ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 17:57
މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ތަށި ކާމިޔާބުކުރުމާއި އެއް ފިޔަވަޅު ގާތަށް ސިޓީ ޖެހިލައިފި
ރަށުން ބޭރުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ސިޓީއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން
އަންނަ ހަފްތާގައި ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ ޕްރިމިއާ ލީގުގެ ތަށި ޔަގީންވާނެ

އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ކާމިޔާބު ކުރުމާއި އެއް ފިޔަވަޅު ގާތަށް މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.

ރަށުން ބޭރުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ސިޓީއިން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން މޮޅުވުމާއެކު ކުރިޔަށް އޮތް މެޗު ސިޓީއިން ކާމިޔާބުކޮށްފިނަމަ އެ ޓީމަށް ޕްރިމިއާ ލީގުގެ ތަށި ޔަގީންވެގެންދާނެއެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ސާޖިއޯ އަގުއޭރޯ ކުޅެފައިނުވާއިރު އޭނާގެ ބަދަލުގައި އެ މަގާމަށް ކުޅެފައިވަނީ ގެބްރިއެލް ޖީސަސްއެވެ. އެވަޓަންގެ ޓީމުން ވެސް ދެ ބަދަލެއް ފެނިގެންދިޔައިރު ސިޓީއިން މި މެޗަށް ނެރެފައިވަނީ ވަރުގަދަ ފުރަތަމަ އެގާރައެކެވެ.

ފުރަތަމަ ހާފު ފެށިގެން ސިޓީއިން ވަނީ މޮޅު ކުޅުމެއް ދައްކައި ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ ފެށިގެން ހަތަރު މިނެޓު ނުވަނީސް ސިޓީއިން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގިއިރު އެ ޓީމަށް މި ލަނޑު ޖަހައިދިނީ ލެރޯއި ސާނޭއެވެ. ތަކުރާރުކޮށް ސިޓީއިން އުފައްދަމުން ދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމުން ލީޑު ފުޅާކުރުމެވެ. ކެވިން ޑެބްރައިންގެ އެހީތެރިކަމާއެކު އެ ޓީމަށް މި ލަނޑު ޖަހައިދިނީ ޖީސަސްއެވެ. ސިޓީއިން ވަނީ މެޗުގެ 40 މިނެޓު ނުހިގަނީސް އެވަޓަން ކޮޅަށް ތިން ލަނޑު ޖަހާފައެވެ. ސިޓީގެ ތިންވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ ރަހީމް ސްޓާލިންއެވެ.

ސިޓީއިން ތިން ލަނޑުގެ ލީޑެއްގައި އޮވެ ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެހެން ނަމަވެސް މި ހާފުގައި އެވަޓަންއިން ވެސް ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ސިޓީގެ ގޯލާއި ހަމަލާތަކެއް އަމާޒުކޮށްފައެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓުގައި ޔަނިކް ބޮލާސީ ވަނީ ލަނޑެއް ޖަހާ އެވަޓަންއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މި ލަނޑަށް ފަހު ވެސް ދެ ޓީމަށް ނަތީޖާ ބަދަލުކުރުމަށް އިތުރު ފުރުސަތުތައް ލިބިގެންދިޔައިރު ދެ ޓީމުން ކުރެ ޓީމަކަށް ނަތީޖާއަށް ބަދަލެއް ގެނެވިފައެއް ނުވެއެވެ.

މި މޮޅާއެކު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގުގައި 50 މޮޅު ދެވަނައަށް އެންމެ އަވަހަށް ހަމަކުރި ކޯޗަށެވެ. ހަމައެހެންމެ އެ ޓީމުން ވަނީ މި ސީޒަނުގެ މިހާތަނަށް އައިއިރު ޕްރިމިއާ ލީގުގައި ކުޅޭ އެހެން ހުރިހާ ޓީމެއް ބަލިކޮށްފައެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ކުޅުނު 31 މެޗުން ލިބުނު 84 ޕޮއިންޓާއެކު ސިޓީ އޮތްއިރު އެވަޓަން އޮތީ 32 މެޗުން ލިބުނު 40 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނައިގައެވެ. ކުރިޔަށް އޮތް މެޗުގައި ލިވަޕޫލްއާ ދެކޮޅަށް އެވަޓަން ނުކުންނައިރު ތަށި ޔަގީން ކުރުމަށް ސިޓީ ނުކުންނާނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް