ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 21:59
މިލާން އަދި ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން
މިލާން އަދި ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ސެރީއޭ
އިޓާލިއަން ސެރީއޭ: މިލާން ބަލިކޮށް ޔުވެންޓަސްއިން ލީޑު ފުޅާކޮށްފި
އަމިއްލަ ދަނޑުގައި މިލާނާއި ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވީ 3-1 ގެ ނަތީޖާއަކުން

އިޓާލިއަން ސެރީއޭގައި އޭސީ މިލާނާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޔުވެންޓަސްއިން ތާވަލުގެ ކުރީގައި އެ ޓީމަށް ލިބިފައިވާ ލީޑު ފުޅާކޮށްފިއެވެ.

އަމިއްލަ ދަނޑުގައި މިލާނާއި ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލު ކުރި 1 މެޗުގެ ތެރެއިން ޔުވެންޓަސް ވަނީ ނުވަ މެޗު ކާމިޔާބު ކޮށްފައެވެ. ޔުވެންޓަސްގެ ޓީމުން ހަތަރު ބަދަލެއް ފެނިގެންދިޔައިރު މިލާންގެ ޓީމުން ވަނީ ތިން ބަދަލެއް ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުވެންޓަސްއިންނެވެ. މިރާލެމް ޕިޔާނިޗްގެ އެހީތެރިކަމާއެކު އެ ޓީމަށް މި ލަނޑު ޖަހައިދިނީ ޕައުލޯ ޑިބާލާއެވެ. މި ލަނޑަށް ފަހު މިލާނުން އެ ޓީމުގެ ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ލިއޮނާޑޯ ބޮނޫޗީ ވަނީ މެޗުގެ 28 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިލާނުން މި ހާފުގެ ބާކީ ބައިގައި ރަނގަޅު ކުޅުމެއް ދެއްކިއިރު ޔުވެންޓަސް ކުޅެފައިވަނީ ކައުންޓާއަށް ވިސްނައިގެންނެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވެސް ވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ރީތި ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި މިލާންގެ ހަމަލާއެއް ޔުވެންޓަސްގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު ޔުވެންޓަސްއިން ވަނީ މިހާފުގެ މެދުތެރެއިން އެ ޓީމުގެ ކުޅުން ވަރުގަދަ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 79 ވަނަ މިނެޓުގައި ހުއާން ކުއަޑްރާޑޯ ވަނީ ޔުވެންޓަސްއަށް ލަނޑެއް ޖަހައިދީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. ޔުވެންޓަސްގެ ތިންވަނަ ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ސަމީ ކެދީރާއެވެ.

ކުޅުނު 30 މެޗުން ލިބުނު 78 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ޔުވެންޓަސް އޮތްއިރު މިލާން އޮތީ 50 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް