ކ. މާލެ
|
28 މާރޗް 2018 | ބުދަ 22:12
ބްރެޒިލް އަދި ޖަރުމަނު ކުޅުނު މެޗުގެ ތެރެއިން
ބްރެޒިލް އަދި ޖަރުމަނު ކުޅުނު މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިންޓަނޭޝަނަލް ފްރެންޑްލީ
އިންޓަނޭޝަނަލް ފްރެންޑްލީ: ޖަރުމަނުގެ ރެކޯޑު ބްރެޒިލް އިން ނިމުމަކަށް ގެނެސްފި
މި މެޗުން ޖަރުމަނު ބަލިވެފައި ވަނީ 1-0 އިން

ބައިނަލްއަގްވާމީ މެޗުތަކުގައި ބަލިނުވެ ޖަރުމަނުން ދަމަހައްޓަމުން އައި ރެކޯޑު 573 ދުވަހަށް ފަހު ބްރެޒިލް އިން ނިމުމަކަށް ގެނެސްފިއެވެ.

ބާލިންގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ޖަރުމަނު ބަލިވެފައި ވަނީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. މި މެޗަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުގައި 7-1 ގެ ނަތީޖާއަކުން ޖަރުމަނު އަތުން ބްރެޒިލް ބަލިވި ފަހުން މި ދެ ޓީމު ބައިނަލްއަގްވާމީ މެޗެއްގައި ބައްދަލުކުރި ފުރަތަމަ ފަހަރެވެ. މި ދެ ޓީމު ވެސް މި މެޗާ ކުރިމަތިލިއިރު 2016 ވަނަ އަހަރުގެ ޔޫރޯއަށް ފަހު ކުޅުނު އެއްވެސް ބައިނަލްއަގްވާމީ މެޗަކުން ބަލިވެފައެއް ނުވެއެވެ. ހުކުރު ދުވަހު ސްޕެއިންއާ ދެކޮޅަށް ނުކުމެ އެއްވަރުވި މެޗުގައި ކުޅުނު ޖަރުމަނުގެ ޓީމަށް ހަތް ބަދަލެއް ގެނައިއިރު ބްރެޒިލްގެ ޓީމަށް ގެނެސްފައިވަނީ އެންމެ ބަދަލެކެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ޖަރުމަނުން އުފައްދަމުން ދިޔަ ހަމަލާތައް ހުއްޓުވުމަށް ބްރެޒިލްގެ ކީޕަރު އެލިސަން ރަނގަޅު ސޭވްތަކެއް ކުރިއިރު ބްރެޒިލް އިން ވަނީ މެޗުގެ 37 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ވިލިއަން ނަގައިދިން ހުރަހަކުން ބްރެޒިލްއަށް ލީޑު ނަގައިދިނީ ގެބްރިއެލް ޖީސަސްއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ބްރެޒިލް އިން ފުރަތަމަ ހާފު ނިންމާލި އިރު ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ. ޖަރުމަނުގެ ކުޅުން މި ހާފުގައި އިތުރަށް ވަރުގަދަކުރި އިރު ބްރެޒިލް އިން ކުޅެފައި ވަނީ ކައުންޓާއަށް ވިސްނައިގެންނެވެ. އެހެން ނަމަވެސް މި ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ނަތީޖާއަށް އެއްވެސް ބަދަލެއް ގެނެވިފައެއް ނުވެއެވެ.

މި މެޗާ އެކު ބަލިނުވެ ޖަރުމަނުން ހަމަކުރި 23 މެޗުގެ ރެކޯޑަށް ވަނީ ނިމުމަކަށް އައިސްފައެވެ. އެ ޓީމުން ވަނީ މެޗަކުން ބަލިނުވެ 573 ދުވަސް ހަމަކޮށްފައެވެ.

ޖަރުމަނުގެ ކޯޗު ޔޯކިމް ލޯ ބުނީ ކިތަންމެ ރަނގަޅަށް ފަރިތަކުރާ ޓީމެއް ވެސް މެޗަކުން ބަލިވެދާނެ ކަމަށާއި މި މެޗުން ބަލިވި ނަމަވެސް އެއްވެސް ވަރަކަށް ހާސްކަމެއް ނެތްކަމަށެވެ. އޭނާ ބުނީ ބްރެޒިލް މެޗަށް ނުކުތީ 7-1 އިން ބަލިވި މެޗުގެ ހަނދާންތައް ނައްތާލައި އެ މެޗަށް ބަދަލުހިފުމަށް ކަމަށެވެ. އެ ޓީމު މި މެޗުން މޮޅުވުމާ އެކު އެ މެޗުގެ މަތިން ހަނދާން ނެތޭނެ ކަމަށް ދެކޭ ކަމަށް ލޯ ބުނެފައި ވެއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ އޭނާގެ ޓީމުގައި ހިމެނޭ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށްވާ ނޭމާއާ ނުލައި މެޗުން މޮޅުވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި މިކަމުގެ ސަބަބުން ޓީމަށް އިތުބާރު ބޮޑުވެފައިވާ ކަމަށެވެ. އޭނާ ބުނީ ވޯލްޑް ކަޕް ސެމީ ފައިނަލުގެ މެޗަކީ މިހާރު މާޒީ ކަމަށާއި މާޒީގައި ވެފައިވާ ކަންކަމުގެ ވާހަކަ ދައްކަން ނުޖެހޭ ކަމަށެވެ.

މި ދެ ޓީމު ވެސް މިއަހަރު ރަޝީއާގައި އޮންނަ ވޯލްޑް ކަޕަށް ދާނީ ފެވަރިޓުންގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް