ރައީސް އަބްދުﷲ ޔާމީންގެ ނަން ބޯޑުގައި މިހާރު އަޅުވާފައިވަނީ "އެކްސްޕަޔާޑް" ބޯޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ހއ.އިހަވަންދޫގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އިސްލާހީ މަސައްކަތް ހުއްޓާލާނީ ރައީސް އަބްދުﷲ ޔާމީންގެ ނަމުގެ ކުރިޔަށް އޮތް ރައީސްކަން ކަނޑާލުމަށްފަހު ކަމަށާއި ރައީސް ޔާމީންގެ ނަންބޯޑުގައި މިހާރު އަޅުވާފައިވަނީ "އެކްސްޕަޔާޑް" ކަމަށެވެ. ޝާހީދު ވިދާޅުވީ ކަނޑާ ވައްޓާލާ ކޮންމެ ރުކަކަށް ދެ ރުކުގައި ދިދަ ނަގާނެ ކަމަށާއި ނަގާ ކޮންމެ ދިދަޔަކާއެކު ރާއްޖޭގެ ރައްޔިތުންގެ ހިތުގައި މިހާރު ޖަހަމުންދާ އިސްލާހުގެ ވިންދު ބާރުވަމުންދާނެ ކަމަށެވެ.
ރައީސް ޔާމީންގެ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އިސްލާމީ ދައުލަތެއްގެ ވެރިޔެއްގެ ނަމުގައި ރައީސް ޔާމީން މިހާރު ހިންގަވަމުންދަނީ ކަނޑައެޅިގެން އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ޖަރީމާތަކެއް ކަމަށެވެ. ރައީސް ޔާމީން މިހާރު ހިންގަވަމުންދާ އަނިޔާވެރި ޖަރީމާތަކަކީ މާތް ﷲ ގެ ޒާތުފުޅަށް ވެސް އެރަސްކަލާނގެ މަނާކުރައްވާފައިވާ ކަންކަން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އަނިޔާވެރިކަމުގެ ކުރިމަތީގައި ދިވެހި ރައްޔިތުން ބޯނުލަނބާނެކަން ރައީސް ޔާމީން ދަންނަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ރައްޔިތުންގެ އަޑެއް ނެރެން ހުރި ކޮންމެ ދިމާލެއްގައި ރައީސް ޔާމީން އަތްޕުޅު އަޅުއްވަމުންދާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އަދި ފުލުހުން އެމްޑީޕީގެ ދިދަތައް ނަގަމުންދާ ވާހަކަ އަށް އިޝާރަތް ކުރައްވައި ޝާހިދު ވިދާޅުވީ ދިވެހިންގެ ހިތްތަކުގައި ނަގާފައިވާ އެމްޑީޕީގެ ދިދައިގައި މި ސަރުކާރަށް އަތް ނޭޅޭނެ ކަމަށެވެ.