އެމްޑީޕީގެ ހއ. އިހަވަންދޫގައި އަލަށް ހަދައި މިރޭ ހުޅުވި ޖަގަހައަށް "ކައްވާލި ޖަގަހަ"އިގެ ނަން ދީފި އެވެ.
ގުޅިފައިވާ ޕާޓީތަކުން އިހަވަންދޫގައި ބޭއްވި ޖަލްސާގެ ކުރިން މި ހަރުގެ ހުޅުއްވައިދެއްވީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހްއެވެ. އަދި ޖަގަހައިގެ ބޭރުގައި އެމްޑީޕީގެ ދިދަ ނަންގައިވެއްދެއްވީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީ އަހުމަދު އަބްދުﷲއެވެ. މި ހަރުގޭގެ މަސައްކަތް 48 ގަޑައިރުގެ ތެރޭގައި ނިންމާލިއިރު އެ ހަރުގެ ތައްޔާރުކުރުމުގައި ހަރަކާތްތެރިވި އެއްވެސް ފަރާތަކުން އުޖޫރައެއް ނަގާފައެއް ނުވެއެވެ.
އިހަވަންދޫގައި "ކައްވާލި" ޖަގަހަ ހުޅުވަން މަޖުބޫރުވީ މީގެކުރިން ރާއްޖެޓީވީ ބެލުމަށް ބޭނުންކުރި "ނަލަ މައިޒާން" ފުލުހުން ރޫޅާލުމާއި ގުޅިގެންނެވެ. އެ ހަރުގެ ފުލުހުން ރޫޅާލީ އެތަނުގައި ގިނަ އަދަދެއްގެ ރައްޔިތުން ރާއްޖެޓީވީ ބަލަމުންދިޔުމާއި ގުޅިގެން ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުހަންމަދު ރަޝީދު ވިދާޅުވެފައިވެއެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް މިހެން ވިދާޅުވެފައިވާއިރު އެ ކައުންސިލްގެ ފަސް މެމްބަރުން ވެސް ވަނީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ.