މިދިޔަ ސީޒަނަށް ވުރެ މި ސީޒަން އުނދަގޫވާނެކަން އެނގޭ ކަމަށް މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.
މިދިޔަ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި 3-1 އިން ޓޮޓެންހަމް އަތުން ބަލިވުމާ އެކު ޗެލްސީ އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އެ ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބުމަށް އޮތީ ވަރަށް ހަނި ފުރުސަތަކަށްވާއިރު އެ ޓީމު އޮތީ ހަތަރު ވަނައިގައި އޮތް ޓޮޓެންހަމްއަށް ވުރެ އަށް ޕޮއިންޓް ފަހަތުގައެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޮންޓޭ ބުނީ މި ސީޒަނަކީ އުނދަގޫ ސީޒަނަކަށް ވާނެ ސީޒަނެއް ކަމަށް އޭނާއަށް އެނގުނު ކަމަށާއި މި ހާލަތު ބަދަލުކުރެވޭނީ ހަމައެކަނި ކުޅުންތެރިންގެ ފަރާތުން ބުރަ މަސައްކަތް ފެނިގެން ކަމަށެވެ. ޗެލްސީ މި ސީޒަނުގައި ހޯދަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން ކޮންޓޭއަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު އޭނާ ބުނީ ފުޓްބޯޅައިގައި ކާމިޔާބު ލިބޭނީ މަސައްކަތްކުރާ މީހުންނަށް ކަމަށާއި ކުޅުންތެރިން އެ ކުޅުންތެރިއެއްގެ މައްޗަށް އޮންނަ އިތުބާރު ބޮޑު ނަމަވެސް ކާމިޔާބު ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މި ސީޒަނަކީ ކޮންޓޭ ޗެލްސީގައި ހޭދަކުރާނެ އެންމެ ފަހު ސީޒަންކަމުގައި ގިނަ ބަޔަކު ދެކޭއިރު އޭނާއާ އެކު އިޓަލީގެ ގައުމީ ޓީމަށް ކުޅުނު އަދި ޗެލްސީގެ ކޯޗުކަން މީގެ ކުރިން ކުރި ޖިއަންލޫކާ ވިޔާލީ ވަނީ ކޮންޓޭ މި ހަފްތާގެ ތެރޭގައި ޗެލްސީގެ ކޯޗުކަމުން އިސްތިއުފާދޭނެ ކަމަށް ބުނެފައެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޮންޓޭ ބުނީ ޖިއަންލޫކާއަކީ އޭނާގެ ރައްޓެއްސެއް ކަމަށާއި އެހެން ނަމަވެސް ޖިއަންލޫކާއާ ވާހަކަ ނުދައްކާތާ އެއް އަހަރު ވެފައިވާ ކަމަށެވެ.
ކޮންޓޭ ބުނީ ސީޒަން ފެށުނީއްސުރެ އެތަކެއް ވާހަކަތަކެއް އަޑުއިވިފައިވާ ކަމަށާއި މިއީ ހަމައެކަނި މިހާރު އޭނާއާ ގުޅުވައިގެން ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ. އެހެން ނަމަވެސް މިއީ ދޮގު ވާހަކަތަކެއް ކަމަށާއި ޗެލްސީއަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ކޮންޓޭ ބުނެފައިވެއެވެ. ކޮންޓޭ ބުނީ ޗެލްސީއާ އެކު އޭނާ ގާއިމުކޮށްފައިވާ ކޮންޓްރެކްޓެއް އެބައޮތް ކަމަށާއި އެ ކޮންޓްރެކްޓަށް އަބަދުވެސް އިހުތިރާމްކުރާނެ ކަމަށެވެ.
ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު ޗެލްސީއަށް ގާތްގަނޑަކަށް ގެއްލިފައިވާއިރު އޭނާ ވަނީ ކުޅުންތެރިން ކުރިޔަށް އޮތް ހަފްތާތަކުގައި ހިތްވަރު ކުރުމަށް ގޮވާލާފައެވެ. އޭނާ ބުނީ އެންމެ ފަހު މެޗުން ބަލިވުމަކީ ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅުމަށް ހުރިހާ ކުޅުންތެރިން ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭ ކަމަށެވެ. އެކަން ފަސޭހަނުވާނެ ކަމަށާއި އެހެން ނަމަވެސް ހަގީގަތް ގަބޫލުކޮށް އެ ފުރުސަތު ހޯދުމަށް ބުރަ މަސައްކަތްކޮށްފި ނަމަ އެކަން ވާނެ ކަމަށް ކޮންޓޭ ބުނެފައިވެއެވެ.
ޗެލްސީ މި ސީޒަނާއި ކުރިމަތިލީ ޗެމްޕިއަނުންގެ ގޮތުގައި ކަމަށްވާ އިރު އެ ޓީމަށް މި ސީޒަނުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއްވަރެއްގައި ކުޅުމުގެ ފެންވަރު ނުހިފެހެއްޓުމުގެ މައްސަލައެވެ. ޕްރިމިއާ ލީގުގައި ވެސް އެންމެ އާދައިގެ ޓީމުތައް އަތުން އެ ޓީމު ބަލިވެފައިވާއިރު ޗެމްޕިއަންސް ލީގުން އެ ޓީމު ކެޓީ ސްޕެއިންގެ ބާސެލޯނާ އަތުން ބަލިވެގެންނެވެ. ކޮންޓޭގެ ބަދަލުގައި ޗެލްސީގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރިކޭއެވެ.