ކ. މާލެ
|
30 މާރޗް 2018 | ހުކުރު 12:24
ޔޫރޯގެ ފައިނަލުގައި ރެފްރީކަންކުރި އިނގިރޭސިވިލާތަށް ނިސްބަތްވާ މާކް ކްލެޓެންބާގް (ކ) އަދި ކުރީގެ މަޝްހޫރު ރެފްރީ ކޮލީނާ (ވ)
ޔޫރޯގެ ފައިނަލުގައި ރެފްރީކަންކުރި އިނގިރޭސިވިލާތަށް ނިސްބަތްވާ މާކް ކްލެޓެންބާގް (ކ) އަދި ކުރީގެ މަޝްހޫރު ރެފްރީ ކޮލީނާ (ވ)
ގެޓީ އިމޭޖަސް
ފީފާ ވޯލްޑް ކަޕް 2018
80 އަހަރަށް ފަހު އިނގިރޭސިވިލާތުގެ ރެފްރީއަކާ ނުލައި ވޯލްޑް ކަޕެއް ބާއްވަނީ
ފީފާއިން 36 ރެފްރީއަކަށް ފުރުސަތު ދީފައިވޭ
ފީފާއިން 36 ރެފްރީން ހޮވާފައިވަނީ 2016 ވަނަ އަހަރު އެކުލަވާލި ޝޯޓްލިސްޓަކުން
ފީފާއިން ހޮވި 63 ވީޑިއޯ އެސިސްޓަންޓް ރެފްރީންގެ ތެރޭގައި ވެސް އިނގިރޭސި ރެފްރީއަކު ނުހިމެނޭ

އައްޑިހަ އަހަރަށް ފަހު އިނގިރޭސިވިލާތުގެ ރެފްރީއަކަށް ފުރުސަތު ނުދީ ވޯލްޑް ކަޕް ބޭއްވުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ނިންމައިފިއެވެ.

ފީފާ އިން 36 ރެފްރީއަކަށް ފުރުސަތު ދީފައިވާއިރު އޭގެ ތެރޭގައި އިނގިރޭސިވިލާތަށް ނިސްބަތްވާ އެންމެ ރެފްރީއަކު ވެސް ނުހިމެނެއެވެ. ހަމައެހެންމެ ސްކޮޓްލޭންޑް އަދި ވޭލްސްގެ އިތުރުން އުތުރު އަޔަލޭންޑްގެ ރެފްރީއަކަށް ވެސް ފުރުސަތު ދީފައެއް ނުވެއެވެ. މިއަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕް ވެގެންދާނީ 1938 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕެއްގައި އިނގިރޭސިވިލާތުގެ ރެފްރީއަކު ފެނިގެން ނުދާ ފުރަތަމަ ފަހަރަށެވެ.

ފީފާއިން 36 ރެފްރީން ހޮވާފައި ވަނީ 2016 ވަނަ އަހަރު އެކުލަވާލި ޝޯޓްލިސްޓަކުންނެވެ. އެ ލިސްޓުގައި ހިމެނުނު ހަމައެކަނި އިނގިރޭސިވިލާތަށް ނިސްބަތްވާ ރެފްރީއަކީ މާކް ކްލެޓެންބާގްއެވެ. އެހެން ނަމަވެސް ޕްރިމިއާ ލީގުގެ ރެފްރީކަން ކުރުން އޭނާ ހުއްޓާލުމާއެކު އޭނާގެ ނަން އެ ލިސްޓުން އުނި ކުރެވިގެންދިޔައެވެ. 2016 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލް މެޗުގެ ރެފްރީކަން ކުރި ކްލެޓެންބާގް ޕްރިމިއާ ލީގު ދޫކޮށްލީ ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ހެޑް އޮފް ރެފްރީސް މަގާމު ލިބުމާ ގުޅިގެންނެވެ.

އިނގިރޭސިވިލާތުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކްލެޓެންބާގްގެ ބަދަލުގައި އާ ރެފްރީއަކު އެ ޖާގައެއް ހަމަޖައްސައިދިނުމަށް ފީފާގައި އެދިފައެއް ނުވެއެވެ. ހަމައެހެންމެ ފީފާއިން ހޮވި 63 ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގެ ތެރޭގައި ވެސް އިނގިރޭސިވިލާތަށް ނިސްބަތްވާ ރެފްރީއަކު ހިމެނިފައެއް ނުވެއެވެ. މިއަހަރު ރަޝިއާގައި ވޯލްޑް ކަޕް ވެގެންދާނީ ތާރީހުގައި ވެސް އެންމެ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވީއޭއާރް ބޭނުންކުރާ ފުރަތަމަ ފަހަރަށެވެ.

1938 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން 12 އަހަރު ވަންދެން އެ މުބާރާތް ބާއްވާފައެއް ނުވެއެވެ. އޭގެ ފަހުން 1950 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފަހުން ބޭއްވި ކޮންމެ މުބާރާތެއްގައި ވެސް އިނގިރޭސިވިލާތަށް ނިސްބަތްވާ ރެފްރީއަކު އިންސާފުކޮށްފައިވެއެވެ. އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕްގައި ވެސް އިނގިރޭސިލާތް ތަމްސީލުކޮށްފައި ވަނީ ހޮވާޑް ވެބްއެވެ. އޭނާ ވަނީ ނެދަލޭންޑްސް ބަލިކޮށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިން އިން އުފުލާލި ފައިނަލް މެޗުގެ ރެފްފީކަން ކޮށްފައެވެ.

އިނގިރޭސި ރެފްރީއަކު ވޯލްޑް ކަޕްގައި މިއަހަރު ފެނިގެންނުދާއިރު އިނގިރޭސި ރެފްރީންނަށް ބޮޑެތި ފާޑުކިޔުންތަކެއް ފާއިތުވެދިޔަ ސީޒަންތަކުގައި ވަނީ އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް