ބައިނަލްއަޤުވާމީ މަޝްރަހުން ރާއްޖެއަށާއި ޕާކިސްތާނަށް ކުރިމަތިވާ އެއްގޮތް މައްސަލަތަކުގައި ހައްލު ހޯދުމަށް ޕާކިސްތާންގެ އަސްކަރިއްޔާގެ ވެރިޔާ، ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ޤަމަރު ޖާވިދު ބަޖްވާއާ ރައީސް އަބްދުﷲ ޔާމީން މަޝްވަރާ ކުރައްވައިފިއެވެ.
އެ މަޝްވަރާތައް ކުރެއްވީ އޭނާއާއެކު ރައީސް އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
ރައީސް އޮފީހުން ބުނީ ދެ ގައުމުގެ ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ރައީސް ޔާމީން އޭނާއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ޕާކިސްތާނުގެ ޗީފް އޮފް އަރމީއާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ޕާކިސްތާންގެ ރައީސް މަމްނޫން ޙުސައިނަށާއި، ބޮޑުވަޒީރު ޝާހިދު ޚަޤާން ޢައްބާސީއަށް، ހެޔޮއެދުންތައް އަރިސްކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ އަރިހަށް ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ކުރެއްވި ޒިޔާރަތުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީއަށް ޕާކިސްތާނުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ކުރިއަށް އޮތްތަނުގައިވެސް ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. ބައިނަލްއަޤުވާމީ މަޝްރަހުން ދެޤައުމަށް ކުރިމަތިވާ އެއްގޮތް މައްސަލަތަކުގައި ހައްލު ހޯދުމަށް އެކުގައި މަސައްކަތްކުރުމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ޔާމީން އޭނާގެ އަރިހުގައި ވަނީ ވިދާޅުވެފައެވެ. ރައީސްގެ ވާހަކަފުޅުގައި ދެ ޤައުމުގެ ރަހުމަތްތެރިކަން އެކިދާއިރާތަކުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވާހަކަފުޅުދައްކަވަމުން ޗީފް އޮފް އަރމީ ސްޓާފުގެ މި ދަތުރުފުޅަކީ ފައިދާހުރި ކާމިޔާބު ދަތުރުފުޅަކަށް ވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ޕާކިސްތާންގެ ޗީފް އޮފް އާމީ ސްޓާފް ދެއްކެވި ވާހަކަފުޅުގައި ޕާކިސްތާނާއި ރާއްޖެއަކީ މުސްލިމް އަޚުވަންތަ ދެ ޤައުމު ކަމުގައި ވިދާޅުވެ ކުރިއަށް އޮތް ތާނގައި އެ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް ގުޅިގެން މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.
ޕާކިސްތާންގެ ޗީފް އޮފް އަރމީ ސްޓާފްގެ އަރިހުގައި ދިވެހިރާއްޖެއަށް ޕާކިސްތާނުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ވަސީމް އަކްރަމް ޕީ.އެސް (ސީ) އާއި ޗީފް އޮފް އަރމީ ސްޓާފް ބްރިގޭޑިއަރ އިފްޚާރު ޙަސަން ޗަހުހާދަރީ އަދި ޕާކިސްތާންގެ ޑިފެންސް އެޑްވައިޒަރު، ކާނަލް ސައްޖާދު ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.