ކ. މާލެ
|
31 މާރޗް 2018 | ހޮނިހިރު 16:42
މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާއަށް އަނިޔާވެފައި
މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާއަށް އަނިޔާވެފައި
ގެޓީ އިމޭޖަސް
ނޭމާއަށް އަނިޔާވުން
ނޭމާ ތިން ހަފްތާތެރޭ ކުޅުމުގެ ތެރެއަށް އެނބުރި އަންނަނީ!
ނޭމާއަށް އަނިޔާވީ ފްރެންޗް ލީގުގައި މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައި
އޭނާ މިވަގުތު ހުރީ އެ އަނިޔާއަށް ފަރުވާ ހޯދުމަށް އަމިއްލަ ގައުމުކަމަށްވާ ބްރެޒިލްގައި

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ އަނިޔާއިން ރަނގަޅުވެ ތިން ހަފްތާތެރޭ ކުޅުމުގެ ތެރެއަށް އަލުން އެނބުރި އަންނާނެ ކަމަށް އެ ޓީމުގެ ކޯޗު އުނައި އެމެރީ ބުނެފިއެވެ.

ނޭމާއަށް އަނިޔާވީ ފްރެންޗް ލީގުގައި މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭނާއަށް މި މެޗުގައި އަނިޔާވި ނަމަވެސް ޕީއެސްޖީއިން އެ މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރިއެވެ. ނޭމާގެ ފަޔާއި ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ތިން މަހަށް ކުޅުމާއި ދުރަށް ދާންޖެހޭނެ ކަމަށް އޭރު ޕީއެސްޖީގެ މެޑިކަލް ޓީމުން ބުނެފައިވެއެވެ. ހަމައެހެންމެ މި އަނިޔާގެ ސަބަބުން އޭނާއަށް ރަޝިއާގައި އޮންނަ ވޯލްޑް ކަޕުން ބަޔެއް ގެއްލިދާނެ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެފައިވެއެވެ. އޭނާ މިވަގުތު ހުރީ އެ އަނިޔާއަށް ފަރުވާ ހޯދުމަށް އަމިއްލަ ގައުމުކަމަށްވާ ބްރެޒިލްގައެވެ.

ފްރެންޗް ލީގު ކަޕްގެ ފައިނަލުގައި މޮނާކޯއާ ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު އެމެރީ ބުނީ މި ހަފްތާގެ ތެރޭގައި ނޭމާއާ ވާހަކަ ދެއްކި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނޭމާ ވެސް ދެއްކީ ފައިނަލުގެ ވާހަކަ ކަމަށާއި މި ފައިނަލުގައި ނުކުޅެވޭތީ އޭނާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައި ކަމަށެވެ. އެމެރީ ބުނީ އޭނާއަށް މި މެޗުގައި ނުކުޅެވުނު ނަމަވެސް މެޗު ބަލަން ދާނެ ކަމަށާއި އަދި ދެތިން ހަފްތާއެއްގެ ތެރޭގައި އޭނާއަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އެޕްރީލް މަހުގެ 18 ވަނަ ދުވަހު ފްރެންޗް ކަޕްގެ ސެމީގައި ސިއެންއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ފިޓު ނުވެދާނެ ކަމަށާއި އެހެން ނަމަވެސް އެ މުބާރާތުގެ ފައިނަލުން ޖާގަ ލިބިއްޖެނަމަ މޭ މަހުގެ އަށްވަނަ ދުވަހު އޮންނަ ފައިނަލްގައި އޭނާ ފެންނާނެ ކަމަށް އެމެރީ ބުނެފައިވެއެވެ. ވޯލްޑް ކަޕް ހުޅުވުމުގެ ކުރިން ކްރޮއޭޝިއާ އަދި އޮސްޓްރީއާ ދެކޮޅަށް ބްރެޒިލް އެކުވެރި ކަމުގެ މެޗުތަކެއް ވެސް ކުޅެނޭއެވެ. އެންމެފަހުން ޖަރުމަނު އަދި ރަޝިއާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުތަކުގައި ނޭމާ ކުޅެފައެއް ނުވެއެވެ.

ބްރެޒިލްގެ ގައުމީ ޓީމުން އަންނަނީ ޕީއެސްޖީގެ ޑޮކްޓަރުންނާއެކު ނޭމާގެ ރިކަވަރީގެ ކަންކަން ވަރަށް ގާތުން މޮނީޓަރ ކުރަމުންނެވެ.

ނޭމާއަށް އަނިޔާވެ، ކުޅުމާއި ދުރުގައި ހުރި ދުވަސްވަރު ޕީއެސްޖީ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުން ކަޓާފައެވެ. ރެއާލް އަތުން ބަލިވެ އެ ޓީމު ޗެމްޕިއަންސް ލީގުން ކެޓި ނަމަވެސް އަދިވެސް ދެ މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. ޕީއެސްޖީ މިވަގުތު އޮތީ ފްރެންޗް ލީގުގެ އެއްވަނައިގައެވެ. ނޭމާ ނެތި އެ ޓީމު ކުޅުނު މެޗުތަކުގެ ތެރެއިން އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް