ވެރިރަށް މާލޭގައި 24 ގަޑިއިރު ޚިދުމަތްދޭ ކެފޭ އާއި ފިހާރަ ހުންނަން ޖެހޭނެ ކަމަށް ކުރިން ވެސް ކަމާއި ބެހޭ ފަރާތްތަކަށް ދަންނަވާފައިވާނެ ކަމަށް މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
24 ގަޑިއިރު ޚިދުމަތްދޭ ތަންތަނުގެ ވާހަކަ ރޭ ސަރުކާރުން ހާމަކުރުމުގެ ކުރިން ރާއްޖެ ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ޝިފާ ވިދާޅުވީ މާލޭގައި ދަންވަރު ޝިފްޓުގައި ވެސް މަަސައްކަތް ކުރާ މީހުން ގިނަ އަދަދަކަށް ތިބޭ ކަމަށާއި، އެފަރާތްތަކަށް ޚިދުމަތްދޭން ބޭނުންވާ ތަންތަން ހުންނަން ޖެހޭ ކަމަށެވެ. އަދި މުދާ އުފުލުމަށް ގެނައި ބަދަލާއިއެކު މަޖޫރީންނަށް ބޭނުންވާ ޚިދުމަތްތައް ވެސް ލިބޭނެ ފަދަ އިންތިޒާމްތަކެއް ފުރިހަމަވެފައި ހުންނަން ޖެހޭ ކަމަށެވެ.
ޝިފާ ވިދާޅުވީ މާލޭގެ މަގުތަކުގެ މައްސަލައަކީ ހަމައެކަނި މުދާ އުފުލާތީ ޖެހިގެން އުޅޭ މައްސަލައެއް ނޫން ކަމަށެވެ. ބައެއް ބޭފުޅުންނަށް ފަސޭހައިން ގެޔަށް ދެވޭނެ ގޮތަށް މާލޭގެ މަގުތަކުގެ ޓްރެފިލް ފްލޯއަށް ބަދަލުގެނައުން ފަދަ ކަންކަމުގެ ސަބަބުން ވެސް މާލެ ތޮއްޖެހެން މެދުވެރިވާ ކަމަށް ޝިފާ ވިދާޅުވިއެވެ. ޚާއްސަކޮށް އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދަށް ގެނައި ބަދަލުގެ ސަބަބުން ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ބޮޑުކަން މޭޔަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މާލޭގެ މަގުތަކުގައި ޓެކްސީ ސްޓޭންޑްތަކެއް ވެސް ހަދަން ޖެހޭ ކަމަށް މޭޔަރ ވިދާޅުވިއެވެ.
"ޓެކްސީތައްވެސް މަގުމެދަށް ހުއްޓާފައި އަޅުގަނޑުމެންނަށް މިޖެހެނީ އަރަން. އޭގެ ސަބަބުން ވެސް އެބަ ދަތިތަކާއި ކުރިމަތިވޭ. އެހެންވީމަ ޓެކްސީ ހުއްޓާ ތަންތަން ހެދެން ޖެހޭނެ،" ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ މުދާ އުފުލުމުގެ މަސައްކަތް ކުރާ ފަރާތްތަކުން ގިނަ ޝަކުވާތަކެއް ސިޓީ ކައުންސިލާއި ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން 17 ގަޑިއިރު އެބޭފުޅުން ކުރައްވާ މަސައްކަތް ހަމައެކަނި ރޭގަނޑު ކުރާގޮތަށް ބަދަލުކުރުމުގެ ސަބަބުން ބޮޑެތި ތަކެއް ކުރިމަތިވާ ކަމަށް މުދާ އުފުލާ ފަރާތްތަކުން ފާހަގަ ކުރިކަމަށް ޝިފާ ވިދާޅުވިއެވެ.
"ހަމައެކަނި މުދާ އުފުލުގެ ގަޑިއަކު އެކަންޏެއް ނޫން މުދާ އުފުލާ މީހުންގެ މަސައްކަތް ބިނާވެގެން ވަނީ. ކަސްޓަމުން މުދާ ބޭރުކުރުމުގައި ވެސް ވަރަށް ގިނަ ކަންތައްތަކެއް ކުރަން އެބަޖެހޭ. އަދި މުދާ ބަރުކޮށް އެމްޕީއެލްއިން ބޭރުކުރުމާއި ދޭތެރޭ ވެސް ވަގުތުތަކެއް އެބަދޭ. އެހެންކަމުން ދުވާލު ގަޑީގައި ވެސް ނިކުމެގެން މިކަންކަންވަނީ."
ޝިފާވަނީ މާލެތެރެ ތޮއްޖެހުމާއި، މުދާ އުފުލުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް، މަޝްވަރާ ކުރުމަށް ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް ސިޓީ ކައުންސިލުން ހުށަހަޅާފައިވާ ގޮތާއި ޚިލާފަށް އެއްވެސް ފަރާތަކާއި މަޝްވަރާކުރުމެއް ނެތި ސަރުކާރުން މިފަދަ ނިންމެވުމަށް ނިންމެވުމުން ގިނަ ބަޔަކަށް އެކަމުގެ ދަތިތައް ވަނީ ފޯރާފައެވެ.