ކ. މާލެ
|
25 މާރޗް 2018 | އާދީއްތަ 16:48
ހެރީ ކޭން އަދި ސޮން
ހެރީ ކޭން އަދި ސޮން
ގެޓީ އިމޭޖަސް
ހެރީ ކޭން
ކޭންއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ: ސޮން
ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް ޕްރިމިއާ ލީގުގެ ރަން ބޫޓު ގެންދިޔައީ ކޭން
ކޭންއަށް އަނިޔާވެ އޭނާއަށް ވަނީ ސީޒަން ނިމިފައި
ކޭންއަށް އަނިޔާވުމާއެކު ޓޮޓެންހަމްގެ ފޯވާޑް ލައިނުގައި އެންމެ އިސް ދައުރެއް މިހާރު އަދާކުރަމުން އަންނަނީ ސޮން

އިނގިރޭސިވިލާތުގެ ޓޮޓެންހަމްއަށް ކުޅެމުން އަންނަ ހެރީ ކޭންއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ފޯވާޑް ހެއުން މިން ސޮން ބުނެފިއެވެ.

ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް ޕްރިމިއާ ލީގުގެ ރަން ބޫޓު ގެންދިޔަ ކޭން ވަނީ މި ސީޒަނުގައި މިހާތަނަށް 24 ލަނޑު ޖަހާފައެވެ. އެހެން ނަމަވެސް މި ސީޒަނުގެ ބާކީ ބައިގައި ކޭންއަށް އިތުރު މެޗެއް ކުޅުމުގެ ފުރުސަތެއް ނެތްކަމަށް ޓޮޓެންހަމްގެ މެޑިކަލް ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ. އޭނާއަށް އަނިޔާވެ މި ސީޒަން ނިމިފައިވާއިރު މި ސީޒަނުގެ ޕްރިމިއާ ލީގުގެ ރަން ބޫޓު ގެންދިޔުމުގެ ފުރުސަތު އެންމެ ބޮޑަށް އޮތީ ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހުއަށެވެ. ސޮންގެ އިތުރުން ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވެސް ވަނީ ކޭންއަށް ތައުރީފުކޮށްފައެވެ.

ސްކައި ސްޕޯޓްސްއާ ވާހަކަ ދައްކަމުން ސޮން ބުނީ ކޭން އަކީ އިނގިރޭސި ގައުމީ ޓީމަށް ވެސް މުހިންމު ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ދެކޭ ކަމަށެވެ. ސޮން ބުނީ މިއީ ފުޓްބޯޅަ ކަމަށާއި ބައެއް ހާލަތްތަކުގައި އިންޖަރީވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިން ކުޅެން ޖެހޭނީ އެކަން ދަނެގެން ކަމަށާއި ކޭން ނެތުމަކީ ޓީމަށް ލިބޭ ބޮޑު ދެރައެއް ކަމަށެވެ. އެހެން ނަމަވެސް ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށާއި ކޭން ނެތަސް ސީޒަނަށް ކަނޑައެޅި ޓާގެޓުތަކަށް ވާސިލުވުމަށް އެހެން ކުޅުންތެރިން މަސައްކަތްކުރާނެ ކަމަށެވެ.

ސޮން ބުނީ އޭނާއަކީ ކޭންއާ އެއްގޮތަށް ކުޅޭ ކުޅުންތެރިޔެއް ނޫން ކަމަށާއި ކޮންމެ ދުވަހަކު ވެސް ފަރިތަކުރުންތަކުގައި ބަލަނީ އިތުރު ކުރިއެރުން ހޯދުމަށް ކަމަށެވެ. އޭނާ ބުނީ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުމަކީ އޭނާގެ ކުޅުން ދައްކާލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އޭނާ ބުނީ ޓޮޓެންހަމްގައި ހޭދަކުރި ދެ އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ ކުރިއެރުން ލިބިފައިވާ ކަމަށާއި ޓީމުގައި މިވަގުތު ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ. އޭނާ ބުނީ އެންމެ އުފާވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނަކީ ވެސް ވަރަށް ބުރަ މަސައްކަތްކުރާ ކުޅުންތެރިންނަށް ވުމާއެކު ކަމަށާއި މިއީ އޭނާ މަޑުކުރަން ބޭނުންވާ ޓީމު ކަމަށެވެ. އޭނާ ބުނީ މުސްތަގުބަލުގައި ވެސް އެހެން ޓީމަކުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެން ނަމަވެސް މިވަގުތު ވިސްނަމުންދަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިޔަށް އެޅުމަށް ކަމަށެވެ.

ސޮން އަންނަނީ މި ސީޒަނުގައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. ކޭންއަށް އަނިޔާވުމާއެކު ޓޮޓެންހަމްގެ ފޯވާޑް ލައިނުގައި އެންމެ އިސް ދައުރެއް މިހާރު އަދާކުރަމުން އަންނަނީ ސޮންއެވެ. އޭނާވަނީ މިހާތަނަށް އެ ޓީމަށް މި ސީޒަނުގައި 18 ލަނޑު ޖަހައިދީފައެވެ. ޖަރުމަނުގެ ބަޔާ ލެވަކޫސަން ދޫކޮށް ޓޮޓެންހަމްއަށް ބަދަލުވި ފަހުން ސޮން ވަނީ އެ ޓީމަށް 131 މެޗު ކުޅެދީ 47 ލަނޑު ޖަހައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް