ކ. މާލެ
|
28 މާރޗް 2018 | ބުދަ 16:55
އިސްކޯ އަދި އަސްޕާސް އުފާ ފާޅުކުރަނީ
އިސްކޯ އަދި އަސްޕާސް އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
އިންޓަނޭޝަނަލް ފްރެންޑްލީ
އިންޓަނޭޝަނަލް ފްރެންޑްލީ: އިސްކޯގެ ހެޓްރިކާ އެކު ސްޕެއިންއަށް ބޮޑު މޮޅެއް
ވަރުގަދަ އާޖެންޓީނާ ބަލިކުރީ 6-1 އިން

އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި އިސްކޯ ކާމިޔާބުކުރި ހެޓްރިކާ އެކު ސްޕެއިން އިން ބޮޑު މޮޅެއް ހޯދައިފިއެވެ.

އެޓްލެޓިކޯ މެޑްރިޑްގެ އާ ސްޓޭޑިއަމް ކަމަށްވާ ވަންޑާ މެޓްރަޕޮލިޓާނޯގައި ކުޅުނު މި މެޗު ސްޕެއިން އިން ކާމިޔާބުކުރީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ޖަރުމަނާ ދެކޮޅަށް ކުޅެ އެއްވަރުވި ސްޕެއިންގެ ޓީމަށް ދެ ބަދަލެއް މި މެޗުގައި ގެނައިއިރު، އިޓަލީ އަތުން މޮޅުވި އާޖެންޓީނާގެ ޓީމުން ފަސް ބަދަލެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ މެޗުގައި ކުޅެފައިނުވާއިރު އޭނާގެ ބަދަލުގައި މި މެޗުގައި ކުޅެން ނުކުމެފައި ވަނީ ޕީއެސްޖީގެ ކުޅުންތެރިޔާ ޖިއޮވާނީ ލޮކެލްސޯއެވެ.

ފުރަތަމަ ހާފު ފެށިގެން ސްޕެއިން އިން ވަނީ ބޯޅަ ކޮންޓްރޯލްކޮށް މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ސްޕެއިންއަށް ޖަހައިދިނީ ޑިއޭގޯ ކޮސްޓާއެވެ. މި ލަނޑަށް ފަހު ވެސް ސްޕެއިން އިން ފުލުފުލުގައި ހަމަލާ އުފެއްދުމުގެ ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ 27 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ އިސްކޯއެވެ. އާޖެންޓީނާ އިން އެ ޓީމުގެ ކުޅުން މި ލަނޑަށް ފަހު ރަނގަޅުކުރިއެވެ. އެގޮތުން މެޗުގެ 39 ވަނަ މިނެޓުގައި ނިކޮލަސް އޮޓަމެންޑީ ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު އެ ޓީމަށް ކުޑަކޮށްދީފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ސްޕެއިން އިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ނުރައްކާތެރި ގިނަ ހަމަލާތަކެއް ސްޕެއިންގެ ފަރާތުން ފެނިގެންދިޔައިރު ސްޕެއިންގެ ތިންވަނަ ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ވެސް އިސްކޯއެވެ. އޭގެ ތިން މިނެޓު ފަހުން ސްޕެއިންގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ ބަޔާން މިއުނިކްއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާއެވެ. ސްޕެއިންގެ ފަސް ވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ޖަހައިދިނީ އިއާގޯ އަސްޕާސްއެވެ. އިސްކޯ ވަނީ އޭގެ މިނެޓެއް ފަހުން ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި މެޗުގައި ޖެހި ތިން ލަނޑު ވެގެން ގޮސްފައި ވަނީ ސްޕެއިންގެ ގައުމީ ޓީމަށް އިސްކޯ ކާމިޔާބުކޮށްދިން ފުރަތަމަ ހެޓްރިކްއަށެވެ. ހަމައެހެންމެ މިއީ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޓީމަކާ ދެކޮޅަށް ކުޅެ އެންމެ ތަފާތު ބޮޑުކޮށް ސްޕެއިން މޮޅުވި މެޗެވެ. މި މެޗުގައި ޖެހި ލަނޑާ އެކު ޑިއޭގޯ ކޮސްޓާ ވަނީ އޭނާ އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ގައުމީ ޓީމަށް ލަނޑު ޖަހައިދީފައެވެ.

ވޯލްޑް ކަޕަށް ތައްޔާރުވުމަށް މި ދެ ޓީމު ވެސް ރަހުމަތްތެރިކަމުގެ މެޗުތައް ކުޅެމުން އަންނައިރު ސްޕެއިން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބަލިވެފައެއް ނުވެއެވެ. އެހެން ނަމަވެސް އާޖެންޓީނާ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމު މޮޅުވީ ތިން މެޗުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް