ކ. މާލެ
|
22 މާރޗް 2018 | ބުރާސްފަތި 17:01
ަދަގަނޑޭ ގައުމީ ޓީމުގެ ޖާޒީގައި
ަދަގަނޑޭ ގައުމީ ޓީމުގެ ޖާޒީގައި
އިމޭޖަސް.އެމްވީ
އަލީ އަޝްފާގު (ދަގަނޑޭ)
ސްކޮޑަށް ނެގި ނަމަވެސް ދަގަނޑޭ ދަތުރުގައި ބައިވެރިނުވޭ
ދަގަނޑޭ ބައިވެރިނުވީ ބުރަކަށްޓައް ލިބުނު އަނިޔާއެއްގެ ސަބަބުން

ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރި ކަމުގެ މެޗަށް ނެގި ގައުމީ ޓީމުގެ ސްކޮޑަށް ކެޕްޓަން އަލީ އަޝްފާގު ނެގި ނަމަވެސް އެ މެޗުގައި އޭނާ ނުކުޅޭނެކަން ކަށަވަރުވެއްޖެއެވެ.

ދަގަނޑޭ މި މެޗުގައި ނުފެންނާނެކަން ކަށަވަރުވެގެންދިޔައީ އޭނާ ދަތުރުގައި ބައިވެރިވެފައި ނުވާތީއެވެ. ދަގަނޑޭ މި ދަތުރުގައި ބައިވެރިވެފައި ނުވަނީ އެސްޓީއޯ މާލޭ ލީގުގައި އީގަލްސްއާ ދެކޮޅަށް ކުޅެ 2-2 ގެ ނަތީޖާއަކުން ނިއު ރޭޑިއަންޓް އެއްވަރުވި މެޗުގައި އޭނާގެ ބުރަކަށްޓައް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގެޓް ބުނެފައި ވަނީ މިއީ ސީރިއަސް އަނިޔާއެއް ނޫން ކަމަށާއި އެހެން ނަމަވެސް އޭނާގެ އަނިޔާ އިތުރަށް ބޮޑު ވެދާނެތީ އެ ރިސްކު ނަގަން ބޭނުންނުވަނީ ކަމަށެވެ. ހަމައެހެންމެ ދަގަނޑޭ ދަތުރުގައި ބައިވެރި ވާގޮތަށް އެންމެ ފުރަތަމަ އޮތް ނަމަވެސް ޑޮކްޓަރުންނާ މަޝްވަރާ ކުރުމަށް ފަހު އޭނާއަށް އަރާމުކުރަން ފުރުސަތު ދިނުމުގެ ގޮތުން ދަތުރުގައި ބައިވެރިނުކުރީ ކަމަށެވެ. އޭނާ ބުނީ މިއީ ހުރިހާ ކުޅުންތެރިން ފިޓުކޮށް ބެހެއްޓުގެ ގޮތުން އޭނާ ނިންމި ނިންމުމެއް ކަމަށެވެ.

ސިންގަޕޫރާ ދެކޮޅަށް މާދަމާ ހަވީރު 16:30 ގައި ރާއްޖެ ނުކުންނައިރު އެ މެޗަށް ފަހު ރާއްޖެ ނުކުންނާނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށެވެ. ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ކުޅޭނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް