ކ. މާލެ
|
29 މާރޗް 2018 | ބުރާސްފަތި 18:47
މި ސީޒަނުގެ ކުރީކޮޅު ސެވިއްޔާއާ ދެކޮޅަށް މެސީ ކުޅެނީ
މި ސީޒަނުގެ ކުރީކޮޅު ސެވިއްޔާއާ ދެކޮޅަށް މެސީ ކުޅެނީ
ގެޓީ އިމޭޖަސް
ލިއޮނެލް މެސީއަށް އަނިޔާވުން
ސެވިއްޔާއާ ދެކޮޅަށް މެސީއަށް ކުޅެވޭނެ ކަމާ މެދު ސުވާލު އުފެދިއްޖެ
މެސީގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައި
މެސީގެ އިތުރުން ބާސާގެ ކީޕަރު ޓާ ސްޓީޖެންއަށް ވެސް މި މެޗުގައި ކުޅެވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައި

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހަގެ ރޭ ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުގައި ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީއަށް ކުޅެވޭނެ ކަމާ މެދު ސުވާލު އުފެދިއްޖެއެވެ.

ނިމިގެންދިޔަ އިންޓަނޭޝަނަލް ބްރޭކްގައި އާޖެންޓީނާ ކުޅުނު އެއްވެސް މެޗެއްގައި ވެސް އޭނާ ކުޅެފައެއް ނުވެއެވެ. އިޓަލީއާ ދެކޮޅަށް ކުޅެ 2-0 އިން އާޖެންޓީނާ މޮޅުވީ މެޗުގައި މެސީ ކުޅެފައި ނުވަނީ އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އެހެން ނަމަވެސް ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޭނާ ފިޓް ކަމަށް އާޖެންޓީނާގެ ކޯޗު ބުނިއިރު 6-1 އިން ސްޕެއިން އަތުން ބަލިވި މެޗުގައި ވެސް އޭނާއަށް ބެންޗުން ފުރުސަތު ދީފައެއް ނުވެއެވެ.

މެސީގެ އިތުރުން ބާސާގެ ކީޕަރު ޓާ ސްޓީޖެންއަށް ވެސް މި މެޗުގައި ކުޅެވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. ސްޕެއިންއާ ދެކޮޅަށް ޖަރުމަނު ކުޅުނު މެޗުގައި އޭނާ ކުޅުނު ނަމަވެސް 1-0 އިން ބްރެޒިލް އަތުން ބަލިވި މެޗުގައި ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ކުޅެފައެއް ނުވެއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ މެސީ އަދި ސްޓީޖެން ވެސް އަނިޔާއާ ގުޅޭ މާ ރަނގަޅު މައުލޫމާތުތަކެއް ލިބިފައި ނުވާ ކަމަށާއި ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އެ ދެ ކުޅުންތެރިން ވެސް ޓެސްޓުތަކެއް ފުރިހަމަކުރާނެ ކަމަށެވެ.

ވަލްވާޑޭ ބުނީ މެސީގެ އަނިޔާއާ ގުޅިގެން މާ ބޮޑު ހާސްކަމެއް ނެތް ކަމަށާއި އޭނާ ކުޅެން މެޑިކަލް ޓީމުން ހުއްދަ ދީފި ނަމަ މެޗުގައި އޭނާ ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އޭނާ ބުނީ އެންމެ ފަހުން އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީގެ ފަޔަށް ތަދުވި ވާހަކަ އޭނާ ބުނި ކަމަށާއި އެހެން ނަމަވެސް އޭނާ ބޭނުންވީ މެޗު ފުރިހަމަކުރަން ކަމަށެވެ. އޭނާ ބުނީ އަނިޔާއާ ގުޅިގެން ކުރަންޖެހޭ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި މިއީ އެހާ ބޮޑު އަނިޔާއަކަށް ނުވާނެ އަނިޔާއެއް ކަމަށް އުއްމީދުކުރާ ކަމަށެވެ.

ވަލްވާޑޭ ބުނީ އެޕްރީލް މަހަކީ ވަރަށް މުހިންމު މަހެއް ކަމަށާއި ހުރިހާ މުބާރާތެއްގައި މި މަސްތެރޭ ކުޅެން ޖެހޭ ކަމަށެވެ. އޭނާ ބުނީ ބައިނަލްއަގްވާމީ މެޗުތަކަށް ފަހު ކުޅުންތެރިންގެ ފިޓްނެސް ލެވެލް ވަރަށް ގާތުން ބަލަންޖެހޭ ކަމަށާއި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުން ތިން ޕޮއިންޓް ހޯދުން ވަރަށް މުހިންމު ކަމަށެވެ.

ބުދަ ދުވަހު ބާސާ އިން ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި އަންދްރޭ ގޯމޭޒް އަދި ޖެސްޕަރ ސިލިސެން ވަނީ ބައިވެރިވެފައެވެ. މި އިންޓަނޭޝަނަލް ބްރޭކްގައި މި ދެ ކުޅުންތެރިން ވެސް އެ ކުޅުންތެރިންގެ ގައުމީ ޓީމުތަކަށް ދެ މެޗު ކުޅެދީފައެވެ.

މެސީއަށް މެޗުގައި ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތްއިރު އޭނާއަކީ ލަލީގާގައި މި ސީޒަނު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ހަމައެހެންމެ ބާސާ އޮތީ ސްޕެނިޝް ލީގުގެ އެއްވަނައިގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް