ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ޤައުމުން އަނިޔާވެރިކަން ފިލުވައިލައި، އަމާން އައްސޭރިއަކަށް ވާޞިލުވުމުގެ މަގު އޮތީ ނުހަނު ގާތުގައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ ބަންދަށް ދެ މަސް ދުވަސް ފުރުމާ ގުޅިގެން ހުކުރު ދުވަހު ހަވީރު ރައީސް މަައުމޫންގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޤާނޫނީ ވެރިކަމެއްގެ މާނައަކީ އަދި ބޭނުމަކީވެސް ޤާނޫނުގެ ބާރު ހިނގާކަން ކަށަވަރު ކުރުން ކަމަށެވެ. ޤާނޫނުއަސާސީއަކީ ދިވެހި ދައުލަތް ހިންގަންވީ ގޮތް ކަމަށް ދިވެހިން އެއްބަސްވެފައިވާ ލިޔުމެއް ކަމަށާއި ޤާނޫނުގެ ބާރު ނުހިނގާ، ޤައުމުގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަނާއި ފަސާދަ އިތުރުވުމުން، އެކަންކަން ހުއްޓުވައި، ޤައުމު ހަމަ މަގަށް އެޅުވުމުގެ ޤާނޫނީ އަދި އަޚްލާޤީ ޒިންމާއެއް އޮތްކަމަށް ދެކިވަޑައިގެން، ސިޔާސީ ލީޑަރުންނާއިއެކު މަސައްކަތް ފެއްޓެވީ، އެއްވެސް ފަރާތަކުން ދައްކާނެ ބިރަކަށް ޖެހިލުންނުވެކަމަށް ބަޔާންނުގައި ވިދާޅުވެފައިވެ އެވެ.
" ދިވެހި ރައްޔިތުންގެ އިޞްލާޙީ މަސައްކަތުގައި ރައީސް މައުމޫން އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކާމިޔާބު ހޯއްދަވައި، ދާދި އަވަހަށް، ޤައުމު ހަމަމަގަށް އަޅުވާނެކަން ކަށަވަރު ވުމުން، ޤާނޫނުއަސާސީއާ ޚިލާފަށް، އެއްވެސް އަޞްލެއް ނެތް ކަމެއްގައި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްގެން، ރައީސް މައުމޫން ހައްޔަރުކޮށް، އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކަހެރިކޮށް ބަހައްޓާތާ މިއަދަށް 60 ދުވަސްވެއްޖެއެވެ. ނަމަވެސް، އެމަނިކުފާނުގެ ހިތްވަރުފުޅަކަށް ކުޑަވެސް ފަނޑުކަމެއް ނެތެވެ. ސާބިތުކަން ވީ އިތުރެވެ" ރައީސް މައުމޫން ނެރުއްވި ބަޔާނުގައި އެމަނިކުފާން ވިދާޅުވެފަވެއެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާންގެ މައްޗަށް އުފުއްލަވާފައިވާ ދައުވާގެ ލިޔުންތައް ލިބުނުއިރު، ޓެރަރިޒަމްގެ ޢަމަލެއް ހިންގުމަށްޓަކައި އެމަނިކުފާން ހިންގި ކަމަށް ބުނާ އެއްވެސް ޢަމަލެއް ދެއްކިފައި ނުވާ ކަމަށެވެ. އަދި އެމަނިކުފާންގެ މައްޗަށް ދަޢުވާއެއް އުފައްދައިގެން އުޅެނީ، ސަރުކާރުން އެމަނިކުފާނުގެ މަސައްކަތްޕުޅާމެދު ޖެހިލުންވާތީ، އިޞްލާޙީ މަސައްކަތް ހުއްޓުވުމަށް ކަމަށް އެމަނިކުފާން ވިދާޅުވިއެވެ. ނަމަވެސް ހުންނެވީ އެ މަސައްކަތް ހުއްޓަވާލައްވާ ގޮތަކަށް ނޫން ކަމަށާއި އެ މަނިކުފާނުގެ މައްޗަށް އުފުއްލަވާފައިވާ ޓެރަރިޒަމްގެ މިދައުވާއަކީ ސިޔާސީ ކުލަ ޖެހިފައިވާ، ދައުވާއެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ރައީސް މައުމޫން އެދިވަޑައިގެންނެވީ ، ރައްޔިތުން، އިޞްލާޙީ މަސައްކަތުގައި ސާބިތުވެ ތިއްބެވުމަށާއި އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި ފަސާދަ މިޤައުމުން ފޮހެލުމަށް ރައްޔިތުންކުރާ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިކަމަށްޓަކައި އެމަނިކުފާނު އުފާކުރައްވާކަން ފާހަގަކރައްވާފަ އެވެ.