ކ. މާލެ
|
24 މާރޗް 2018 | ހޮނިހިރު 17:18
ޑޯޓްމަންޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ފަހު ބޯލްޓް ނޫސްވެރިންނާ ވާހަކަ ދައްކަނީ
ޑޯޓްމަންޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ފަހު ބޯލްޓް ނޫސްވެރިންނާ ވާހަކަ ދައްކަނީ
ގެޓީ އިމޭޖަސް
އުސައިން ބޯލްޓް
ޖަރުމަނު، ބްރެޒިލް، އާޖެންޓީނާ އަދި ފްރާންސްއަކީ ފެވަރިޓުން: ބޯލްޓް
ބޯލްޓްއަކީ އާޖެންޓީނާގެ ސަޕޯޓަރެއް

މިއަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ފެވަރިޓުންނަކީ ޖަރުމަނާއި ބްރެޒިލް އަދި އާޖެންޓީނާގެ އިތުރުން ފްރާންސް ކަމަށް ދުނިޔޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ ކާމިޔާބު އެތުލީޓު އުސައިން ބޯލްޓް ބުނެފިއެވެ.

ބޯލްޓްއަކީ ދުނިޔޭގެ އެންމެ ކާމިޔާބު ދުވުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އެތުލީޓަކަށްވާއިރު އޭނާއަކީ ފުޓްބޯޅައަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓާ މީހެކެވެ. އެގޮތުން އޭނާ ވަނީ ޖަރުމަނުގެ ބޮރޫޝީއާ ޑޯޓްމަންޑާ އެކު ދާދި ފަހުން ދެ ދުވަހުގެ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ.

ޑޯޓްމަންޑާއެކު ތަމްރީނުތައް ފުރިހަމަކުރުމަށް ފަހު ވާހަކަ ދައްކަމުން ބޯލްޓް ބުނީ ވޯލްޑް ކަޕްގެ ބައެއް މެޗުތައް ބެލުމަށް ރަޝިއާއަށް އޭނާ ދާނެ ކަމަށާއި އޭނާއަކީ އާޖެންޓީނާގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާގެ ބައެއް މެޗުތައް ބެލުމަށް ދާނެ ކަމަށާއި އެ ޓީމަކީ ވޯލްޑް ކަޕްގެ ފެވަރިޓެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާއާ އެކު ފްރާންސް އަދި ޖަރުމަނަކީ ވެސް ވޯލްޑް ކަޕްގެ ފެވަރިޓުންގެ ގޮތުގައި ދެކޭ ކަމަށެވެ.

ބޯލްޓް ބުނީ ނޭމާ އެނބުރި އައުމާ އެކު ބްރެޒިލްއަކީ ފެވަރިޓެއްގެ ގޮތުގައި ވެސް ބެލޭނެ ކަމަށާއި އޭނާއަށް ވޯލްޑް ކަޕްގައި ނުކުޅެވުމަކީ ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. ބޯލްޓް ބުނީ ނޭމާއަކީ ވަރަށް ކޮލިޓީ ކުޅުންތެރިއެއް ކަމަށާއި އޭނާއަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެއް ކަމަށެވެ. ނޭމާ ވޯލްޑް ކަޕަށް ފިޓް ނުވެއްޖެ ނަމަ ބްރެޒިލްއަށް އެ މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ވަރަށް ކުޑަވެގެންދާނެ ކަމަށް ވެސް ބޯލްޓް ބުނެފައިވެއެވެ.

ނޭމާ އަންނަނީ މިވަގުތު އޭނާގެ ފަޔާއި ކުޑަހުޅަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުންނެވެ. ބްރެޒިލްގެ ގައުމީ ޓީމުގެ ޑޮކްޓަރު ވަނީ ނޭމާ ފިޓުވާނެ ކަމުގެ ޔަގީންކަން ދީފައެވެ. ވޯލްޑް ކަޕް 2014 ގެ ސެމީ އިން  ބްރެޒިލް ކެޓި މެޗުގައި ވެސް އަނިޔާގެ ސަބަބުން ނޭމާ ކުޅެފައެއް ނުވެއެވެ.

މާރިއޯ ގޯޓްޒޭ ވެސް ކުޅެމުން އަންނަ ޑޯޓްމަންޑާ އެކު ބޯލްޓް ފަރިތަކޮށްފައިވާއިރު އޭނާ ސަޕޯޓް ކުރާ ޓީމަށް ވޯލްޑް ކަޕް ނުލިބުނީ ގޯޓްޒޭ ފައިނަލުގައި ޖެހި ލަނޑުގެ ސަބަބުންނެވެ. އެގޮތުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ޖަރުމަނު އަތުން އާޖެންޓީނާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބޯލްޓް ބުނީ އާޖެންޓީނާގެ ހުރިހާ އުއްމީދެއް ފުނޑާލީ ގޯޓްޒޭ ކަމަށާއި އޭނާ ޖެހި ލަނޑުގެ މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށެވެ.

ބޯލްޓް ބުނީ ބައެއް ކުޅުންތެރިން ފޯމު ދަށްވާ ދުވަސްތައް ދާނެ ކަމަށާއި އެހެން ނަމަވެސް ވޯލްޑް ކަޕަށް ގޯޓްޒޭ ގެންދަން ޖެހޭ ކަމަށެވެ. ޖަރުމަނުގައި ހުރި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގޯޓްޒޭ ހިމެނޭ ކަމަށާއި އެހެންކަމުން އޭނާ މިފަހަރު ވެސް ރަޝިއާއަށް ގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ބޯލްޓް ބުނެފައި ވެއެވެ.

ބޯލްޓް ބުނީ ޑޯޓްމަންޑްގައި އޭނާ ބައިވެރިވި ފަރިތަކުރުންތަކަކީ ވަރަށް ކާމިޔާބު ފަރިތަކުރުންތަކެއް ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް