ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުން ކަވަރު ކުރަމުންދަނިކޮށް ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން ހައްޔަރުކުރުމަށް ފަހު އޭނާއަށް އަނިޔާކުރި ފުލުހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިނ ބުނެފި އެވެ.
ނޫސްވެރިޔާ ހުސައިން އެޗްއާރްސީއެމްއަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ އާދިއްތަ ދުވަހު ހެނދުނެވެ.
ރާއްޖެ ޓީވީގެ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ މީގެ ކުރިން އެޗްއާރްސީއެމް ހުސައިން ބަޔާން ނަގާފައިވާއިރު، މިއަދު ބައެއް ކަންކަން އިތުރަށް އޮޅުން ފިލުވާފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅޭ ބައެއް ވީޑިއޯތަކާއި ފޮޓޯތައްވެސް އެޗްއާރްސީއެމްއާއި ހިއްސާކޮށްފައިވާ ކަމަށް ނިޝާން ވިދާޅުވި އެވެ.
އެޗްއާރްސީއެމް އިން ހުސައިންގެ ބަޔާން ފުރަތަމަ ނަގާފައިވަނީ އޭނާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާދެމުންދަނިކޮށެވެ.
ހުސައިން ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނާ މައްސަލަ ވެސް ތަހްގީގުކުރާ ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ. މި މައްސަލައިގެ ތަހްގީގަށް، މުޒާހަރާ ކޮންޓްރޯލްކުރުމަށް ނެރެފައިވާ ހުރިހާ ފުލުހުންގެ މައުލޫމާތު ހޯދާފައިވާ ކަމަށް ވެސް އެޗްއާރުސީއެމް އިން ބުނެ އެވެ.
ހައްޔަރުކުރުމަށް ފަހު ފުލުހުން ހުސައިން ދިން އަނިޔާތަކާ ގުޅިގެން އޭޑީކޭއިން ފަރުވާ ހޯދުމަށް ފަހު، ލަންކާއިން ވެސް ފަރުވާ ހޯދާފައިވެ އެވެ.
ހުސައިނަށް އަނިޔާކުރި މައްސަލަ އެޗްއާރްސީއެމްގެ އިތުރުން ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް ވަނީ ހުށަހަޅާފައިވެ އެވެ. އެންއައިސީއަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ހުސައިނާއި ސުވާލު ކުރުމަށް ހޯމަ ދުވަހު 11:00 އަށް ހާޒިރުވުމަށް އެ ކޮމިޝަނުން ވަނީ އަންގާފަ އެވެ.