ކ. މާލެ
|
29 މާރޗް 2018 | ބުރާސްފަތި 18:40
ކްރިސްޓިއަން ކަރެމްބޫ
ކްރިސްޓިއަން ކަރެމްބޫ
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
މި ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރާނީ ރެއާލް: ކަރެމްބޫ
ކަރެމްބޫގެ ކެރިއަރުގައި އޭނާ ވަނީ ރެއާލް އަދި ފްރާންސާ އެކު ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފައި

މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރާނީ ރެއާލް މެޑްރިޑް ކަމަށް އެ ޓީމަށް ކުޅުނު ފްރާންސްގެ މިޑްފީލްޑަރު ކްރިސްޓިއަން ކަރެމްބޫ ބުނެފިއެވެ.

މިދިޔަ ދެ ސީޒަނުގެ ވެސް ޗެމްޕިއަންސް ލީގު ރެއާލްއިން ކާމިޔާބުކުރި އިރު އެ ޓީމު އަންނަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އެ ޓީމު ޖާގަ ހޯދީ 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން ބަލިކޮށްގެންނެވެ. ޗެމްޕިއަންސް ލީގުގައި ރެއާލް މޮޅު ކުޅުމެއް ދެއްކި ނަމަވެސް ސްޕެނިޝް ލަލީގާގައި އެ ޓީމު އޮތީ އެއްވަނަގައި އޮތް ބާސެލޯނާ އަށް ވުރެ 15 ޕޮއިންޓް ފަހަތުގައެވެ. ހަމަ އެހެންމެ ލެގާނޭސް އަތުން ކުއާޓާ ފައިނަލުގައި ބަލިވެ އެ ޓީމު ވަނީ ސްޕެނިޝް ކަޕުން ވެސް ކަޓާފައެވެ.

ރާންސާ އެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މިޑްފީލްޑަރު ކެރަމްބޫ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ މިއީ ސުވާލުކުރަން ޖެހޭ ކަމެއް ވެސް ނޫން ކަމަށާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭ ފެންވަރުގެ ހަމައެކަނި ޓީމަކީ ރެއާލް ކަމަށެވެ. އޭނާ ބުނީ ފައިނަލް ކުޅޭ ސިޓީ ކަމަށްވާ ޔޫކްރެއިންގެ ކިއޭވްއަށް ރެއާލް ދާނެ ކަމަށާއި އެހެން ނަމަވެސް އެ ޓީމާ ދެކޮޅަށް ފައިނަލުގައި ނުކުންނާނެ ޓީމެއް ބުނަން ނޭނގޭ ކަމަށެވެ.

ކަރެމްބޫ ވެސް ވަނީ އޭނާގެ ކެރިއަރުގައި ރެއާލްއާ އެކު ދެ ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ކަރެމްބޫއާ އެކު ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު ޒައިނުއްދީން ޒިދާނަކީ މިވަގުތު ރެއާލްގެ ކޯޗަށްވާއިރު މި ސީޒަނުގައި އޭނާއަށް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެހެން ނަމަވެސް ކަރެމްބޫ ބުނީ ޒިދާނަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި މިހާރު ވެސް އޭނާ އަންނަނީ ކޯޗެއްގެ ގޮތުގައި ވެސް ތަފާތު ދައްކަމުން ކަމަށެވެ.

ކަރެމްބޫ ވަނީ އޭނާ ކުޅުނު ކްލަބްގެ އިތުރުން އޭނާގެ ގައުމަށް ވެސް މި އަހަރު ބޮޑު ތައްޓެއް ލިބޭނެ ކަމަށް ބުނެފައެވެ. 2016 ވަނަ އަހަރުގެ ޔޫރޯ ފައިނަލުން ފްރާންސް ޖާގަ ހޯދިއިރު އެ ޓީމު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް ދާނީ މުބާރާތް ކާމިޔާބުކުރުމުގެ އުއްމީދުގައެވެ. ކަރެމްބޫ ބުނީ ފްރާންސް އިން މީގެ 20 އަހަރު ކުރިން ވޯލްޑް ކަޕް ކާމިޔާބުކުރި ކަމަށާއި މިހާރު ކޯޗެއްގެ ގޮތުގައި ހުރީ އެ މުބާރާތް ފްރާންސަށް ކާމިޔާބުކޮށްދިން ކެޕްޓަނަށް ވުމާ އެކު އެ ޓީމަށް މިއަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުކަމަށް ބުނެފައެވެ. އޭނާ ބުނީ ޔޫރޯގެ ފައިނަލުން ބަލިވި ނަމަވެސް މިއަހަރު ތަފާތު ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ކަރެމްބޫ ބުނީ ވީޑިއޯ އެސިސްޓަން ރެފްރީ (ވީއޭއާރް) އެއްވެސް މުބާރާތެއްގައި ތައާރަފްކުރަން އޭނާ ތާއިދު ނުކުރާ ކަމަށެވެ. ކަރެމްބޫ ބުނީ ކުޅުންތެރިންގެ ފަރާތުން ވެސް ގޯސް ފެންނަ ކަމަށާއި ހަމަ އެގޮތަށް ރެފްރީންގެ ފަރާތުން ވެސް ގޯސް ފެންނަ ކަމަށެވެ. ފުޓްބޯޅައަކީ ހަމައެކަނި ކުޅެވޭ މެޗެއް ނޫން ކަމަށާއި އެއީ އެތައް ބައެއްގެ އިހުސާސެއް އެކަމަކާ ގުޅިފައިވާ ކުޅިވަރަކަށް ވުމާއެކު ވީއޭއާރް ތައާރަފް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކޭ ކަމަށް އޭނާ ބުނެފައިވެއެވެ. ވީއޭއާރް ތައާރަފް ކުރުމުން މެރަޑޯނާގެ "ހޭންޑް އޮފް ގޯޑް" ފަދަ ލަނޑުތައް ނުފެންނާނެ ކަމަށް ވެސް ކަރެމްބޫ ބުނެފައިވެއެވެ. 

ކަރެމްބޫގެ ކެރިއަރުގައި އޭނާ ވަނީ ރެއާލް އަދި ފްރާންސާ އެކު ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް