ކ. މާލެ
|
23 މާރޗް 2018 | ހުކުރު 18:11
ޒްލާޓަން އިބްރަހިމޮވިޗް
ޒްލާޓަން އިބްރަހިމޮވިޗް
ޓްވިޓަރ
ޒްލަޓަން އިބްރާހިމޮވިޗް
ޔުނައިޓެޑް ދޫކޮށް އިބްރަހިމޮވިޗް އެލްއޭ ގެލެކްސީއަށް
އޭނާ ވަނީ ޔުނައިޓެޑްގައި ދެ ސީޒަން ހޭދަކޮށްފައި

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި ސްވިޑެންގެ ފޯވާޑް ޒްލާޓަން އިބްރަހިމޮވިޗް އެ ޓީމު ދޫކޮށް އެމެރިކާގެ އެލްއޭ ގެލެކްސީއަށް ބަދަލުވާނެކަން ހާމަކޮށްފިއެވެ.

އެމެރިކާގެ މޭޖަރ ލީގު ސޮކާގައި ކުޅެމުން އަންނަ އެލްއޭ ގެލެކްސީއަށް އިބްރަހިމޮވިޗް ބަދަލުވާން އުޅޭ ކަމަށް އޭނާ ހާމަކޮށްފައި ވަނީ އިންސްޓަގްރަމްގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ. މި ޕޯސްޓުގައި އިބްރަހިމޮވިޗް ބުނެފައި ވަނީ ކާމިޔާބު ދެ ސީޒަނަށް ފަހު އެހެން ދިމާލަކަށް މިސްރާބު ޖެހުމުގެ ވަގުތު އައިސް ޖެހިފައިވާ ކަމަށެވެ. އޭނާ ބުނީ ރަނގަޅު ކަންކަން ވެސް ނިމުމަކަށް އަންނާނެ ކަމަށާއި ޓީމުގެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން ވަކިން ހާއްސަކޮށް ކޯޗު ހޯސޭ މޮރީނިއޯ އަދި ސްކޮޑުގެ ކުޅުންތެރިން ފާހަގަކުރާ ކަމަށް އިބްރަހިމޮވިޗްގެ ޕޯސްޓުގައިވެއެވެ.

ޔުނައިޓެޑްގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ކްލަބަށް އިބްރަހިމޮވިޗް ކޮށްދިން ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށާއި އޭނާގެ މުސްތަބުގަލު ކާމިޔާބު ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ޔުނައިޓެޑާ އިބްރަހިމޮވިޗް ގުޅިފައި ވަނީ 2016 ވަނަ އަހަރު ފްރާންސްގެ ޕީއެސްޖީގައި ބޮޑެތި ކާމިޔާބުތަކެއް ހޯދުމަށް ފަހުއެވެ. މި މަހުގެ ކުރީކޮޅު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް ވަނީ އިބްރަހިމޮވިޗް އެ ޓީމު ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ޔުނައިޓެޑާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން އާކުރި ނަމަވެސް މިދިޔަ ޑިސެމްބަރު މަހު ބާންލީއާ ދެކޮޅަށް ކުޅުނު ފަހުން އޭނާ ޔުނައިޓެޑަށް އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އިބްރަހިމޮވިޗް ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތްކުރިއެވެ. އެހެންނަމަވެސް ޔުނައިޓެޑުން ވަނީ އިބްރާހިމޮވިޗް ދޫކޮށްލުމަށް ފަހު، އަލުން އަނބުރާ އޭނާއާ އެކު އެއްބަސްވުމަކަށް އައިސް ސޮއި ހޯދާފައެވެ.

އިބްރަހިމޮވިޗް ވަނީ އަލުން އެނބުރި އައިސް މިއަހަރުގެ ވޯލްޑް ކަޕްގައި ސްވިޑެންގެ ގައުމީ ޓީމަށް ކުޅޭނެ ކަމުގެ އިޝާރާތެއް ވެސް ދީފައެވެ.

ޔުނައިޓެޑްގައި ހޭދަކުރި ދެ އަހަރުގައި އޭނާ ވަނީ އެ ޓީމަށް 53 މެޗު ކުޅެދީ 29 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ އެ ޓީމާއެކު އިނގިރޭސި ލީގު ކަޕާއި އެފްއޭ ކޮމިއުނިޓީ ޝީލްޑް އަދި ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް