ކ. މާލެ
|
28 މާރޗް 2018 | ބުދަ 15:54
މި މެޗުގައި ފްރާންސްއަށް ލަނޑެއް ޖަހައިދިން ޕައުލް ޕޮގްބާ
މި މެޗުގައި ފްރާންސްއަށް ލަނޑެއް ޖަހައިދިން ޕައުލް ޕޮގްބާ
ގެޓީ އިމޭޖަސް
އިންޓަނޭޝަނަލް ފްރެންޑްލީ
އިންޓަނޭޝަނަލް ފްރެންޑްލީ: ރަޝިއާ އަތުން ފްރާންސް މޮޅުވެއްޖެ
މި މެޗު ފްރާންސްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން

ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ރަޝިއާގެ މައްޗަށް ފްރާންސް ކުރި ހޯދައިފިއެވެ.

ރަޝިއާގެ ސެއިންޓް ޕީޓާސްބާގްގައި ކުޅުނު މި މެޗު ފްރާންސްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުރިން ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ރަޝިއާ ބަލިވިއިރު ފްރާންސް ވެސް ވަނީ އަމިއްލަ ގައުމުގައި 3-2 ގެ ނަތީޖާއަކުން ކޮލޮމްބިއާ އަތުން ބަލިވެފައެވެ. ބްރެޒިލް އަތުން ބަލިވި ރަޝިއާގެ ޓީމަށް ފަސް ބަދަލެއް ގެނެސްފައިވާއިރު ކޮލޮމްބިއާ އަތުން ބަލިވި ފްރާންސްގެ ޓީމަށް ހަތް ބަދަލެއް ގެނެސްފައިވެއެވެ.

މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ރަޝިއާއިން ފްރާންސްގެ ގޯލަށް ނުރައްކާ ކުރުމަށް ގިނަ މަސައްކަތްތަކެއްކުރިއިރު ފްރާންސްގެ ޑިފެންސް ލައިން ވަނީ މި ހަމަލާތައް ހުއްޓުވުމަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. ހާފުގެ މެދުތެރެއިން މެޗުގެ ކޮންޓްރޯލް ފްރާންސްއިން ނެގިއިރު އެ ޓީމުން ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 40 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޕައުލް ޕޮގްބާގެ އެހީތެރިކަމާއެކު ކިލިއަން އެމްބާޕޭއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ފްރާންސްއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ކުޅުން ވަރުގަދަކޮށްފައެވެ. މެޗުގެ 49 ވަނަ މިނެޓުގައި ޕައުލް ޕޮގްބާ ވަނީ ހިލޭ ޖެހުމަކުން ލަނޑެއް ޖަހައިދީ ފްރާންސްގެ ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑަށްފަހު ރަޝިއާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ފިޔޮޑޯ ސްމޮލޯވް ވަނީ ލަނޑެއް ޖަހައިދީ ރަޝިއާއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ފްރާންސްގެ ތިންވަނަ ލަނޑު 83 ވަނަ މިނެޓުގައި ޖަހައިދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އެމްބާޕޭއެވެ.

މިއަހަރުގެ ވޯލްޑް ކަޕަށް ރަޝިއާ ކޮލިފައިވީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުންނެވެ. ހަމައެހެންމެ ފްރާންސް ކޮލިފައިވީ އެ ޓީމު ވާދަކުރި ޔޫރަޕުގެ ކޮލިފައިން ގްރޫޕުގެ އެއްވަނ ޓީމުގެ ގޮތުގައެވެ. މި މުބާރާތަށް ތައްޔާރުވުމަށް ރަޝިއާ އެންމެ ފަހުން ކުޅުނު ރަހުމަތްތެރިކަމުގެ ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ފްރާންސް ކުޅުނު ރަހުމަތްތެރިކަމުގެ ފަސް މެޗުގެ ތެރެއިން އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ފްރާންސްއަކީ ވޯލްޑް ކަޕްގެ ފެވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް