މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސީއެމްއެފްބީ) ގެ މައި ތަނބުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސުޕަ ސްޓްރަކްޗާއިން ގުޅުވާލެވޭ ދެ ތަނބު ގުޅުވާލައިފިއެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާދިއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕިއާރ 22 އަދި ޕިއާރ 23 ގުޅުވާލާފައިވަނީ ރޭގެ ވަގުތެެއްގައި ކަމަށެވެ. ބްރިޖްގެ މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށް މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވިއެވެ.
ބްރިޖްގެ މުހިންމު މަސައްކަތްތައް މިއަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ނިންމާލެވޭނެ ކަމަށް މިނިސްޓަރު ޑރ. މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
CMFB ge mai thanbu thakuge therein emme furathama superstructure in gulhuvaalevey 2 thanbu ( Pier 22 adhi Pier 23) reygai vanee gulhuvaalaafai. Bridge ge masakkai dhanee schedule aa eggothah kuriyah. pic.twitter.com/p4qYhlJhUd
— Dr.Mohamed Muizzu (@MMuizzu) April 1, 2018
ރައްޖޭގައި މިހާތަނަށް ކުރެވޭ އިންފްރަކްޗާގެ އެންމެ ބޮޑު މަސައްކަތް މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އެއްކޮށް ނިންމައި ބްރިޖްގެ ބޭނުންކުރަން ފެށުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
220 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ހަދާ ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެއެވެ. ބްރިޖްގައި ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ ދެ ލޭން އާއި، ސައިކަލްތަކަށް ވަކި ލޭން އަކާއި، ބައިސްކަލުގައި އަދި ހިނގާފައި އުޅޭ ފަރާތްތަކަށް ވަކި ލޭންއެއް ހިމެނެއެވެ.