ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 19:04
ޖޭމްސް ރޮޑްރިގޭޒް
ޖޭމްސް ރޮޑްރިގޭޒް
ގެޓީ އިމޭޖަސް
ޖޭމްސް ރޮޑްރިގޭޒް
ޖޭމްސްގެ ކޮންޓްރެކްޓް ދާއިމީ ކުރުމުގެ ވިސްނުމެއް ބަޔާންއިން ނުގެންގުޅޭ
ޖޭމްސް ބަޔާންއާ ގުޅުނީ ދެ އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކޮލޮމްބިއާގެ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭސް އެޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް ދާއިމީ ކުރުމުގެ ވިސްނުމެއް އެ ޓީމުން ނުގެންގުޅޭ ކަމަށް ބަޔާންއިން ބުނެފިއެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށް ހަމޭސް ބަޔާންއާ ގުޅުނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބަޔާންގެ ކޯޗުގެ މަގާމުގައި ސީޒަނުގައި ކުރީކޮޅު ހަވާލުވެގެން ހުރި ކާލޯ އަންޗެލޯޓީގެ އެދުމަކަށް އެ ޓީމަށް ގެނައި ޖޭމްސްގެ ކޮންޓްރެކްޓް ދާއިމީ ކުރަން ބަޔާންއިން ބޭނުންވާނަމަ އެ ޓީމުން ރެއާލްއަށް 42 މިލިއަން ޕައުންޑް ދައްކަންޖެހެއެވެ. އުމުރުން 26 އަހަރުގެ ޖޭމްސް އަންނަނީ ބަޔާންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގާ ބުނެފައިވަނީ ޖުޕް ހެއިންކޭސް ކޯޗުކަމާއި ހަވާލުވިފަހުން ޖޭމްސް އަންނަނީ ތަފާތު ދައްކަމުން ކަމަށާއި އޭނާ އެ ޓީމަށް ގެނައުމަކަށް އަންޗެލޯޓީ ކުރި މަސައްކަތަކީ ވަރަށް ކާމިޔާބު އަދި އެހާމެ ގިނަ ފައިދާތަކެއް މިހާރު ލިބިގެންދާ ކަމެއް ކަމަށެވެ. އޭނާ ބުނީ ޖޭމްސްގެ ކޮންޓްރެކްޓް ދާއިމީ ކުރުމަށް ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އެހެން ނަމަވެސް އެކަންކަން ކުރުމަށް އަވަސްވެގަންނަން ބޭނުންނުވާ ކަމަށެވެ.

ބަޔާންއަށް ބަދަލުވެ ޖޭމްސް އަންނަނީ އެ ޓީމުގެ ފުރަތަމަ އެގާރާގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. ޖޭމްސް ރެއާލް ދޫކޮށްލީ އެ ޓީމުގެ ފުރަތަމަ އެގާރައިން ގަވާއިދުން ފުރުސަތު ނުލިބުމުގެ ސަބަބުންނެވެ. ޖޭމްސް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ބަޔާންގައި ހޭދަކުރަމުންދާ ދުވަސްތަކާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ސީޒަނުގެ ކުރީކޮޅު ދަތިތަކަކާއި ކުރިމަތިވި ކަމަށެވެ. އާ ގައުމަކަށް ބަދަލުވާން ޖެހުމުން އެކަމުގެ ދަތިތައް ދިމާވި ކަމަށާއި އެހެން ނަމަވެސް މިހާރު ޖަރުމަނުގެ ފުޓްބޯޅައަށް ހޭނިފައިވާ ކަމަށް ޖޭމްސް ބުނެފައި ވެއެވެ.

އަމާޒަކީ މި ސީޒަނުގައި ވެސް ކާމިޔާބުކުރެވެން ހުރި ހުރިހާ މުބާރާތެއް ކާމިޔާބު ކުރުންކަން ފާހަގަކުރަމުން ޖޭމްސް ބުނީ ބަޔާންއަކީ ވެސް ރެއާލްއާ އެއްފަންތީގެއް ކްލަބެއް ކަމަށެވެ. މިއީ އާ ތަޖުރިބާއެއް ކަމަށާއި އެހެން ނަމަވެސް ބަޔާންގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށް މި އިންޓަވިއުގައި ޖޭމްސް ބުނެފައިވެއެވެ. އޭނާ ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން އޭނާ އަލުން އަނބުރާ ރެއާލްއަށް ގެންދަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު އޭނާވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ރެއާލްގައި ތިން ސީޒަން ހޭދަކުރުމަށް ފަހު ބަޔާންއަށް ބަދަލުވެ ޖޭމްސްވަނީ މިހާތަނަށް އެ ޓީމަށް މި ސީޒަނުގައި 28 މެޗު ކުޅެދީ ފަސް ލަނޑު ޖަހައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް