ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 18:59
ސެވިއްޔާ ކޮޅަށް މެސީ ލަނޑު ޖަހަނީ
ސެވިއްޔާ ކޮޅަށް މެސީ ލަނޑު ޖަހަނީ
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ބެންޗުން އަރައި ބާސާގެ ރެކޯޑު މެސީ ސަލާމަތްކޮށްދީފި
ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން
މި ސީޒަނުގައި ކުޅުނު އެއްވެސް މެޗަކުން ބާސާ ބަލިވެފައެއް ނުވޭ

ސްޕެނިޝް ލަލީގާގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުން އަރައި ޖެހި ލަނޑާއެކު ބާސެލޯނާ މި ސީޒަނުގެ މިހާތަނަށް ލަލީގާގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑު ލިއޮނެލް މެސީ ސަލާމަތް ކޮށްދީފިއެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ސާޖިއޯ ބުސްކެޓްސް ބާސާގެ ޓީމުން ފެނިފައިނުވާއިރު ލިއޮނެލް މެސީ ވެސް މެޗު ފަށާފައިވަނީ ބެންޗުންނެވެ. މި ދެ ޓީމު ވެސް މި މެޗާއި ކުރިމަތިލާފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ނުކުތުމުގެ ކުރިން ރަނގަޅު ނަތީޖާތަކެއް ހޯދުމުގެ އުއްމީދުގައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ދެ ޓީމުގެ ކީޕަރުންގެ ފަރާތުން ވެސް މޮޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ސެވިއްޔާއިންނެވެ. މެޗުގެ 36 ވަނަ މިނެޓުގައި އެންހެލް ކޮރޭއާގެ އެހީތެރިކަމާއެކު އެ ޓީމަށް ލީޑު ނަގައިދިނީ ފްރޭންކޯ ވަސްކުއޭޒްއެވެ. މި ހާފުގޭ ބާކީ ބައިގައި ނަތީޖާ ބަދަލުކުރުމަށް ދެ ޓީމަށް މާ އެދެވޭ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ސެވިއްޔާއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ވެސް ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ. މި ހާފު ސެވިއްޔާއިން ވަރުގަދަކޮށް ފެށިއިރު އެ ޓީމުން ވަނީ 50 ވަނަ މިނެޓުގައި ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލުއިސް މުރިއެލްއެވެ. މި މެޗު ބާސާކޮޅަށް ބަދަލުވެގެންދިޔައީ މެސީ ބެންޗުން ކުޅެން އެރުމާއެކުއެވެ. މެޗުގެ 61 ވަނަ މިނެޓުގައި ސުއަރޭޒްގެ ހަމާލައެއް ދަނޑީގައި ޖެހުނުއިރު ރަކިޓިޗްގެ ހަމަލާއެއް ވެސް ވަނީ ދަނޑީގައި ޖެހި ކުޅުމުން ބޭރަށް ގޮސްފައެވެ.

ބާސާއިން މެޗުގައި ޖެހި ފުރަތަމަ ލަނޑު 88 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ޖެހިއިރު އޭނާ އެ ލަނޑު ޖެހިތާ މިނެޓެއް ނުވަނީސް މެސީ ވަނީ ލަނޑެއް ޖަހާ މި މެޗުން ބާސާއަށް ޕޮއިންޓެއް ހޯދައިދީފައެވެ.

މި މެޗުން ބަލިވިނަމަ ބާސާގެ ރެކޯޑު ނިމުމަކަށް އަންނަން އޮތް ނަމަވެސް ސެވިއްޔާއާ އެއްވަރުވުމާއެކު މި ސީޒަނުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑު ބާސާއިން ވަނީ ދަމަހައްޓާފައެވެ.

ކުޅުނު 30 މެޗުން ލިބުނު 76 ޕޮއިންޓާއެކު ބާސާއަށް ތާވަލުގެ އެއްވަނަ ލިބޭއިރު ސެވިއްޔާ އޮތީ ކުޅުނު 30 މެޗުން ލިބުނު 46 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ. ކުރިޔަށް އޮތް މެޗުގައި ސެލްޓަ ވީގޯއާ ދެކޮޅަށް ސެވިއްޔާ ނުކުންނައިރު ބާސާ ނުކުންނާނީ ލެގާނޭސްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް