ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 19:28
އިނގިރޭސި ގައުމީ ޖާޒީގައި ކޭން
އިނގިރޭސި ގައުމީ ޖާޒީގައި ކޭން
ގޯލް.ކޮމް
ހެރީ ކޭން
ކޭންއާއެކު ވޯލްޑް ކަޕްގެ ތަށްޓަށް އިނގިރޭސިވިލާތް ވާދަކުރާނެ
އަނިޔާގެ ސަބަބުން ކޭންއަށް ވޯލްޑް ކަޕް ގެއްލޭނެ ކަމަށް ބުނި
އެހެން ނަމަވެސް އޭނާ ވަނީ އަނިޔާއިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައި

ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއާއެކު ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގެ ތަށްޓަށް އިނގިރޭސިވިލާތް ވާދަކުރާނެ ކަމަށް ތަޖުރިބާކާރު ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފިއެވެ.

މިއަހަރުގެ ވޯލްޑް ކަޕާއި އިނގިރޭސިވިލާތް ކުރިމަތިލާއިރު އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ކޭންއެވެ. ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް ޕްރިމިއާ ލީގުގެ ރަން ބޫޓު ގެންދިޔަ ކޭން ވަނީ މި ސީޒަނުގައި މިހާތަނަށް 24 ލަނޑު ޖަހާފައެވެ. އަނިޔާގެ ސަބަބުން ކޭންއަށް ވޯލްޑް ކަޕް ގެއްލޭނެ ކަމަށް ބުނި ނަމަވެސް އޭނާ ވަނީ އަނިޔާއިން ސަލާމަތްވެ އާދިއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗުގައި ކުޅެން ނުކުމެފައެވެ.

މީގެކުރިން އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަން ކޮށްފައިވާ ކަޕެއްލޯ ބުނީ ކޭންއަކީ އެ ގައުމަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ ވަރަށް މޮޅު ފޯވާޑެއް ކަމަށެވެ. އޭނާ ބުނީ ކޭންއަކީ ކޮންމެ ޓީމަކުން ވެސް ބޭނުންވާނެ ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ ގޯލާއި ރައްޓެހި ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ ކޭންއަކީ ބޯޅަ ހޯދުމަށް މަސައްކަތްކުރާ ކުޅުންތެރިޔެއް ކަމަށާއި ބައެއް ފޯވާޑުންނާއި ހިލާފަށް އޭނާއަކީ ހަމައެކަނި ބޯޅަ ލިބެންދެން މަޑުކުރާ ކުޅުންތެރިޔެއް ނޫން ކަމަށެވެ. ކޭންއަކީ ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގައި އެންމެންގެ ވެސް ލޯ އަމާޒުވެގެންދާނެ ކުޅުންތެރިޔެއް ކަމަށް ކަޕެއްލޯ ބުނެފައިވެއެވެ.

ކަޕެއްލޯގެ އިރުޝާދުގެ ދަށުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އިނގިރޭސި ގައުމީ ޓީމު ނުކުތްއިރު އެ އަހަރުގެ މުބާރާތުން އެ ގައުމު ކެޓީ ޖަރުމަނު އަތުން ބަލިވެގެންނެވެ. އެހެން ނަމަވެސް އޭނާ ބުނީ މިއަހަރުގެ ވޯލްޑް ކަޕަށް ދާ އިނގިރޭސި ޓީމުގައި ތިބީ ޒުވާން ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިންގެ ކިބައިގައި ހުނަރާއި ފެންވަރު އެބަހުރި ކަމަށެވެ. އޭނާ ބުނީ އެ ކުޅުންތެރިން އެއްވެސް ޓެންޝަނެއް ނެތިވެ ކުޅެދާނެ ކަމަށާއި ނަމަވެސް އެ ކުޅުންތެރިންގެ ފިޒިކަލް ލެވެލްއާ މެދު ކަންބޮޑުވާ ކަމަށެވެ.

މިއަހަރުގެ ވޯލްޑް ކަޕްގައި އިނގިރޭސިވިލާތް ހިމެނިފައިވަނީ ބެލްޖިއަމް ޕެނަމާ އަދި ޓިއުނީޝިއާ އާއެކު ގްރޫޕް ސީގައެވެ. އިނގިރޭސި ގައުމީ ޓީމަށް 2015 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ކޭން ވަނީ އެ ގައުމަށް 23 މެޗު ކުޅެދީ 15 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ މިދިޔަ އަހަރު ހޮވި އިނގިރޭސިވިލާތުގެ އެންމެ މޮޅު ކުޅުންތެރިޔާވެސްމެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް