑުންނަށް ވަނީ ލީޑު ފުޅާކުރުމަށް އިތުރު ފުރުސަތުތައް ލިބެ ބޭކާރުވެފައެވެ. މެޗުގެ 87 ވަނަ މިނެޓުގައި މެސީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މި މެޗުގައި މެސީ ކާމިޔާބުކުރި ހިލޭ ޖެހުމާއެކު އޭނާ ވެގެން ގޮސްފައިވަނީ ރޮނާލްޑީނިއޯގެ ފަހުން ލަލީގާގައި ހިލޭ ޖެހުމުން ހަ ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ ބާސާއިން މި މެޗު ކާމިޔާބުކުރުމާއެކު އެ ޓީމުން ވަނީ 1980 ވަނަ އަހަރު 38 މެޗުން ބަލިނުވެ ރެއާލް ސޮސިއެޑާޑްއިން ގާއިމުކުރި ރެކޯޑާއި އަރާހަމަކޮށްފައެވެ.
ސްޕެނިޝް ލަލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ސެވިއްޔާ ވަނީ ރަށުން ބޭރުގައި 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސެލްޓަ ވީގޯ އަތުން ބަލިވެފައެވެ. ރެއާލް ބެޓިސް 2-0 އިން އެއިބާ ބަލިކުރިއިރު އަލާވޭސް ވެސް ވަނީ މި ނަތީޖާއިން ގެޓާފޭ ބަލިކޮށްފައެވެ.
ކުޅުނު 31 މެޗުން ލިބުނު 79 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ބާސާ އޮތްއިރު ދެވަނައިގައި 67 ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯ މެޑްރިޑްއެވެ. ތިންވަނައިގައި 63 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތްއިރު ހަތަރުވަނައިގައި 62 ޕޮއިންޓާއެކު އޮތީ ވެލެންސިއާއެވެ.