ކ. މާލެ
|
31 މާރޗް 2018 | ހޮނިހިރު 19:36
2012 ވަނަ އަހަރުގެ ޔޫރޯ ސެމީ ފައިނަލުގައި ޖަރުމަނު ކޮޅަށް ލަނޑު ޖެހުމަށްފަހު ބަލޮޓެލީ އުފާ ފާޅުކުރަނީ
2012 ވަނަ އަހަރުގެ ޔޫރޯ ސެމީ ފައިނަލުގައި ޖަރުމަނު ކޮޅަށް ލަނޑު ޖެހުމަށްފަހު ބަލޮޓެލީ އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
މާރިއޯ ބަލޮޓެލީ
އިޓަލީގެ ގައުމީ ޓީމުން ފުރުސަތު ލިބޭނެ ކަމަށް ބަލޮޓެލީ އުއްމީދުކުރި
މި ސީޒަނުގައި ބަލޮޓެލީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުން
އިޓަލީގެ ގައުމީ ޓީމަށް ކުޅުނު ކަޅު ނަސްލުގެ ކުޅުންތެރިޔަކީ ބަލޮޓެލީ

އިޓަލީގެ ގައުމީ ޓީމުން ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރި ކަމަށް ފްރާންސްގެ ނީސްއަށް ކުޅެމުން އަންނަ އެ ގައުމުގެ ބައިނަލްއަގްވާމީ ފޯވާޑް މާރިއޯ ބަލޮޓެލީ ބުނެފިއެވެ.

އާޖެންޓީނާ އަދި އިނގިރޭސިވިލާތާއި ދެކޮޅަށް ކުޅުމަށް ނެގި އިޓަލީގެ ގައުމީ ޓީމުގެ ސްކޮޑުން ބަލޮޓެލީ ބާކީކުރި އިރު އޭނާގެ ބަދަލުގައި ފުރުސަތު ދީފައިވަނީ ސިރޯ އިމޮބިލޭ އަދި އަންދްރެއާ ބެލޯޓީގެ އިތުރުން އޭސީ މިލާންގެ ފޯވާޑް ޕެޓްރިކް ކަޓްރޯންއަށެވެ. މި ސީޒަނުގައި ބަލޮޓެލީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ މިހާތަނަށް މި ސީޒަނުގައި ކުޅުނު 31 މެޗުގައި ވަނީ 22 ލަނޑު ޖަހާފައެވެ.

އިޓަލީގެ ނޫހަކާއި ވާހަކަ ދައްކަމުން ބަލޮޓެލީ ބުނީ އޭނާ އުއްމީދު ކުރީ އިޓަލީގެ ސްކޮޑުން އޭނާއަށް ފުރުސަތު ލިބޭނެ ކަމަށް ކަމަށެވެ. ބަލޮޓެލީއަށް  މީގެކުރިން އިޓަލީގެ ސްކޮޑުން ގިނަ ފަހަރު ފުރުސަތު ދީފައިނުވަނީ އޭނާގެ އަހުލާގު ދަށްވުމުގެ ސަބަބުންނެވެ. އޭނާ ބުނީ މިހާރު އެކަންކަން ބަދަލުކޮށްފައިވާ ކަމަށާއި އޭނާއަކީ މިހާރު ތަންދޮރު ދަންނަ ކުޅުންތެރިޔެއް ކަމަށެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފަހުން އިޓަލީގެ ގައުމީ ޓީމަށް ބަލޮޓެލީ މެޗެއް ކުޅެދީފައެއް ނުވެއެވެ. އިޓަލީގެ ކޯޗުގެ މަގާމައި ވަގުތީގޮތުން ހަވާލުވެގެން ހުރި ލުއީޖީ ޑި ބިއާޖިއޯ ބުނެފައިވަނީ ކުރިޔަށް ހުރި ދުވަސްތަކުގައި ވެސް ބަލޮޓެލީގެ ކުޅުން އޭނާ ބަލާނެ ކަމަށާއި އަދި އެޔަށް ފަހު އެކަމާމެދު ގޮތެއް ނިންމާނެ ކަމަށެވެ. އޭނާ ބުނީ ފޯވާޑުންގެ ހަމައެކަނި ޒިންމާއަކީ ލަނޑު ޖެހުން ކަމުގައި ދެކިގެން ނުވާނެ ކަމަށާއި އޭނާ ޓީމަށް ބަލޮޓެލީ ނުނެގީ ބަލަންޖެހޭ ހުރިހާ ކަމަކަށް ބެލުމަށް ފަހު ކަމަށެވެ.

އިޓަލީގެ ގައުމީ ޓީމަށް 2010 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ބަލޮޓެލީ ވަނީ އެ ޓީމަށް ކުޅުނު 33 މެޗުގައި 13 ލަނޑު ޖަހާފައެވެ. އިޓަލީގެ ގައުމީ ޓީމަށް ކުޅުނު ކަޅު ނަސްލުގެ ކުޅުންތެރިޔަކީ ބަލޮޓެލީ ކަމަށްވާއިރު އޭނާ ވަނީ 2012 ވަނަ އަހަރުގެ ޔޫރޯގައި އެ ގައުމަށް މޮޅު ކުޅުމެއް ދައްކައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް