އިލެކްޝަންސް ކޮމިޝަންގެ 2016 ވަނަ އަހަރު ނިމުނުއިރު އެކޮމިޝަންގެ ހަރު މުދަލުގެ ހިސާބުތަކުގައި 4 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތަފާތުތަކެއް ހުރިކަމަށާއި ހަރުމުދަލުގެ ސައްޙަ ކަމެއް ނެތްކަން ފަޅާއަރައިފިއެވެ.
އެގޮތަށް ހާމަކޮށްފައި ވަނީ އޮޑިޓް އޮފީހުން ނެރުނު އިލެކްޝަންސް ކޮމިޝަންގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައެވެ.
އެރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮމިޝަންގެ 31 ޑިސެމްބަރު 2016 އަށް ނިމުނު މާލީ އަހަރުގެ މާލީ ބަޔާންތަކާއެކު އިތުރު މައުލޫމާތުގެ ގޮތުގައި ހުށަހަޅާފައިވާ މިލްކިއްޔާތުގެ ބަޔާނުގައި ހިމަނާފައިވާ ހަރުމުދަލުގެ އަގަކީ ހަރުމުދަލުގެ ރަޖިސްޓްރީ އިސްލާހު ކުރުމަށް ފަހު ހިމަނާފައިވާ ޢަދަދެއް ކަމަށް މިލްކިއްޔާތު ބަޔާނުގެ ހަރުމުދަލާއި ގުޅޭ ނޯޓްގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮމިޝަންގެ 31 ޑިސެމްބަރު 2015 އަށް ނިމުނު މާލީ އަހަރުގެ މިލްކިއްޔާތުގެ ބަޔާނުގައި އަހަރު ނިމުނުއިރު ހުރި ހަރުމުދަލުގެ އަގުގެ ގޮތުގައި ބަޔާންކޮށްފައިވާ ޢަދަދާއި 2016 ވަނަ އަހަރު ފެށުނުއިރު ހުރި ހަރު މުދަލުގެ އަދަދުގައި 4 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތަފާތެއް ހުރިކަން ވަނީ ފާހަގަ ކުރެވިފައި ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެއޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2015 ވަނައަހަރު ނިމުނުއިރު ހަރުމުދަލުގެ ގޮތުގައި ހުރި އަދަދާ 2016ވަނަ އަހަރު ފެށުނުއިރު ހަރުމުދަލުގެ ގޮތުގައި ހުރި އަދަދުގައި 4131625 (ހަތަރު މިލިއަން އެއް ސަތޭކަ ތިރީސް އެއްހާސް ހަސަތޭކަ ފަންސަވީސް ) ރުފިޔާގެ ތަފާތެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.
އެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2016 ވަނަ އަހަރުގެ މިލްކިއްޔާތުގެ ބަޔާނުގައި އަހަރު ނިމުނުއިރު ހުރި ފަރުނީޗަރު، މެޝިނަރީ އަދި އިކުއިޕްމަންޓްގެ އަގުގެ ގޮތުގައި ބަޔާންކޮށްފައިވާ ޖުމްލަ 25276611 (ފަންސަވީސް މިލިއަން، ދުއިސައްތަ ހަތްދިހަ ހަ ހާސް ހަސަތޭކަ އެގާރަ) ރުފިޔާގެ ސައްޙަކަން ވެސް ކަށަވަރު ނުކުރެވޭ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އެކޮމިޝަންގެ ހަރުމުދަލުގެ ރަޖިސްޓްރީގައި މުދާ ހުރިތަން ނޭނގޭ މުދަލުގެ ގޮތުގައި 409979 (ހަތަރު ލައްކަ ނުވަ ހާސް ނުވަ ސަތޭކަ ހަތްދިހަ ނުވައެއް) ރުފިޔާގެ 518 އައިޓަމެއް ހުރިކަން ފާހަގަ ކޮށްފައިވެއެވެ. އަދި އެތަކެތި އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުގައި ހުރިކަން ވެސް ޔަޤީންކުރެވިފައި ނުވާ ކަމަށް އެރިޕޯޓުގައި ވަނީ ބުނެފައެވެ.