ކ. މާލެ
|
26 މާރޗް 2018 | ހޯމަ 17:30
ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގެޓް
ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގެޓް
އިމޭޖަސް.އެމްވީ
އޭޝިއަން ކަޕް ކޮލިފައިން
100 އިންސައްތަ ނުދޭ ކުޅުންތެރިންނަށް ފުރުސަތެއް ނުދޭނަން: ސެގެޓް
މާދަމާގެ މެޗުގައި އެންމެ އިސްކަމެއް ދޭން ޖެހޭނީ ބައިކޮޅަށް ލަނޑެއް ވަނަ ނުދިނުމަށް
މާދަމާގެ މެޗުގައި ހޯމް އެޑްވާންޓޭޖުގެ ބޭނުން ހިފަން ޖެހޭ
ރާއްޖޭގެ ގައުމީ ޓީމުގައި ހަމައެކަނި މާލޭގައި ކުޅޭ ކުޅުންތެރިން ތިބެންޖެހޭ ކަމަށް ގަބޫލެއްނުކުރަން

ގައުމީ ޓީމަށް 100 އިންސައްތަ ނުދޭ ކުޅުންތެރިންނަށް ޓީމުން ފުރުސަތު ނުދޭނެ ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގެޓް ބުނެފިއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާންއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސެގެޓް ބުނީ އޭނާ ބޭނުން ވަނީ ގައުމީ ޓީމަށް 100 އިންސައްތަ ދޭނެ ކުޅުންތެރިން ކަމަށާއި ގައުމީ ޓީމަށް 50 އިންސައްތަ ދިނުމަކީ އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ ކޮންމެ ކުޅުންތެރިޔަކު ވެސް ކުޅެން ޖެހޭނީ ގައުމީ ޓީމަށް ކުޅޭހިތުން ކަމަށާއި އެގޮތަށް ނުކުޅޭ ކުޅުންތެރިންގެ ބަދަލުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ ވެސް މާ ރަނގަޅު ކަމެއް ކަމަށެވެ. ސެގެޓް ބުނީ މާދަމާގެ މެޗުގައި އެންމެ އިސްކަމެއް ދޭން ޖެހޭނީ ބައިކޮޅަށް ލަނޑެއް ވަނަ ނުދިނުމަށް ކަމަށެވެ.

ކޯޗު ބުނީ ބޫޓާން އަތުން މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ރާއްޖެ ބަލިވެފައި ނުވި ނަމަވެސް އެ ޓީމު މިވަގުތު އޮތީ ރާއްޖެއާ ވަރަށް ކައިރިކުރާ ހިސާބެއްގައި ކަމަށެވެ. އޭނާ ބުނީ ވަގުތު ދޭން ޖެހޭ ކަމަށާއި މާދަމާގެ މެޗުގައި ހޯމް އެޑްވާންޓޭޖްގެ ބޭނުން ހިފަން ޖެހޭ ކަމަށެވެ. ހަމައެހެންމެ ބޫޓާން މޮޅުވެފައި ނުވި ނަމަވެސް ބޫޓާނަށް އިހުތިރާމުކުރަން ޖެހޭނެ ކަމަށެވެ.

އޭނާ ބުނީ ރާއްޖޭގެ ގައުމީ ޓީމުގައި ހަމައެކަނި މާލޭގައި ކުޅޭ ކުޅުންތެރިން ތިބެންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށާއި މާދަމާގެ މެޗަށް ފަހު އަތޮޅުތަކުން ކުޅުންތެރިން ހޯދުމަށް މަސައްކަތް ފަށާނެ ކަމަށެވެ.

ގައުމީ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ބުނީ މާދަމާގެ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށާއި ނުކުންނާނީ އެންމެ އުއްމީދުތައް އާ އަހަރަކަށް އާކޮށްލަން ކަމަށެވެ. އަޑުބަރޭ ބުނީ އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ މެޗުތަކަށް ރަނގަޅަށް ތައްޔާރުވުމަށް ވަގުތު ނުލިބުން ކަމަށާއި ރަނގަޅަށް ތައްޔާރު ވެވިއްޖެ ނަމަ އިދިކޮޅު ޓީމުތަކާ ޗެލެންޖް ކުރެވޭނެ ކަމަށެވެ.

މާދަމާގެ މެޗަށް ރާއްޖެ ނުކުންނައިރު ކޮލިފައިންގައި ރާއްޖެ ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވެފައި ވަނީ ރަށުން ބޭރުގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެއަށް ގެއްލިފައިވާއިރު ރާއްޖެ އޮތީ ކޮލިފައިން ގްރޫޕްގެ ތިންވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް