ކ. މާލެ
|
5 އޭޕްރިލް 2018 | ބުރާސްފަތި 23:10
ޕެޕް ގާޑިއޯލާ
ޕެޕް ގާޑިއޯލާ
އޭއެފްޕީ
މެންޗެސްޓާ ސިޓީ
އަދިވެސް ކޮލިފައިވުމުގެ ފުރުސަތު އެބައޮތް: ގާޑިއޯލާ
ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުން ސިޓީ 3-0 ގެ ނަތީޖާއަކުން ބަލިވި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ކޮލިފައިވުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުން ސިޓީ 3-0 ގެ ނަތީޖާއަކުން ބަލިވިއިރު އެ ޓީމު ސެމީއަށް ދަތުރުކުރުމަށް ދެވަނަ ލެގު 3-0 އަކަށްވުރެ ބޮޑު ނަތީޖާއަކުން ކާމިޔާބުކުރަން ޖެހެއެވެ. ލިވަޕޫލް އިން 31 މިނެޓް ތެރޭގައި ސިޓީ ކޮޅަށް ތިން ލަނޑު ޖެހިއިރު އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ސަލާހު އަދި މާނޭގެ އިތުރުން ޗެމްބަލިންއެވެ. މި ސީޒަނުގެ ޕްރިމިއާ ލީގުގައި ވެސް ސިޓީ ވަނީ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުން 4-3 އިން ބަލިވެފައެވެ. އެހެން ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މި ދެ ޓީމު ކުޅުނު މެޗު 5-0 އިން ކާމިޔާބުކުރީ ސިޓީއެވެ.

މި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ އެއްވެސް މީހަކު އެ ޓީމު ސެމީއަށް މިހާރު ދަތުރުކޮށްފާނެ ކަމަށް ގަބޫލުކުރަން ބޭނުންނުވާނެ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް 90 މިނެޓު ބާކީ އެބައޮތް ކަމަށާއި ކުރެވޭނީ މަސައްކަތްކަމަށް އޭނާ ބުނެފައިވެއެވެ. ގާޑިއޯލާ ބުނީ އޭނާގެ ޓީމަށް ވަރަށް ބޮޑަށް އިތުބާރު ކުރާ ކަމަށާއި މި ސީޒަނުގައި ދައްކާފައި ވަނީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ. އެހެން ނަމަވެސް މި ނަތީޖާ ގަބޫލުކުރަން އުނދަގޫވާނެ ކަމަށާއި އެކަމާ ދެބަސްވެވެން ނެތް ކަމަށް ގާޑިއޯލާ ބުނެފައިވެއެވެ.

އޭނާ ބުނީ މިހާރު ހުރިހާ ނޫސްވެރިން ވެސް ބުނަމުންދަނީ ސެމީއަށް ދާނީ ބާސާ، ރެއާލް އަދި ބަޔާންގެ އިތުރުން ލިވަޕޫލް ކަމަށެވެ. އެހެން ނަމަވެސް އަންނަ ހަފްތާގައި ކުޅޭ ދެވަނަ ލެގަށް ފަހު ސެވިއްޔާ، ރޯމާ އަދި ޔުވެންޓަސްގެ އިތުރުން ސިޓީ ވެސް ސެމީއިން ފެނުމަކީ ވެދާނެ ކަމެއް ކަމަށް ގާޑިއޯލާ ބުނެފައިވެއެވެ. ލިވަޕޫލަކީ މޮޅު ޓީމެއް ކަމަށާއި އުއްމީދުގައި ކުޅުމަކީ އޭނާގެ ޓީމަށް ލިބިފައިވާ ހައްގެއް ކަމަށް ގާޑިއޯލާ ބުނެފައިވެއެވެ. އޭނާ ބުނީ މެޗުގެ ރިޕްލޭތައް ބެލުމަށް ފަހު މިއީ ބޮޑު "ކާރިސާ" އެއްގެ ގޮތުގައި ވެސް ލޭބަލް ކުރެވިދާނެ ކަމަށެވެ.
މި މެޗުން ސިޓީ ބަލިވި ނަމަވެސް އަންނަ ހޮނިހިރު ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެ ނަމަ އެ ޓީމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ޔަގީންވެގެންދާނެއެވެ. ތިން ލަނޑުގެ ލީޑެއްގައި އޮވެ ލިވަޕޫލް ދެވަނަ ލެގާއި ކުރިމަތިލާއިރު ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް މިފަދަ ބޮޑު ލީޑަކާ އެކު ކޮލިފައިނުވި ހަމައެކަނި ޓީމަކީ ފްރާންސް ޕީއެސްޖީއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް