ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 21:47
ލިވަޕޫލްގެ ކުރިޔަށް ކުޅެމުން އަންނަ ތިން ކުޅުންތެރިން
ލިވަޕޫލްގެ ކުރިޔަށް ކުޅެމުން އަންނަ ތިން ކުޅުންތެރިން
ގެޓީ އިމޭޖަސް
ޕެޕް ގާޑިއޯލާ
ލިވަޕޫލްގެ ފޯވާޑް ލައިނު ހުއްޓުވުން ގާޑިއޯލާއަށް ބޮޑު ގޮންޖެހުމަކަށް
މި ދެ ޓީމު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވާދަކުރާނެ

ލިވަޕޫލްގެ ކުރިޔަށް ކުޅެމުން އަންނަ ތިން ކުޅުންތެރިން ހުއްޓުވުން ވެގެންދާނީ ބޮޑު ގޮންޖެހުމަކަށް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މި ދެ ޓީމު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވާދަކުރާއިރު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މި ދެ ޓީމު ބައްދަލުކުރި މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލްއެވެ. މި މެޗުގައި ސިޓީ ކޮޅަށް ލިވަޕޫލްގެ ކުރިޔަށް ކުޅެމުން އަންނަ ތިން ކުޅުންތެރިން ކަމަށްވާ ސަދިއޯ މާނޭ އަދި މުހައްމަދު ސަލާހުގެ އިތުރުން ރޮބާޓޯ ފިރްމީނޯ ވެސް ލަނޑު ޖެހިއެވެ. މި ކުޅުންތެރިން ތެރެއިން ވެސް ސަލާހު ވަނީ މި ސީޒަނުގެ މިހާތަނަށް ލިވަޕޫލްއަށް 37 ލަނޑު ޖަހައިދީފައެވެ.

ލިވަޕޫލްގެ ފޯވާޑް ލައިނާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ސަލާހު ހުއްޓުވުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށާއި ހަމައެކަނި ސަމާލުކަން ދޭންޖެހެނީ އޭނާއަށް ނޫން ކަމަށެވެ. އޭނާ ބުނީ ފިރްމީނޯ އަދި މާނޭގެ އިތުރުން ސަލާހު ހުއްޓުވުމަކީ ނުވާނެ ކަމެއް ކަމަށާއި އެ ތިން ކުޅުންތެރިންނަކީ ވެސް ވަރަށް މޮޅު ތިން ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ ލިވަޕޫލް ކުޅޭ ގޮތަކީ ދެނެގަންނަން ވަރަށް އުނދަގޫ ގޮތެއް ކަމަށާއި އެ ޓީމަކީ ވަރަށް އަވަސް ކުޅުމެއް ކުޅޭ ޓީމެއް ކަމަށެވެ.

މި މެޗާއި ކުރިމަތިލާނީ ލިވަޕޫލްއަކީ ތަފާތު ޓީމެއްކަން ދަނެގެން ކަމަށާއި މިއީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ވުމާއެކު މި ހިސާބުގައި އެއްވެސް ޓީމެއް ފަސޭހަ ނުވާނެ ކަމަށް ގާޑިއޯލާ ބުނެފައިވެއެވެ. އޭނާ ބުނީ ލިވަޕޫލްއަށް އޭނާގެ ޓީމު ހުއްޓުވިއްޖެނަމަ އެކަމަށް މަރުހަބާ ކިޔާނެ ކަމަށާއި އޭރުން ދެން އަންނަ ސީޒަނުގައި މިއަށްވުރެ ބޮޑަށް ތައްޔާރުވެގެން އެނބުރި އަންނާނެ ކަމަށެވެ.

ގާޑިއޯލާ ބުނީ އޭނާއަކީ ނަތީޖާއަށް ވިސްނާ މީހެއް ނޫން ކަމަށާ ވިސްނަނީ ޓީމުގެ ފަރާތުން ފެންނަ ކުޅުމަށް ކަމަށެވެ. އޭނާ ބުނީ ނަތީޖާ ނެރެވޭނީ އަބަދުވެސް ރީތި ކުޅުމެއް ދައްކައިގެން ކަމަށާއި އެހެން ކަމުން ނަތީޖާއާ މެދު ވިސްނުމަކީ އޭނާ ދުވަހަކު ވެސް ކުރި ކަމެއް ނޫން ކަމަށެވެ. ގާޑިއޯލާ ބުނީ ލަނޑު ޖެހުމަކީ މުހިންމު ކަމެއް ކަމަށާއި އޭނާގެ ޓީމަކީ އަބަދު ވެސް ލަނޑު ޖެހުމަށް މަސައްކަތްކުރާ ޓީމެއް ކަމަށެވެ. އޭނާ ބުނީ މެޗު އެއްވަރުވެއްޖެނަމަ އެއީ ރަނގަޅު ނަތީޖާއެއްގެ ގޮތުގައި ނުދެކޭނެ ކަމަށާއި އަދި އެކަން ބަލައިގަންނަން ވެސް ދަތިވާނެ ކަމަށެވެ.

ޕްރިމިއާ ލީގުގެ ތަށި ސިޓީއިން ޔަގީންކޮށްފައިވާއިރު ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ލިވަޕޫލްގެ ދަނޑުގައި އެ ޓީމާއި ދެކޮޅަށް ސިޓީ ނުކުންނާނީ ބުދަ ދުވަހުގެ ރެޔެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް