ކ. މާލެ
|
5 އޭޕްރިލް 2018 | ބުރާސްފަތި 17:26
ލުއިސް އެންރިކޭ
ލުއިސް އެންރިކޭ
ގޯލް.ކޮމް
ލުއިސް އެންރިކޭ
ޗެލްސީގެ ކޯޗުގެ މަގާމާ އެންރިކޭ ހަވާލުވަނީ!
އޭނާ ހޯދުމަށް ޗެލްސީ އަދި އާސެނަލްއިން އަންނަނީ މަސައްކަތްކުރަމުން

އިނގިރޭސިވިލާތުގެ ޗެލްސީގެ ކޯޗުގެ މަގާމާ ސްޕެއިންގެ ލުއިސް އެންރިކޭ ހަވާލުވާން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ބާސާގައި ކާމިޔާބު ސީޒަންތަކެއް ވޭތުކުރުމަށް ފަހު އެންރިކޭ ވަނީ 2014 ވަނަ އަހަރު އެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވެ އެ ޓީމަށް ބޮޑު ކާމިޔާބުތަކެއް ހޯދައިދީފައެވެ. ބާސާގެ ސަޕޯޓަރުންގެ މެދުގައި ވެސް މަގްބޫލު އެންރިކޭ އެ ޓީމުގެ ކޯޗުގެ މަގާމުގައި ހޭދަކުރި ތިން އަހަރު އެ ޓީމަށް ދެ ސްޕެނިޝް ލަލީގާ އާއި އެއް ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ސުޕާ ކަޕެއްގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕެއް ވެސް ހޯދައިދިނެވެ. މިދިޔަ އަހަރު ބާސާގެ ކޯޗުގެ މަގާމު އަމިއްލައަށް ދޫކޮށްލި ފަހުން އެންރިކޭ އެހެން އެއްވެސް ޓީމަކަށް އިރުޝާދު ދީފައެއް ނުވެއެވެ.

އެންރިކޭގެ ސޮއި ހޯދުމަށް ޗެލްސީގެ އިތުރުން އެ ޓީމުގެ ވާދަވެރި އާސެނަލް އިން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެހެން ނަމަވެސް ޔޫޓިއުބް ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި އެންރިކޭ ބުނީ އޭނާ ހޯދުމަށް ކްލަބްތަކުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އޭނާ ގުޅޭނީ އޭނާ ވަރަށް ގަޔާވާ ކްލަބަކާ ކަމަށެވެ. ހަމައެހެންމެ އޭނާ ބުނީ ބާސާގައި ތިބި ފެންވަރުގެ ކުޅުންތެރިންނާއެކު އެހެން ޓީމެއްގައި އޭނާއަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ބާސާގެ ކޯޗުގެ މަގާމު އެންރިކޭ ދޫކޮށްލުމާ އެކު ގިނަ ބަޔަކަށް އެކަމުގެ ސަބަބުން ހައިރާންކަން ލިބިގެންދިޔައެވެ. އެހެން ނަމަވެސް އުމުރުން 47 އަހަރުގެ ކޯޗު ބުނީ ގިނަ ބަޔަކަށް އެކަމުން ހައިރާންކަން ލިބުނު ކަމުގައި ވިޔަސް އެ މަގާމު ދޫކޮށްލުމަށް އެއީ އެންމެ ރަނގަޅު ވަގުތު ކަމުގައި ދެކުނު ކަމަށެވެ. އޭނާ ބުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ކޯޗެއްގެ ގޮތުގައި ހުރުމަށް ފަހު އެ މަގާމު ދޫކޮށްލުމުން އެކަން ގިނަ މީހުންނަށް ހަޖަމް ނުވާނެ ކަމަށާއި އެހެން ނަމަވެސް އޭނާ އެކަމުގައި ދެރަވާ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އޭނާ ބުނީ ބާސާގެ ކޯޗެއްގެ ގޮތުގައި ހުރިހާ ވެސް ވަގުތަކާއި ހަކަތައެއް ދޭންޖެހެނީ ޓީމަށް ކަމަށާއި ނިމުން އައުމުން އެކަމަށް ފުރަގަސް ނުދެވޭނެ ކަމަށެވެ.

ކްލަބް ކޯޗެއްގެ ގޮތުގައި އެންރިކޭ އެނބުރި އައިސްދާނެ ކަމަށް ބެލެވޭއިރު އޭނާ ވަނީ ބައިނަލްއަގްވާމީ ޓީމަކަށް ކޯޗުކަން ކޮށްނުދޭނެ ކަމަށް ބުނެފައެވެ. އޭނާ ބުނީ ސްޕެއިންގެ ގައުމީ ޓީމަށް ކޯޗުކަންކޮށްދިނުމުގެ ފުރުސަތު ލިބުންވެގެންދާނީ ބޮޑު ޝަރަފަކަށް ކަމަށާއި އެހެން ނަމަވެސް މިހާރު އެ މަގާމުގައި ހުރި ކޯޗު އަންނަނީ އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދެމުން ކަމަށެވެ.

ބާސާގެ ކޯޗެއްގެ ގޮތުގައި އެ ޓީމަށް އެންރިކޭ 181 މެޗުގައި އިރުޝާދުދިން އިރު އޭގެތެރެއިން 138 މެޗުން އެ ޓީމު މޮޅުވިއެވެ. 21 މެޗުން ބަލިވިއިރު 22 މެޗުން އެއްވަރުވިއެވެ. އޭނާ ވަނީ ބާސާގެ އިތުރުން އިޓަލީގެ ރޯމާ އަދި ސްޕެއިންގެ ސެލްޓަ ވީގޯގެ ކޯޗުގެ މަގާމު ވެސް އަދާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް