ކ. މާލެ
|
24 މާރޗް 2018 | ހޮނިހިރު 17:21
ބްރެޒިލް އަދި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ބްރެޒިލް އަދި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިންޓަނޭޝަނަލް ފްރެންޑްލީ
އިންޓަނޭޝަނަލް ފްރެންޑްލީ: ރަޝިއާގެ މައްޗަށް ބްރެޒިލް ކުރި ހޯދައިފި
ރަޝިއާގައި ކުޅުނު މި މެޗު ބްރެޒިލްއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުން

ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ރަޝިއާގެ މައްޗަށް ބްރެޒިލް އިން ކުރި ހޯދައިފިއެވެ.

ރަޝިއާގައި ކުޅުނު މި މެޗު ބްރެޒިލް އިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކުޅުނު ރަޝިއާގެ ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިފައި ވަނީ ހަމައެކަނި އެ ގައުމުގެ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގެ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ބްރެޒިލް އިން މި މެޗުގައި ނެރެފައި ވަނީ ވަރުގަދަ ފުރަތަމަ އެގާރައެކެވެ. އަނިޔާގެ ސަބަބުން ނޭމާއަށް ޓީމުން ވެސް ފުރަސަތު ދީފައިނުވާއިރު އޭނާގެ ބަދަލުގައި އެ ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިފައި ވަނީ ޔުވެންޓަސްގެ ވިންގަރ ޑަގްލަސް ކޮސްޓާއެވެ.

ފުރަތަމަ ހާފު ފެށިގެން ބްރެޒިލްއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ބްރެޒިލްއިން ފުލުފުލުގައި ހަމަލާތައް އުފައްދަމުންދިޔައިރު ރަޝިއާގެ ތަޖުރިބާކާރު ކީޕަރު އިގޯރ އަކިންފީވް ވަނީ މޮޅު ސޭވްތަކެއްކޮށްފައެވެ. މި ހާފުގެ ފަހު ބައިގައި ރަޝިއާއިން ވެސް ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ބްރެޒިލް އިން ވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް އެ ޓީމުގެ ކޮންޓްރޯލް ދަމަހައްޓާފައެވެ. ބްރެޒިލްއިން ރަޝިއާގެ ގޯލު ހުޅުވާލީ ދެވަނަ ހާފު ފެށިގެން 10 މިނެޓު ވެސް ނުވަނީހެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ބްރެޒިލްއަށް ލީޑު ނަގައިދިނީ އިންޓަ މިލާންގެ ޑިފެންޑަރު މިރާންޑާއެވެ. މެޗުގެ 61 ވަނަ މިނެޓުގައި ޕައުލީނިއޯއަށް ރަޝިއާގެ އޭރިއާ ތެރެއިން ފައުލްކުރުމާ ވިދިގެން ރެފްރީ ދިން ޕެނަލްޓީ ކުޓީނިއޯ ވަނީ ކާމިޔާބުކޮށް ބްރެޒިލްގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަސް މިނެޓު ފަހުން ޕައުލީނިއޯ ވަނީ ލަނޑެއް ޖަހައި ބްރެޒިލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ރަޝިއާ އިން އެ ޓީމުގެ ކުޅުން މި ލަނޑުތަކަށް ފަހު ވަރުގަދަކުރިއިރު އެ ޓީމަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މިއަހަރުގެ ވޯލްޑް ކަޕް ރަޝިއާގައި ބާއްވާއިރު ބްރެޒިލް އެ ގައުމަށް ދާނީ މުބާރާތް ކާމިޔާބުކުރުމުގެ އުއްމީދުގައެވެ. މި މެޗު ކުޅެފައި ވަނީ ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ ލުޒްނިކީ ސްޓޭޑިއަމްގައެވެ. މިއަހަރުގެ ވޯލްޑް ކަޕްގެ ޖާގައެއް ރަޝިއާއަށް ލިބުނީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުންނެވެ. ހަމައެހެންމެ ބްރެޒިލް ވޯލްޑް ކަޕަށް ކޮލިފައިވީ ދެކުނު އެމެރިކާގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ކުރިޔަށް އޮތް އެކުވެރި ކަމުގެ މެޗުގައި މި މަހުގެ 27 ވަނަ ދުވަހު ބްރެޒިލް ނުކުންނާނީ ދުނިޔޭގެ ޗެމްޕިއަނުން ކަމަށްވާ ޖަރުމަނާ ދެކޮޅަށެވެ. އެ ދުވަހު ފްރާންސާ ދެކޮޅަށް ރަޝިއާ ވެސް ނުކުންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް