ހައްދުންމަތީ ގަމުގައި ވެރިކަން ކުރާ ޕީޕީއެމުން ބާއްވާ ޖަލްސާގައި ބައިވެރިވުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަން މަޖުބޫރު ކުރަމުންދާކަމަށާއި، މުޅި ލ. އަތޮޅު މީހުން ގެނެސްގެން ވެސް 3000 މީހުން ހަމަ ނުކުރެވޭނެ ކަމަށް ލ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން ލ. ގަމުގައި ހުކުރު ދުވަހުގެރޭ ބާއްވާ ޖަލްސާ އާއި ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ޝަރީފް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒިފުން ޖަލްސާގައި ބައިވެރިވުމަށް "މަޖުބޫރު" ކުރަމުންދާ ކަމަށެވެ. އަދި ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މުވައްސަސާތަކުގެ ވަސީލަށްތަށް ނަހަމަ ގޮތުގައި ބޭނުން ކުރަމުން ދާ ކަމަށް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.
"3000 މީހުން ހަމަކުރުމަކީ ހުވަފެނެން" ލ. އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އަބްދުﷲ ޝަރީފް ވިދާޅުވީ ހައްދުންމަތީ ރައްޔިތުން ތިބީ ރައީސް ޔާމީނާއި ނުރުހިފައި ކަމަށާއި، ރައީސް މައުމޫނަން ނުހައްގުން ކުރާ އަނިޔާއާއި ދެކޮޅަށް ރައީސް ޔާމީން ވެރިކަމަށް ގެނެއުމަށް ބުރަކޮށް މަސައްކަތް ކުރި ގަމުގެ ޕީޕީއެމްގެ ގިނަ ބަޔަކު އަޑު އުފުލާ ކަމަށެވެ. އަދި ރައީސް މައުމޫންނަށް ތާއިދުކުރާ ރައްޔިތުން މިހާރު ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަކަން އޭނާ ފާހަގަކުރިއެވެ.
"ހައްދުންމަތީގައި 80 ޕަސެންޓް ރައީސް ޔާމީނަށް ނޫނަކޭ ބުނާނެ، ސަރުކާރުގެ މެޖޯރިޓީ އެންމެ ދެ ކައުންސިލްގައި އޮތީ، މި އަތޮޅަށް ވެފައިވާ އިހްމާލަށް ނޫނަކޭ ބުނާނެކަން ސާފުވޭ، 9 ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށް، ގަމުގެ 90 ޕަސެންޓްގެ ތާއިދު އޮތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް" އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.
'މިތިބޫ ރައީސް ޔާމީނާއި އެކު'ގެ ނަމުގައި ޕީޕީއެމުން ހުކުރު ދުވަހުގެރޭ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ގަމު ތުނޑީ އަވަށު ބަނދަރު ސަރަހައްދުގައެވެ. މި ޖަލްސާގައި ބައިވެރިވުމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އިތުރުން އެޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ގަމަށް ވަޑައިގެންފައެވެ.