އޭއެފްސީ ކަޕްގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުމަށް ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެ ގައުމަށް ފުރައިފިއެވެ.
ނިއު ބެންގަލޫރަށް ފުރާފައިވާއިރު މިއީ މި ގްރޫޕްގައި ކުޅޭ އެންމެ ވަރުގަދަ މެޗުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މެޗެވެ. މި މުބާރާތުގައި ނިއު ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ޑާކާ އަބްހާނީ އަތުން 1-0 އިން އެ ޓީމު މޮޅުވި އިރު ދެވަނަ މެޗުގައި ނިއު ވަނީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ ހެޓްރިކާ އެކު އިންޑިއާގެ އައިޒޮލް އެފްސީ 3-1 އިން ބަލިކޮށްފައެވެ.
ބެންގަލޫރު އެފްސީ ވެސް ވަނީ އަމިއްލަ ދަނޑުގައި ޑާކާ އަބްހާނީ 1-0 އިން ބަލިކޮށްފައެވެ. ހަމައެހެންމެ ބެންގަލޫރުން ވަނީ އައިޒޮލްގެ ދަނޑުގައި އެ ޓީމު 3-1 އިން ބަލިކޮށްފައެވެ.
ނިއުގެ ކޯޗު އޮސްކާ ބްރޫޒޯން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ ދެ ޓީމު ވެސް މިވަގުތު އޮތީ ޕޮއިންޓްގެ ގޮތުންނާއި ލަނޑުގެ ތަފާތުން ވެސް އެއްވަރުވެފައި ކަމަށާއި އެހެންކަމުން މި މެޗުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އޮސްކާ ބުނީ އޭނާގެ ޓީމަށް އިތުބާރު ކުރާ ކަމަށާއި ޖެހިޖެހިގެން 22 މެޗުން ނިއު މޮޅުވެފައިވާކަން އެންމެނަށް ވެސް ހަދާންކޮށްދޭން ބޭނުންވާ ކަމަށެވެ. އަދި މި މެޗާ ކުރިމަތިލާނީ އެކަން އެގޮތުގައި ކުރިޔަށް ގެންދިޔުމުގެ އުއްމީދުގައި ކަމަށާއި ރީތި މެޗަކަށް މި މެޗު ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ނިއުގެ ވައިސް ކެޕްޓަން އަކްރަމް އަބްދުލް ޣަނީ ބުނީ މެޗަށް ދާނީ މޮޅުވާން ކަމަށާއި ޓާގެޓަކީ މަދުވެގެން ޕޮއިންޓަކާ އެކު އެނބުރި އައުން ކަމަށެވެ. އޭނާ ބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްކުރާނީ މެޗުން މޮޅުވެގެން އަންނަން ކަމަށާއި އޭރުން ތާވަލުގެ ކުރީގައި ހަމަޖެހިލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަކްރަމް ބުނީ ބެންގަލޫރު އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެއްވެސް ޓީމަކަށް އެ ޓީމު ބަލިކުރެވިފައިނުވާ ކަމަށާއި އެހެން ނަމަވެސް ނިއު ދާނީ އެކަން ބަދަލުކުރަން ކަމަށެވެ.
މި ދެ ޓީމު ބައްދަލުކުރާ ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭއެވެ.