ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 18:55
ލަސް ޕަލްމާސް އަދި ރެއާލް ކުޅުނު މެޗުގެ ތެރެއިން
ލަސް ޕަލްމާސް އަދި ރެއާލް ކުޅުނު މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ބޭލްގެ މޮޅު ކުޅުމާއެކު ރެއާލް މޮޅުވެއްޖެ
ރަށުން ބޭރުގައި ކުޅުނު މި މެޗުން ރެއާލް މޮޅުވީ 3-0 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގައި ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް ދެއްކި މޮޅު ކުޅުމާއެކު ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން ރެއާލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި ހަފްތާގައި ކުޅެން ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ތައްޔާރުވުމުގެ ގޮތުން ރެއާލްގެ މުހިންމު ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެއް ނުވެއެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ޓޯނީ ކްރޫސްގެ އިތުރުން ސާޖިއޯ ރާމޯސް މި މެޗުގައި ކުޅެފައެއް ނުވެއެވެ.

ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން މޮޅު އެޓޭކިން ފުޓްބޯޅައެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ނުރައްކާތެރި ހަމަލާތަކެއް ލަސް ޕަލްމާސްގެ ގޯލަށް އަމާޒުކޮށްފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ބޭލް އޮފްސައިޑް ލަނޑެއް ޖެހިއިރު އޭގެ ފަހުން އެ ޓީމުން އަމާޒުކުރި ހަމަލާތައް ހުއްޓުވުމަށް ލަސް ޕަލްމާސްގެ ކީޕަރު ވަނީ މޮޅު ސޭވްތަކެއްކޮށްފައެވެ. މެޗުގެ 26 ވަނަ މިނެޓުގައި ލޫކާ މޮޑްރިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ރެއާލްއަށް ލީޑު ނަގައިދިނީ ބޭލްއެވެ. މެޗުގެ 39 ވަނަ މިނެޓުގައި ރެއާލްގެ ލީޑު ފުޅާވެގެންދިޔައީ ބެންޒެމާ ކާމިޔާބުކުރި ޕެނަލްޓީއާއެކުއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ރެއާލްއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 51 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ތިންވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ވެސް ލިބުނު ޕެނަލްޓީއަކުން ރެއާލްއަށް ޖަހައިދިނީ ބޭލްއެވެ. ދެވަނަ ހާފުގެ މެދުތެރެއިން ލަސް ޕަލްމާސްއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު 76 ވަނަ މިނެޓުގައި އެ ޓީމުން ފޮނުވާލި ހަމަލާއެއް ވަނީ ރެއާލްގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.  

މި މެޗު ވެގެންދިޔައީ އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒޭމާ އެ ޓީމަށް ކުޅުނު 400 ވަނަ މެޗަށެވެ. ހަމައެހެންމެ މި މެޗުގައި ޖެހި ދެ ލަނޑާއެކު ބޭލް ވަނީ މި އަހަރުގެ މިހާތަނަށް ރެއާލްއަށް ނުވަ ލަނޑު ޖަހައިދީފައެވެ.

ސްޕެނިޝް ލަލީގާގައި ކުޅުނު 30 މެޗުން ލިބުނު 63 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި ރެއާލް އޮތްއިރު ލަސް ޕަލްމާސް އޮތީ 21 ޕޮއިންޓާއެކު ތާވަލުގެ 18 ވަނައިގައެވެ. ކުރިޔަށް އޮތް މެޗުގައި ލެވާންޓޭއާ ދެކޮޅަށް ލަސް ޕަލްމާސް ނުކުންނައިރު ރެއާލް ނުކުންނާނީ އެޓްލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް