ކ. މާލެ
|
25 މާރޗް 2018 | އާދީއްތަ 18:22
ޗައިނާ ކަޕްގެ ސެމީ ފައިނަލްގައި ޗައިނާ ކޮޅަށް ހެޓްރިކް ހެދުމަށް ފަހު ވޭލްސްގެ ވިންގަރ ގެރެތު ބޭލް އުފާ ފާޅުކުރަނީ
ޗައިނާ ކަޕްގެ ސެމީ ފައިނަލްގައި ޗައިނާ ކޮޅަށް ހެޓްރިކް ހެދުމަށް ފަހު ވޭލްސްގެ ވިންގަރ ގެރެތު ބޭލް އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
ގެރެތު ބޭލް
ކްލަބާއެކު މުބާރާތެއް ކާމިޔާބު ކުރުމަށް ވުރެ، ވޭލްސް އާއެކު ހޯދާ ކާމިޔާބީ ހާއްސަ ވާނެ: ބޭލް
ޗައިނާ ކަޕްގެ ފައިނަލްގައި އުރުގުއާއީ އާ ދެކޮޅަށް ހޯމަ ދުވަހު ވޭލްސް ނިކުންނާނެ
1937 ވަނަ އަހަރުގެ ފަހުން ވޭލްސް އަށް ބައިނަލްއަޤްވާމީ މުބާރާތެއް ކާމިޔާބު ކުރެވިފައެއްނުވޭ
ބޭލް ހުރީ ވޭލްސް އާއެކު ފުރަތަމަ ތަށި ހޯދުމަށް ކެތްމަދުވެފައި

ވޭލްސް އާއެކު ފުރަތަމަ ތަށި ހޯދުމަކީ ކްލަބާއެކު ހޯދާފައިވާ ކާމިޔާބީ އަށްވުރެ ހާއްސަ ކަމެއް ކަމަށް ރެއާލް މެޑްރިޑަށް ކުޅޭ ވޭލްސްގެ ވިންގަރ ގެރެތު ބޭލް ބުނެފި އެވެ.

ޗައިނާގައި މިހާރު ކުރިއަށްދާ ޗައިނާ ކަޕްގެ ފައިނަލުގައި ހޯމަ ދުވަހު އުރުގުއާއީ އާ ދެކޮޅަށް ވޭލްސް ނުކުންނާނެ އެވެ.

ހަތަރު ޓީމު ވާދަކުރާ މިމުބާރާތުގެ ފައިނަލުން ވޭލްސް ޖާގަ ހޯދީ ސެމީ ފައިނަލްގައި ޗައިނާގެ މައްޗަށް 6-0 ގެ ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ. އެ މެޗުގައި ބޭލް ހެދި ހެޓްރިކާއެކު އޭނާ ވަނީ ވޭލްސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައެވެ.

ޗައިނާ، ވޭލްސް އަދި އުރުގުއާއީގެ އިތުރުން މިމުބާރާތުގައި ދެން ވާދަކުރަނީ ޗެކް ރިޕަބްލިކް އިންނެވެ.

ޗައިނާ ކަޕްގެ ފައިނަލް މެޗުގެ ކުރިން ވާހަކަ ދައްކަމުން 28 އަހަރުގެ ކުޅުންތެރިޔާ ބުނީ، ކްލަބާއެކު ކާމިޔާބު ހޯދުމަށްވުރެ ވޭލްސް އާއެކު ތަށްޓެއް ހޯދުމަކީ މާބޮޑު ކާމިޔާބީ އެއް ކަމަށެވެ.

ބޭލް ބުނީ ކޮންމެ ތަށްޓަކީވެސް ކާމިޔާބީ އެއް ކަމަށާއި، އެހެން ނަމަވެސް އުފަން ގައުމާއެކު ހޯދާ ކާމިޔާބީ އަބަދު ވެސް ހާއްސަވާނެ ކަމަށެވެ.

ބޭލް ބުނީ، މުޅި ގައުމު ފަޚުރުވެރި ކޮށްދިނުމަކީ އަބަދުވެސް ހިތުގައި އަދި ލޭގައި ހިނގާ ކަމެއް ކަމަށާއި، އެކަން ހާއްސަ ވަނީ އެހެންވެގެން ކަމަށެވެ.

ޗައިނާ ކަޕްގެ ފައިނަލް މެޗު ވޭލްސް ކާމިޔާބު ކޮށްފިނަމަ އެމުބާރާތުގެ ތަށި ވެގެންދާނީ ވޭލްސް އާއެކު ބޭލް ހޯދާ ފުރަތަމަ ބައިނަލްއަޤްވާމީ ތަށީގެ އިތުރުން 1937 ވަނަ އަހަރު ވޭލްސް އިން ކާމިޔާބު ކުރި ބްރިޓިޝް ހޯމް ޗެމްޕިއަންޝިޕްގެ ފަހުން ވޭލްސްގެ ފުރަތަމަ ބައިނަލްއަޤްވާމީ ތަށްޓަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް