ކުއްލި ނުރައްކަލުގެ ހާލަތު އުވާލިތާ ހަފްތާއެއް ފަހުން، ފުލުހުންގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ މީހުން، ގާނޫނީ ވަކީލުންނާ ބައްދަލު ކުރެވޭ ވަގުތު އިތުރުކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން، ބަދަލު ގެނެސްފައިވާ އާ އުސޫލުގައި ބުނެފައިވާ ގޮތުން، ވަކީލުންނާ ބައްދަލު ކުރުމަށް ދިން 30 މިނެޓުގެ ވަގުތު، އެއް ގަޑިއިރަށް އިތުރުކޮށްފައިވާ ކަމަށެވެ. ފެބްރުއަރީ މަހު ފަސް ވަނަ ދުވަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހައްޔަރު ކުރާ މީހުން، ވަކީލުންނާ ބައްދަލު ކުރުމުގެ ވަގުތު 30 މިނެޓަށް ކުޑަކުރުމަށްފަހު، ވަގުތު އިތުރު ކުރަން ނިންމީ ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓުމެންޓު ހެޑު ސްޕްރިންޓެންޑެންޓު އަހުމަދު ނާފިޒު ސޮއި ކުރައްވައި މިދިޔަ ބުރާސްދަތި ދުވަހު ނެރެފައިވާ އެންގުމެއްގައެވެ.
އެ އުސޫލުގައިވާ ގޮތުން ހައްޔަރުގައި ހުންނަ މީހާއަށް ޝަރީއަތެއް ހިންގާނަމަ، އޭނާއަށް އައްޔަންކޮށްފައި ވަނީ އެންމެ ވަކީލަކު ކަމުގައިވާނަމަ ދޮޅު ގަޑިއިރުގެ ވަގުތު ދެވޭނެ ކަމަށެވެ. ހައްޔަރުގައި ހުންނަ މީހާއަށް ކުރެވޭ ތުހުމަތުތައް އިތުރުވެފައި، އިތުރު ދައުވާތައް އުފުލާފައިވާނަމަ އެއިން ކޮންމެ މައްސަލައަކަށް ވެސް އިތުރު ވަގުތު ދޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.
އެ އުސޫލު ބުނާ ގޮތުން އާންމުކޮށް، ބަންދުގައި ތިބޭ މީހުން ވަކީލުންނާ ބައްދަލު ކުރެވޭނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 9:00 ން ހަވީރު 6:00 އަށް ހުސް ވަގުތު ހުރި މިންވަރަކުންނެވެ. ހުކުރު ދުވަހު ނުވަތަ ހޮނިހިރު ދުވަހު ބައްދަލު ކުރެވޭނީ ހަފްތާ ބަންދުގައި ޝަރީއަތެއް ބާއްވާނަމަ ނުވަތަ ޖެހިގެންއަންނަ ދުވަހެއްގައި ކޯޓެއްގައި އަޑުއެހުމެއް އޮންނަ ނަމަ، ކޮންމެހެން ބައްދަލު ކުރަންޖެހޭ ހާލަތެއް މެދުވެރިވެގެން ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެއެވެ.
ބަންދުގައި ތިބޭ މީހުނާ ވަކީލުން ބައްދަލު ކުރުމުގެ ވަގުތު އިތުރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައިތާ، އަށް ދުވަސް ފަހުންނެވެ. ފާއިތުވި މުއްދަތުގެ ތެރޭގައި ބައްދުގައި ތިބޭ މީހުންނާ ބައްދަލުކޮށް، އެ މީހުންގެ ދިފާއުގައި ވާހަކަ ދެއްކުމަށްޓަކާ ކޮންމެހެން އެއްކުރަންޖެހޭ މައުލޫމާތު ހޯދުމަށް ލިބޭ ވަގުތު ކުޑަވެގެންދާތީ، ބައެއް ގާނޫނީ ވަކީލުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.