ވިޔަފާރި ބަނދަރުން މުދާ ނެރެވޭ ގަޑިތަކަށާއި، ފިހާރަތަކާއި ގުދަންތަކަށް މުދާ ސަޕްލައިކުރާ ވަގުތުތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމި ނަމަވެސް، މުދާ އުފުލާ އަގުތަކަށް ބަދަލު ނުގެންނަ ކަމަށް ލޮރީ އަދި ޕިކަޕް ޑްރައިވަރުން ބުނެފިއެވެ.
އެމްޕީއެލް ސަރަހައްދުން މުދާ އުފުލާ ބައެއް ޕިކަޕް އަދި ލޮރީ ޑްރައިވަރުން ބުނީ މުދާ އުފުލާ ގަޑިތަކަށް އައި ބަދަލާއިއެކު ބައެއް ފަރާތްތަކުން މުދާ އުފުލައިދޭ އަގުތަކަށް ބަދަލު އައިސްފައިވާ ކަމަށް އަޑު ފެތުރި ނަމަވެސް، އެއީ ހަޤީގަތެއް ނޫން ކަމަށެވެ.
މީގެ ކުރިން ހެނދުނު 6:00 އިން ރޭގަނޑު 11:00 އަށް ޕިކަޕެއްގައި ވިޔަފާރި ބަނދަރުން މުދާ އުފުލައި ދެނީ ގަޑިއަކަށް 360ރ ގެ ރޭޓުންނެވެ. އަދި ބޮޑު ލޮރީއެއްގެ މުދާ އުފުލައި ދެނީ ގަޑިއަކަށް 420ރ ގެ ރޭޓުންނެވެ.
ރޭގަނޑު 11:00ގެ ފަހުން މުދާ އުފުލާނަމަ ޕިކަޕެއް ގަޑިއަކަށް 480ރ އަށް އަދި ލޮރީއެއް 600ރ އަށް މުދާ އުފުލައިދިނެވެ. ރާއްޖެ.އެމްވީ އާއި ވާހަކަ ދެއްކި ބައެއް ޑްރައިވަރުން ބުނީ ލޮރީތަކުން މިހާރުވެސް މުދާ އުފުލައިދޭނީ އެއަގަށް ކަމަށާއި، ލޮރީ ޑްރައިވަރުންގެ އަގުތަކަށް ބަދަލު ނާންނަ ކަމަށެވެ.
ބައެއް ފަރާތްތަކުން ލޮރީގެ އަގު 1000ރ އަށް އަރައިގެންދާނެ ކަމަށް ބުނެ އަޑު ފެތުރި ނަމަވެސް، ލޮރީ ޑްރައިވަރުންގެ ގިނަ ބަޔަކު ބުނީ އަގުތަކަށް ބަދަލު ނާންނަ ކަމަށެވެ.
ބައެއް ވިޔަފާރިވެރިން ބުނީ މީގެ ކުރިން އަގު ހެޔޮކޮށް ދުވާލު ގަޑީގައި ލޮރީގައި ގެނެވުނު ނަމަވެސް 200 ވަރަކަށް ރުފިޔާ އަގު ބޮޑުކޮށް ރޭގަނޑު ދަންވަރު މުދާ އުފުލަން ޖެހުމުން، އެކަމުގެ ސަބަބުން އަގުތަކަށް ބަދަލު އަންނާނެ ކަމަށެވެ.