ކ. މާލެ
|
27 މާރޗް 2018 | އަންގާރަ 21:03
އޮސްޓްރޭލިއަން އޯޕަންގެ ކުއާޓަރ ފައިނަލް މެޗުގައި ލިބުނު އަނިޔާ އަށް ފަހު މުބާރާތާ ވަކިވެ ނަޑާލް ކޯޓުން ފައިބަނީ
އޮސްޓްރޭލިއަން އޯޕަންގެ ކުއާޓަރ ފައިނަލް މެޗުގައި ލިބުނު އަނިޔާ އަށް ފަހު މުބާރާތާ ވަކިވެ ނަޑާލް ކޯޓުން ފައިބަނީ
ގެޓީ އިމޭޖަސް
ޑޭވިސް ކަޕް
އަނިޔާ އަށް ފަހު ޑޭވިސް ކަޕްގެ ކުއާޓަރ ފައިނަލަށް ނެގި ސްކޮޑުގައި ނަޑާލް ހިމަނައިފި
ނަޑާލްގެ އުނަގަނޑަށް އަނިޔާވީ ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަންގެ ކުއާޓަރ ފައިނަލްގައި ކުޅެނިކޮށް
ކުޅުމާ ދުރުގައި ގިނަ ދުވަސްތަކަކު ހުރި ނަމަވެސް ޑޭވިސް ކަޕަށް ނަޑާލް ނުކުންނާނީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައި

އަނިޔާ އަށް ފަހު ސްޕެއިންގެ ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް، ޑޭވިސް ކަޕްގައި ވާދަކުރާ ސްޕެއިންގެ ގައުމީ ސްކޮޑުގައި ހިމަނައިފިއެވެ.

މިދިޔަ ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލްގައި މެރިން ކިލިޗްއާ ދެކޮޅަށް ކުޅެނިކޮށް ލިބުނު އަނިޔާ އަށް ފަހު 31 އަހަރުގެ ނަޑާލް ވާދަވެރި މުބާރާތެއްގައި ކުޅެފައެއް ނުވެއެވެ.

އުނަގަނޑަށް ލިބުނު އަނިޔާ އަށް ފަހު އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ޑޭވިސް ކަޕްގެ ސްކޮޑަށް ނަގާފައިވާއިރު، ސްޕެއިންގެ ކެޕްޓަން ސާޖީ ބްރުގުއޭރާ ބުނީ، ނަޑާލް ރަނގަޅު ވަމުން އަންނަ ކަމަށާއި އިތުރު ޓްރެއިނިންގ ބޭނުންވާ ކަމަށެވެ. އަދި ޑޭވިސް ކަޕްގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗާ ދެމެދު ދޮޅު ހަފްތާއެއްހާ ދުވަހުގެ މުއްދަތު އޮތްއިރު، އެއީ އެކަމަށް އެކަށޭނަ ވަގުތެއް ކަމަށް އޭނާ ބުންޏެވެ.

މިދިޔަ މަހު ބޭއްވި އެކަޕުލްކޯ އޯޕަންގައި ވާދަކުރުމަށް ނަޑާލް ނިންމި ނަމަވެސް އެ ނިންމުން ބަދަލުކޮށް، ނަޑާލް ވަނީ އިންޑިއަން ވެލްސް އަދި މަޔާމީގައި ބާއްވާ އޭޓީޕީ މާސްޓަރސް މުބާރާތްތަކުން ވެސް ވަކިވެފައެވެ.

ޖެނުއަރީ މަހުގެ ފަހުން ވާދަވެރި މެޗެއް ކުޅެފައިނުވި ނަމަވެސް، މަޔާމީ އޯޕަންގެ ދެވަނަ ބުރުން ސްވިޓްޒަލެންޑްގެ ރޮޖަރ ފެޑެރާ މި ހަފްތާގައި ކެޓުމާ އެކު، ނަޑާލް މިމުބާރާތަށް ނުކުންނަނީ ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ.

ނަޑާލް ވަނީ އޭނާގެ ޓެނިސް ކެރިއަރުގައި ގްރޭންޑް ސްލޭމްގެ 16 މުބާރާތެއް ކާމިޔާބުކޮށްފައެވެ.

ޑޭވިސް ކަޕްގެ ފުރަތަމަ ބުރުގައި މިދިޔަ މަހު ގްރޭޓް ބްރިޓަން ބަލިކޮށް މުބާރާތުން ކަޓުވާލި ސްޕެއިންގެ ޓީމުން ޖަރުމަނާއި ދެކޮޅަށް އޭޕްރީލް މަހުގެ 6-8 އަށް ކުޅޭ ކުއާޓަރ ފައިނަލްގައި ނުކުންނާނީ ވެލެންސިޔާގައި އޮންނަ ނަޑާލް އެންމެ ގަޔާވާ ކްލޭ ކޯޓުގައެވެ.

ޑޭވިސް ކަޕްގައި ވާދަކުރާ ސްޕެއިންގެ ޓީމުގައި ނަޑާލް އަދި ކެޕްޓަން ބްރުގުއޭރާގެ އިތުރުން ދެން ހިމެނެނީ ރޮބާޓޯ ބައުޓިސްޓާ އަގުޓް، ޕަބްލޯ ކަރޭނޯ ބުސްޓާ އަދި ފެލިސިއާނޯ ލޯޕޭޒްގެ އިތުރުން ޑޭވިޑް ފެރަރއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް