އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ދިނުން ހުއްޓާލުމަށް ފަހު އެ ހިދްމަތް ދޭން ފަށައިފި އެވެ.
ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ކަމަށް ބުނެ އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ދިނުން ހުއްޓާލުމަށް ފަހު އިންޑިއަން ހައި ކޮމިޝަން އިން އަނެއްކާވެސް އެހިދުމަތް ދޭން ފަށާފައި ވަނީ މިދިއަ އަންގާރަ ދުވަހު އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރަހައްދީ މަސްލަހަތަށް އިސްކަން ދިނުމުގެ ބަދަލުގައި ޗައިނާއާއި ހާއްސަ ގުޅުމެއް ބާއްވާތީއާއި ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތަކާއި ގުޅިގެން އިންޑިއާއި ރާއްޖެއާ ދެމެދު ވަނީ ގުޅުން ގޯސްވެފަ އެވެ.
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރާއްޖޭގެ ހަމަނުޖެހުން އިންތިހާއަށް ގޮސްފައިވާއިރު، ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވެއެވެ. އޭގެ ފަހުން ރާއްޖެ އާއި އިންޑިއާ އާ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް އިތުރު ހީނަރުކަމެއް އައިސްފައި ވެއެވެ. އަދި އޭގެ ދުވަސްކޮޅެއްފަހުން އިންޑިއާ އިން ވަނީ ދިވެހިންނަށް ވިސާ ދޫކުރުން މަޑުޖައްސާލާފައި ވެއެވެ.