ކ. މާލެ
|
26 މާރޗް 2018 | ހޯމަ 17:15
ތޯމަސް ލެމާރ
ތޯމަސް ލެމާރ
ގެޓީ އިމޭޖަސް
ތޯމަސް ލެމާރ
ލެމާރ އަދިވެސް ޕްރިމިއާ ލީގުގެ ކްލަބެއްގެ އިންތިޒާރުގައި
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އާސެނަލްއިން ވަނީ ލެމާރ ހޯދުމަށް ގިނަ މަސައްކަތްތަކެއްކޮށްފައި

އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސް ޕްރިމިއާ ލީގުގެ ކްލަބަކަށް ދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް މޮނާކޯއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން މިޑްފީލްޑަރު ތޯމަސް ލެމާރ ބުނެފިއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އާސެނަލްއިން ވަނީ ލެމާރ ހޯދުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެހެން ނަމަވެސް އާސެނަލްގެ ފޯވާޑް އެލެކްސިސް ސަންޗޭޒް އެ ޓީމަށް ވިއްކާނުލެވުމާއި ގުޅިގެން ލެމާރ ގެނައުން އެ ޓީމުން މަޑު ޖައްސާލިއެވެ. ލެމާރ ގެނައުމުގެ ބަދަލުގައި އެ ޓީމުން ވަނީ އަރުމީނިއާގެ މިޑްފީލްޑަރު ހެންރިކް މިޚްތަރިޔާން އަދި ގެބޯންގެ ފޯވާޑް ޕިއޭ އެމެރިކް އޮބަމަޔަންގ އެ ޓީމަށް ގެނެސްފައެވެ. ފިލިޕޭ ކުޓީނިއޯ ލިވަޕޫލް ދޫކޮށްލުމާއި ގުޅިގެން އޭނާގެ ބަދަލުގައި ލެމާރ ހޯދުމުގެ މަސައްކަތް ލިވަޕޫލްއިން ވެސް ކުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ލެމާރ ބުނީ އެހެން ޓީމަކަށް ބަދަލުނުވެވުމުން ވަރަށް ހިތްހަމަނުޖެހުނު ކަމަށާއި އެހެން ނަމަވެސް އެކަންކަން ނިމުމާއެކު އެކަންކަމާމެދު ނުވިސްނާ ކަމަށެވެ. ލެމާރ ބުނީ ކޮންމެ ގޮތެއްވި ނަމަވެސް މި ސީޒަނުގައި މަސައްކަތްކުރާނީ އަނެއްކާ ވެސް ޓީމުތަކުން އޭނާ ހޯދުމަށް މަސައްކަތްކުރާނެ ވަރަށް އޭނާގެ ކުޅުމުގެ ފެންވަރު ގެންދިޔުމަށް ކަމަށް ކަމަށެވެ. އޭނާ ބުނީ ކޮންމެ ޓީމަކުން އޭނާ ހޯދުމަށް އައި ނަމަވެސް އެކަމަށް ފުރަގަސް ނުދޭނެ ކަމަށާއި ކޮންމެ ޓީމަކުން ވެސް އޭނާ ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މޮނާކޯގެ ކޯޗު ލިއޮނާޑޯ ޖާޑިމް ވެސް ބުނެފައިވަނީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި އެ ޓީމު ކުޅުންތެރިޔަކު ހޯދުމަށް ރަނގަޅު ހުށަހެޅުމެއް އައިސްފިނަމަ އެކަމަކަށް ހުރަސް ނާޅާނެ ކަމަށެވެ. އެގޮތުން ލެމާރ އެ ޓީމު ދޫކޮށްލުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި ޔަގީނުން ވެސް ޓީމުން މަދުން ފުރުސަތު ލިބޭ ކުޅުންތެރިން އެހެން ޓީމަކަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ޖާޑިމް ބުނެފައިވެއެވެ. އެހެން ނަމަވެސް ލެމާރ އަކީ އެ ޓީމުގެ މުހިންމު ކުޅުންތެރިޔަކަށްވުމާއެކު އޭނާ ވިއްކާލާނީ އެންމެ މަދުވެގެން 90 މިލިއަން ޕައުންޑްގެ ފީއަކަށް ކަމަށް ބެލެވޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އުމުރުން 22 އަހަރުގެ މިޑްފީލްޑަރުގެ ފަރާތުން މި ސީޒަނުގައި ފެންނަމުންދަނީ ރަނގަޅު ކުޅުމެކެވެ. އެގޮތުން މި ސީޒަނުގައި އޭނާވަނީ މޮނާކޯއަށް ކުޅެދިން މެޗުތަކުގައި ހަތަރު ލަނޑު ޖަހައި ހަތަރު އެސިސްޓް ހަދާފައެވެ. ފްރާންސްގެ ގައުމީ ޓީމުން ވެސް ޖާގަ ހޯދަމުން އަންނަ ލެމާރ މޮނާކޯއާ ގުޅުނީ 2015 ވަނަ އަހަރުއެވެ. އޭގެފަހުން އޭނާ އެ ޓީމަށް ކުޅުނު 118 މެޗުގައި ވަނީ 22 ލަނޑު ޖަހައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް