ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައިގައި މިހާތަނަށް އެ އިންޒާރު ދިން ފަރާތެއް ހޯދިފައިނުވާ ކަމަށާއި، އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން ކުރިއަށް ގެންދާގޮތަށް އެމައްސަލަ ފައިލް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އާދިއްތަ ދުވަހު ރާއްޖެޓީވީއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ރާއްޖެޓީވީއަށް އިންޒާރު ދިން މައްސަލާގައި އިންޒާރުދިން ޓްވީޓަރ އެކައުންޓްގެ ވެރިފަރާތެއް ދެނެގަތުމަށްޓަކައި ކޯޓު އަމުރެއް ނެގުމަށް ފަހު ޓްވީޓަރ އިންކްއަށް ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށް އެ އެކައުންޓްގެ ވެރިފަރާތާއިބެހޭ މައުލޫމާތު ލިބިފައިނުވާތީ، އިތުރަށް މައުލޫމާތު ލިބުމުން ކުރިއަށް ގެންދާގޮތަށް މައްސަލަ ފުލުހުން ފައިލް ކޮށްފައިވާ ކަމަށް ފުލުހުން ރާއްޖެޓީވީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވެއެވެ.
ސަރުކާރުގެ އިސްވެރިން ރާއްޖެޓީވީ ބަންދު ކުރުމަށް ގޮވާލާފައިވާއިރު، ދޭތެރެ ދޭތެރެއިން ސަރުކާރަށް ސަޕޯޓުކުރާ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖެޓީވީ އަންދާލަންގޮވާ އެކިއެކި އިންޒާރުތައް ދީފައިވެއެވެ.
މީގެއިތުރުން ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީ ހިންގަވާ ފައުންޑޭޝަންގެ މަސައްކަތްތަކުގައި އަތް ގާތްކޮށްދެއްވުމަށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އިސްކޮށް ހުންނެވި އެއްވުމެއްގެ ތެރެއިން ރާއްޖެޓީވީ ރޯކޮށްލަން ދާދިފަހުން ވަނީ ގޮވާލާފައި ވެއެވެ.