މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ބައިނަލްއަގްވާމީ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ އޭޖެންޓް އޭނާ މެންޗެސްޓާ ސިޓީއަށް ހުށަހެޅި ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި ޕޮގްބާގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ހެންރިކް މިޚްތަރިޔާން ވެސް ސިޓީއަށް ހުށަހެޅުނު ކަމަށް ގާޑިއޯލާ ބުނެފައިވެއެވެ. މި ދެ ކުޅުންތެރިންގެ ވެސް އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަނީ ދުނިޔޭގެ ފުޓްބޯޅައިގައި ނުފޫޒު ގަދަ އޭޖެންޓެއް ކަމަށްވާ އިޓަލީގެ މިނޯ ރައިއޯލާއެވެ.
ރައިއޯލާއަކީ ދާދިފަހުން ޔުނައިޓެޑް ދޫކޮށް އެމެރިކާގެ މޭޖަރ ލީގު ސޮކާގެ އެލްއޭ ގެލެކްސީއަށް ބަދަލުވި ސްވިޑެންގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗްގެ ވެސް އޭޖެންޓެވެ. އިބްރަހިމޮވިޗް ގާޑިއޯލާގެ ކޯޗުކަމުގެ ދަށުގައި ހޭދަކުރި ދުވަސްތަކުގައި ކުރިމަތިވި ކަންކަމާ ގުޅިގެން ރައިއޯލާ ވަނީ ގާޑިއޯލާއަކީ "ކުއްތާ" އެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އެކަމަށް ރައްދު ދެމުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ރައިއޯލާއަކީ އޭނާ ދެކެ ވަރަށް ރުޅި އަންނަ އޭޖެންޓެއް ކަމަށާއި އެގޮތަށް އާނާ ދެކެ ހިތްހަމަނުޖެހޭ ގިނަ އަދަދެއްގެ އޭޖެންޓުން ތިބޭ ކަމަށެވެ. އޭނާ ބުނީ އެފަދަ ގޮތަކަށް ރައިއޯލާ އޭނާ ސިފަކުރަން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށާއި އޭނާއަކީ ރައިއޯލާ ބުނާހާ ގޯސް މީހެއް ނޫން ކަމަށެވެ.
ގާޑިއޯލާ ބުނީ ދުވަހަކު ވެސް ރައިއޯލާއާ ވާހަކަ ދައްކާފައިނުވާ ކަމަށާއި އެހެން ނަމަވެސް މީގެ ދެ މަސްކުރިން ޕޮގްބާ އަދި މިޚްތަރިޔާން އޭނާ ސިޓީއަށް ހުށަހެޅި ކަމަށެވެ. އޭނާ އެގޮތަށް ކަންކުރަންވީ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށާއި ޕޮގްބާ އަދި މިޚްތަރިޔާން ސިޓީގެ ޖާޒީގައި ފެންނަން ބޭނުންވި ސަބަބެއް ވެސް އޭނާއަށް ނުވިސްނޭ ކަމަށެވެ. އޭނާއަކީ ގޯސް މީހެއްގެ ގޮތުގައި ދެކޭ މީހަކު އެފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށާއި ގޯސް ކޯޗުންނަށް މޮޅު ކުޅުންތެރިން ރައިއޯލާ ހުށަހެޅުމަކީ ދެކޮޅު ނުޖެހޭ ކަމެއް ކަމަށް ގާޑިއޯލާ ބުނެފައިވެއެވެ.
އޭނާ "ކުއްތާ" އެއްގެ ގޮތުގައި ސިފަކުރުމަކީ ރައިއޯލާ ކުރި ގޯސްކަމެއް ކަމަށާއި ކުއްތާއިންނަށް ވެސް މީހުން އިހުތިރާމް ކުރަންޖެހޭ ކަމަށް ގާޑިއޯލާ ބުނެފައިވެއެވެ. ގާޑިއޯލާ ބުނީ އެގޮތަށް އެ ހުށަހެޅުން އައުމާއެކު އެ ހުށަހެޅުމަށް ފުރަގަސްދިން ކަމަށާއި ޕޮގްބާ ހޯދޭވަރަށް ސިޓީގައި ފައިސާ ނެތް ކަމަށެވެ. އެހެން ނަމަވެސް ޕޮގްބާއަކީ އެންމެ މަތީ ފަންތީގެ ކުޅުންތެރިއެއް ކަމަށް ވެސް ގާޑިއޯލާ ބުނެފައިވެއެވެ.
ބީބީސީ ސްޕޯޓްސްއާ ވާހަކަ ދައްކަމުން ޕޮގްބާގެ އޭޖެންޓް ރައިއޯލާ ބުނީ ކުޅުންތެރިން ހުށަހެޅީ ގާޑިއޯލާއަށް ނޫން ކަމަށާއި ކުޅުންތެރިން ހުށަހެޅީ މެންޗެސްޓާ ސިޓީގެ މެނޭޖްމަންޓަށް ކަމަށެވެ. އޭނާ ބުނީ ސިޓީއަކީ މޮޅު ޓީމެއް ކަމަށާއި އެ ޓީމުގެ ކޯޗަކީ ވެސް ވަރަށް ތަފާތު ކޯޗެއް ކަމަށެވެ.
ޕޮގްބާ އަދި މިޚްތަރިޔާން ސިޓީއަށް ހުށަހެޅުނުއިރު އޭނާ މިޚްތަރިޔާން ވަނީ ޔުނައިޓެޑް ދޫކޮށް އާސެނަލްއަށް ބަދަލުވެފައެވެ. ޕޮގްބާ ޔުނައިޓެޑްގައި މަޑުކުރި ނަމަވެސް އޭނާ އާއި ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯއާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ސެވިއްޔާ އަތުން ބަލިވެ ޔުނައިޓެޑް މުބާރާތުން ކެޓިއިރު ދެ ލެގުގައި ވެސް ޕޮގްބާ ކުޅެފައެއް ނުވެއެވެ.