މި ސަރުކާރުން ތަކެތީގެ އަގު ބޮޑު ކުރުމަށްފަހު މިހާރު އަގުހެޔޮ ކުރި ނަމަވެސް ރައްޔިތުންގެ ވޯޓެއް ރައީސް އަބްދުﷲ ޔާމިނަށް ދެން ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ( މުހައްމާ) ވިދާޅުވެއްޖެ އެވެ.
އިހަވަންދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި މުހައްމާ ވަނީ ތަކެތީގެ އަގު ބޮޑު ކުރީ ރައީސް ޔާމިން ނޫން ކަމަށް ހަދައި، އަގު ހެޔޮކުރީ އެމަނިކުފާނު ކަމަށް ދައްކަވަން މަސައްކަތްކުރާ ކަމަށް ވިދާޅުވެ އެކަމަށް ފާޑުވިދާޅުވެފަ އެވެ.
"ވަރަށް ހެޔޮފުޅު ކަމުންވެސް މި ރައީސް އެބަ ކަންތަކެއް އެބަ ކުރައްވާ. ވެރިކަން ފެށިގެން އައިރު ހަނޑޫ ހަކުރު ފުށް، 500 ރުފިޔާއަށް ލިބެމުންއައި އެއްޗެއް. މިނިސްޓަރ ސައީދު ތަކެތީގެ އަގު ބޮޑުކޮށްފި، ހެޔޮ ފުޅުކަމުން، ޔާމިންގެ ހެޔޮފުޅުކަމުން މިއަދު ކުރިން ހުރި އަގަށް. ކަރަންޓް ފެނަކައިން ބޮޑުކުރީ، ރައީސް ޔާމިނެއް ނޫނޭ. މިއަދު ޔާމިން ކުޑަ ކޮށްލީ. ނުލިބޭނެ ވޯޓެއް އެނގޭ މިއަދު ތިޔަ ކުރައްވާ ކަންތައް" މުހައްމާ ވިދާޅުވި އެވެ.
މި ސަރުކާރު އޮތީ ވަރަށް ބޮޑަށް ބަލިވެފަ ކަމަށާއި އަންނަ ރޯދަ މަހުގެ ކުރިން ސަރުކާރު ގާނޫނީ އިމުގެ ތެރެއިން ބަދަލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ގާނޫނުއަސާސީ އުނިއެއްޗަކަށް ރައީސް ޔާމިނަށްވީ އެމަނިކުފާނުގެ ވެރިކަން ނިންމުމަކަށް ގެނައުމަށް މަސައްކަތް ފެށުމުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމަށް ޕެޓިޝަނުގައި ސޮއިކުރެއްވީ މަސީހް މަގާމުން ދުރުރު ކުރެވޭނެކަން އެނގިވަޑައިގަންނަވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމާ ގުޅިގެން ރައީސް އަބްދުﷲ ކުރައްވާނެ ނުކުރައްވާނެ ކަމެއް އެނގިވަޑައިނުގެން މެމްބަރުންގެ ގޮނޑިތައް ގެއްލުވާލުމަށް މަސައްކަތް ފެއްޓެވި ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމިން ދައުލަތުގެ ތިން ބާރުގެ ތެރެއަށް ނުފޫޒު ފޯރުވައިގެން ކުރައްވާ މަސައްކަތަކީ އެކި ބޭފުޅުން ޖަލަށް ލުން ކަމަށެވެ. ކިތަންމެ ގިނަ ބަޔަކު ޖަލަށް ލައިގެންވެސް މި ވެރިކަން ނުހިފެހެއްޓޭނެ ކަމަށެވެ.
"މިއަދުގެ ސަރުކާރު މި އޮތީ ފަނި ކައިފައި، ކޮބަޑި ޖަހާފައި. ދޮނާގެ ދަތެކޭ މި ސަރުކާރެކޭ އެއްވަރު. ހަމަ ވެއްޓޭނެ،" މުހައްމާ ވިދާޅުވި އެވެ.
މީގެ އިތުރުން މުހައްމާ ވަނީ ރައީސް އަބްދުﷲ ޔާމިނަކީ ފިނިފެންމަލެއް ކަމަށް ވިދާޅުވެ އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ވާހަކައަށް ފާޑު ވިދާޅުވެފަ އެވެ.
"ސައީދަށް ދަންނަވާލަން ބޭނުން ޔާމިނަކީ ފިނިފެން މަލަކަސް އެހެން ކޮންމެ އެއްޗަކަށްވިއަސް، ތިޔަ ޔާމިނުގެ ތިޔަ މަލުގައި އޮތީ ހުސް ގުރުޑުފިޔަ އޭ. ހުސް ގުރުޑުފިޔަ. އެއްވެސް ވަހެއްވެސް ވެސް ނެތް. އެއްވެސް ކުއްޖަކު ލައިކްވާ ކަހަލަ ސިފައެއްވެސް ނެތް،" މުހައްމާ ވިދާޅުވި އެވެ.
އަދ ވިދާޅުވީ މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ތިން ފަނޑިޔާރުންވެސް ޖަލަށްލާނެ ކަމަށާއި އެހެން ގަބޫލު ކުރެވެނީ ކަންކަން ހިނގާ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައްލަވާ އެ ތިން ފަނޑިޔާރުންވެސް މި ބުނާ ހުކުމެއްގައި (އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު) ގައި ސޮއި ކުރެއްވި. އެ ބޭފުޅުން މި ވަގުތު ރަނގަޅު. މާދަމާ ވާނެ ގޮތެއް ﷲ ދެނިވޮޑިގެންވާނީ. ހަމަ ޖަލަށް އެނޫން ގޮތެއް ނެތް. އަޅުގަނޑު ހަމަ ދަންނަވާނީ ހަމަ އެހެން. އެއީ ފެންނާން ހުރި ކަންތައްތަކުން މި ވާހަކަ މި ދައްކަނީ،" އޭނާ ވިދާޅުވި އެވެ.