ނަސަންދުރަ ޕެލަސް ހޮޓެލް ކުއްޔަށް ދިން މައްސަލައިގައި ހަފްތާއެއްގެ ތެރޭގައި 74 މިލިއަން ރުފިޔާ ދައްކަން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް އެޑްރެސްކޮށް ފިނޭންސް މިނިސްޓްރީން މިދިޔަ މަރޗު މަހުގެ 28 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއެއްގައި ވަނީ ނަސަންދުރަ ޕެލެސް ހޮޓާ ހިންގުމަށް 2010 ވަނަ އަހަރު ގެލެކްސީ އެންޓަރޕްރައިސަސް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓުން އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ބަދަލުގައި އެއްބަސްވުން އުވާލައި "ޓޫރިސްޓް ރިސޯޓް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު ކުރުމަށް ފީ ނެގުމާ ބެހޭ ގަވައިދު" ގެ ދަށުން މުއްދަތު އިތުރުކުރުމަށް ފީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދައުލަތަށް ނުހޯދައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ލީސްހޯލްޑް ރައިޓްސް ގަނެފައިވާ ފަރާތް ކަމަށްވާ އެންޕީއެޗް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ) މެދުވެރިކޮށް އަލުން 50 އަހަރު ދުވަހުގެ އެއްބަސްވުމަކަށް ގޮސްފައިވާއިރު 74 މިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ސިޓީގައި ބުނެއެވެ.
މި އަމަލަކީ އަދީބު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލުކޮށްފައި ވާތީ ލިބިފައިވާ ގެއްލުމެއް ކަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުން އެނގޭ ކަމަށް މި ސިޓީގައި ބުނެފައިވެއެވެ.
އެހެން ކަމުން މި ފައިސާއަކީ އަދީބު ޒިންމާވާންޖެހޭ ފައިސާއެއް ކަމަށް ބަލައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 47 ވަނަ މާއްދާއަށް ރިޔާއަތްކޮށް 48 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކޮށް އެ ފައިސާއަކީ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށް ވެސް ސިޓީގައިވެއެވެ.
މި ސިޓީ ލިބޭތާ ހަފްތާއެއްގެ ތެރޭގައި ފައިސާ ދައްކަން އަންގާފައިވާއިރު ފައިސާ ނުދައްކައިފި ނަމަ، މާލިއްޔަތު ގާނޫނުގެ ދަށުން ގާނޫނީ ފިޔަވަޅު އެޅުމައްޓަކާއި އެމައްސަލަ އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމުގައި ބުނެފައިވެއެވެ.
ނަމަވެސް މި ކަމަށް ރައްދު ދެއްވައި އަދީބު ވަކީލް މޫސާ ސިރާޖް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަދީބު ދައުލަތަށް އެއްވެސް ފައިސާއެއް ދައްކަންޖެހޭ ކަމަށް މިހާތަނަށް އެއްވެސް ކޯޓަކުން ހުކުމް ކޮށްފައިނުވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކާ ހަވާލާދެއްވައި ވިދާޅުވީ އޭސީސީގެ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ދައުލަތަށް އެއްޗެއް ދެއްކުމަށް އެންގުމުގެ ބާރު މިނިސްޓްރީ އަށް ލިބިގެން ނުވާ ކަމަށެވެ.
VP Adeeb dhaulathah ehves faisaa eh dhakkan jehey kamah ehves court akun hukum kohfa eh nuvey. ACC ge report akah bina koh dhaulathah ehcheh dhekkumah engumuge baaru libigen nuvaakan SC 2012/SC-A/26 gazziya in saafukoh ingey. Minister @AhmedMunawar #Foinukiyaathy vaa goi. pic.twitter.com/Cw4ogJHAiI
— Moosa Siraj (@MoosesSiraj) April 3, 2018
ދައުލަތަށް 74 މިލިއަން ރުފިޔާ ދެއްކުމަށް އަދީބަށް އަންގާފައިވާއިރު މީގެ ކުރިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނަސަންދުރަ ދިން ކަމަށް ބުނެ އަދީބުގެ މައްޗަށް ޚިޔާނާތުގެ ދައުވާކުރުމަށް 2016 ވަނަ އަހަރުގެ ޖެނުއަރީ 3 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާފައިވެއެވެ.
ނަސަންދުރަ ހުރި ބިން، އިތުރު ބިމަކާ އެކު 50 އަހަރަށް ކުއްޔަށް ދޫކުރީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޮޑިޓަރ ޖެނެރަލް ތައްޔާރުކުރެއްވި ހާއްސަ އޮޑިޓްގައި ބުނެފައިވާ ގޮތުގައި ކުރިން އޮތް ނަސަންދުރައިގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީ އިން 2015 ވަނަ އަހަރުގެ ޖެނުއަރީ 27 ގައި ބާތިލްކޮށް، ހަމަ އެ ދުވަހު ނަސަންދުރައިގެ ބިމާއި އެތަނާ ޖެހިގެން ކުރިން އައިލެންޑް އޭވިއޭޝަން ސަރވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިން ވެސް އެމްއެމްޕީއާރުސީ އަށް ދިނުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީން ސޮއިކުރިއެވެ.
ނަސަންދުރަ ހުރި ބިން އެއްވެސް ބިޑްކުރުމެއް ނެތި އަދި އަޑި ނޭނގޭ ގޮތަކަށް ކުއްޔަށް ދީފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނެއް ކަމަށްވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ މަސްލަހަތު އޮންނަ ކުންފުންޏަކަށެވެ. އެ ކުންފުނިން އަންނަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން އެ ބިމުގައި ސިޓީ ހޮޓަލަކާއި ސާވިސް އެޕާޓްމަންޓްތަކެއް ހިމެނޭ ގޮތަށް ތަރައްގީކުރަމުންނެވެ.