ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 17:36
ބަޔާން މެޗުން މޮޅުވި ލަނޑު ޖެހި ތިއާގޯ
ބަޔާން މެޗުން މޮޅުވި ލަނޑު ޖެހި ތިއާގޯ
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ފަހަތުން އަރައި ސެވިއްޔާ ބަލިކޮށް ބަޔާން ސެމީއާ ގާތަށް ޖެހިލައިފި
ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާންއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ފަހަތުން އަރައި ސްޕެއިންގެ ސެވިއްޔާ ބަލިކޮށް ޖަރުމަނުގެ ބަޔާން މިއުނިކް ސެމީ ފައިނަލުގެ ޖާގައަކާއި ގާތަށް ޖެހިލައިފިއެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާންއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. މިއީ މި ދެ ޓީމުގެ މެދުގައި ކުޅެވުނު ފުރަތަމަ މެޗަށްވާއިރު މިއީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސެވިއްޔާ ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ. ސެވިއްޔާ ކުއާޓާއަށް ދަތުރުކުރީ މެންޗެސްޓާ ޔުނައިޓެޑް ބަލިކުރުމަށް ފަހު ކަމަށްވާއިރު ބަޔާން ކުއާޓާގެ ޖާގައެއް ހޯދީ ތުރުކީގެ ބެސިކްޓަސް ބަލިކުރުމަށް ފަހުއެވެ.  އަމިއްލަ ދަނޑުގައި ބާސެލޯނާއާ އެއްވަރުވި ސެވިއްޔާގެ ޓީމަށް ހަތަރު ބަދަލެއް މި މެޗުގައި ފެނިގެންދިޔައިރު ބަޔާންގެ ޓީމުން ވެސް ވަނީ ހަތަރު ބަދަލެއް ފެނިގެން ގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މި ހާފުގެ ކުރީކޮޅު ސެވިއްޔާގެ ފޯވާޑް ޕަބްލޯ ސަރާބިއާއަށް ހުސް ފުރުސަތެއް ލިބިގެންދިޔައިރު އޭނާއަށް އެ ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ. އެހެން ނަމަވެސް މެޗުގެ 32 މިނެޓުގައި އެސްކުޑޭރޯ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ވަނީ ލަނޑެއް ޖަހާ ސެވިއްޔާއަށް މެޗުގެ ލީޑު ނަގައިދީފައެވެ. ސެވިއްޔާއިން ލަނޑު ޖެހިތާ ފަސް މިނެޓު ނުވަނީސް ބަޔާންއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ބަޔާންއަށް ނަތީޖާ ހަމަހަމަ ވެގެންދިޔައީ ޖީސަސް ނަވާސް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ. މި ހާފުގައި ބަޔާންއިން އެ ޓީމުގެ ކުޅުން ވަރުގަދަކުރިއިރު ސެވިއްޔާއިން ވަނީ ކައުންޓާގައި ބަޔާންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ބަޔާންއިން މެޗުގެ ލީޑު ނެގީ 68 ވަނަ މިނެޓުގައެވެ. ފްރޭންކް ރިބެރީ ނަގައިދިން ހުރަހަކުން ބަޔާންއަށް ލީޑު ނަގައިދިނީ ތިއާގޯ އަލްކަންޓާރާއެވެ. މި ހާފުގެ ފަހު ވަގުތުކޮޅުގައި ވެސް ބަޔާންގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއަށް ވަނީ އެ ޓީމުގެ ލީޑު އިތުރަށް ފުޅާކުރުމަށް ފުރުސަތު ލިބި ބޭކާރުވެފައެވެ.

މި މެޗުން މޮޅުވުމާއެކު ބަޔާންގެ ކޯޗުގެ މަގާމުގައި ހުރި ޖުޕް ހެއިންކޭސް ވަނީ ޖެހިޖެހިގެން 12 މެޗު ޗެމްޕިއަންސް ލީގުގައި ކާމިޔާބުކޮށްފައެވެ. އޭނާއާ އެއް އަދަދަކަށް އެހެން އެއްވެސް ކޯޗަކަށް ޖެހިޖެހިގެން މެޗު ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ބަޔާންގެ ދަނޑު ކަމަށްވާ އެލަޔަންޒް އެރީނާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް