ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 19:54
މި މެޗުގައި ތިން ލަނޑު ޖެހި ލެވަންޑޯސްކީ
މި މެޗުގައި ތިން ލަނޑު ޖެހި ލެވަންޑޯސްކީ
ގެޓީ އިމޭޖަސް
ބުންޑެސްލީގާ
ބުންޑެސްލީގާ: ބަޔާންއިން ޑޯޓްމަންޑް ލަދު ގަންނުވާލައިފި
ބަޔާންގެ ދަނޑުގައި ޑޯޓްމަންޑާއި ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން

ޖަރުމަނު ބުންޑެސްލީގާގައި ބޮރޫޝީއާ ޑޯޓްމަންޑް ކޮޅަށް ހަ ލަނޑު ޖަހައި ބަޔާން މިއުނިކް އިން އެ ޓީމު ލަދު ގަންނުވާލައިފިއެވެ.

ބަޔާންގެ ދަނޑުގައި ޑޯޓްމަންޑާއި ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިދިޔަ ހަފްތާގައި އާރްބީ ލީޕްޒީގް އަތުން ބަލިވި ބަޔާންގެ ޓީމުން ހަ ބަދަލެއް ފެނިގެން ދިޔައިރު ޑޯޓްމަންގެ ޓީމުން މާ ބޮޑު ބަދަލުތަކެއް ފެނިގެންގޮސްފައެއް ނުވެއެވެ.

ފުރަތަމަ ހާފު ފެށިގެން ބަޔާން އިން ވަނީ މޮޅު ކުޅުމެއް ދައްކައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެ ޓީމުން ވަނީ ފަސް މިނެޓު ނުވަނީސް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއެވެ. ބަޔާންގެ ދެވަނަ ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ޖޭމްސް ރޮޑްރިގޭޒް ޖަހައިދިން އިރު އެ ޓީމުގެ ތިންވަނަ ލަނޑު އޭގެ ނުވަ މިނެޓު ފަހުން ޖަހައިދިނީ ތޯމަސް މުލާއެވެ.

ބަޔާން އިން މި ލަނޑުތަކަށް ފަހު ވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލިއިރު އެ ޓީމުގެ ހަތަރު ވަނަ ލަނޑު މެޗުގެ 44 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ވެސް ލެވަންޑޯސްކީއެވެ. ފުރަތަމަ ހާފުގައި ބަޔާންއިން ފަސް ލަނޑު ޖެހިއިރު އެ ޓީމުގެ ފަސްވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމަށް ޖަހައިދިނީ ފްރޭންކް ރިބެރީއެވެ.

ދެވަނަ ހާފުގައި ޑޯޓްމަންޑުން ކުޅެފައިވަނީ ފަހަތަށް ޖެހިގެން ޑިފެންސަށް ވިސްނައިގެންނެވެ. ބަޔާން އިން ވެސް މި ހާފުގައި ހަމަލާ އުފެއްދުމަށް މާ ބޮޑު މަސައްކަތެއް ކޮށްފައިނުވާއިރު އެ ޓީމަށް މި ހާފުގައި ޖެހިފައިވަނީ އެންމެ ލަނޑެކެވެ. މެޗުގެ 87 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ލެވަންޑޯސްކީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މި މެޗުން މޮޅުވުމާއެކު ބަޔާން އިން ވަނީ ކުޅުނު 28 މެޗުން ލިބުނު 69 ޕޮއިންޓާއެކު ތަވާލުގެ އެއްވަނައިގައި އެ ޓީމަށް ލިބިފައިވާ ލީޑު 17 ޕޮއިންޓަށް ފުޅާ ކޮށްފައެވެ. ޑޯޓްމަންޑް އޮތީ ކުޅުނު 28 މެޗުން ލިބުނު 48 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް